ތޮއްޖެހިފައިވާ މާލެއަށް ކުރިމަތިވެފައިވާ އިޖްތިމާޢީ މައްސަލަތަކަށް ޙައްލެއް ގެންނެވުމުގެ ގޮތުން މާލޭގައި ހުސްޖާގަ އިތުރުކުރައްވައި، ރައްޔިތުންނަށް އެމީހުންގެ ޢާއިލާތަކާއެކު އުފާވެރި ވަގުތުތައް ހޭދަކޮށްލެވޭނެ ފަދަ ފިނި މައިޒާންތަކާއި، ކުޑަކުދިންގެ ޕާކް ފަދަ ތަންތަން ތަރައްޤީކުރެއްވުމަކީ ސަރުކާރުގެ ބޮޑު އަމާޒެކެވެ.
ރާއްޖޭގެ އާބާދީގެ ތިންބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުން މާލޭގައި ދިރިއުޅެމުން ދިއުމާއެކު، މިފަދަ ފަދަ ހުސްޖާގަތައް އިތުރުކުރެއްވުމުގައި ގިނަ ގޮންޖެހުންތަކެއް ކުރިމަތިވި ނަމަވެސް، ފާއިތުވި ދެތިން އަހަރުގެ ތެރޭގައި ހިތްގައިމު އެތައް ޕާކެއް މިވަނީ ސަރުކާރުގެ ފަރާތުން ޤާއިމުކޮށްދެއްވާފައެވެ. ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކަށް ބެލިކަމުގައިވިޔަސް، ޢާއްމުންގެ ހިތްހަމަޖެހުމަށާއި، އެތަންތަނަށް ޒިޔާރާތްކުރާ ފަތުރުވެރިންގެ ޝައުޤުވެރިކަން ހޯދުމަށް މިފަދަ ޕާކުތައް ތަރައްޤީކުރުމަކީ އެޤައުމުތަކުން ޚާއްޞަ އަހައްމިއްޔަތުކަމެއް ދީގެން ކުރާ މަސައްކަތެކެވެ.
img:http://s4.psmnews.mv/images/660x400/14710202717850.jpg|މާލޭ ސޯޝަލް ސެންޓަރުގެ ގޯތިތެރޭގައި ހަދާފައިވާ ޕާކް- ފޮޓޯ: ޕީއެސްއެމް
ދައުލަތުގެ ބަޖެޓުން އެތަކެއް ފައިސާއެއް ޚަރަދުކުރައްވައިގެން ހައްދަވާ މިފަދަ ޕާކުތަކާއި، ފިނިމައިޒާންތަކުގެ ސަބަބުން ޢާއްމު ރައްޔިތުންނަށް ލިބިގެންދާ ހިތްހަމަޖެހުމާއި އުފާވެރިކަން އެތައް ގުނައެއް އިތުރުވެގެންދެއެވެ. މަސައްކަތުގައި ބުރަކޮށް އުޅުމަށްފަހު، ޢާއިލާގެ މެންބަރުންނާއެކު ނުވަތަ ގާތް ރަޙްމަތްތެރިންނާއެކު ވަގުތު ހޭދަކޮށްލުމަށް މިފަދަ ތަންތަން ބޭނުންކުރާ ފަރާތްތައް މިހާރު ނިސްބަތުން މަދެއް ނޫނެވެ. އެކަން މާލޭގައި ހަދާފައިވާ މިފަދަ ޕާކްތަކާއި މައިދާންތަކަށް ބަލާލުމުން ފެނިގެންދެއެވެ. ޚާއްޞަކޮށް ހަފްތާ ބަންދުތަކުގައި، ޖުމްހޫރީ މައިދާނާއި، ރަސްފަންނާއި، ސުނާމީ ބިނާ މައިޒާންފަދަ ތަންތަން އޮންނަނީ ފުރިބާރުވެފައި ބުނުމަކުން ދޮގަކަށް ނުވާނެއެބެ. ތުއްތު ކުދިންނާއި، އެކި އުމުރުފުރާގެ ޒުވާނުންގެ އިތުރުން ޢުމުރުން ދުވަސްވީ ފަރާތްތަކުންވެސް އެ ތަންތަނުގެ ބޭނުން ހިފަމުންދަނީ ޝައުގުވެރިކަމާ އެކުގައެވެ. މިކަން އެކި ފަރާތްތަކުން ސޯޝަލް މީޑިއަށް އަޕްލޯޑްކުރައްވައި ފޮޓޯތަކާއި، ވީޑިއޯތައް ބަލާލުމުންވެސް އެނގިގެންދެއެވެ.
img:http://s3.psmnews.mv/images/660x400/14710202464400.jpg|މާލޭ ސޯޝަލް ސެންޓަރުގެ ގޯތިތެރޭގައި ހަދާފައިވާ ޕާކް- ފޮޓޯ: ޕީއެސްއެމް
ގެއްލިފައިވާ އިޖްތިމާޢީ ފޭރާން ހަރުދަނާކޮށް، މުޖުތަމަޢުގެ ބަދަހިކަން އިތުރުކުރުމަށް މިފަދަ ތަންތަން މާލޭގައި ޖާގައިގެ ތަނަވަސްކަން ހުރި މިންވަރު އިތުރުކުރެއްވުމުގެ މަސައްކަތް ސަރުކާރުން އަދިވެސް ގެންދަވަނީ ކުރައްވަމުންނެވެ. އެގޮތުން ލިލީމަގާއި، ޗާންދަނީމަގު ގުޅޭ ކަންމަތިން، ދާރުލްއާސާރު ހުރި ބިމުގެ ތެރެއިން ޕާކެއް ހެދުމުގެ މަސައްކަތް މިހާރު ވަނީ ފަށްޓަވާފައެވެ. އެ ސަރަޙައްދަކީ ގިނަ ޢަދަދެއްގެ ސްކޫލް ކުދިންނާއި، އެކުންދިންގެ ބެލެނިވެރިން ގޮސްއުޅޭ ސަރަޙައްދެއްކަމުން، އެ ތަނުގައި ހެދިގެންދާ ޕާކާއެކު، އެ ސަރަޙައްދުގައި ވެހިކަލް ޕާކުކުރާނެ ޖާގަ އިތުރުކުރެވިގެންދާނެ ކަމަށް ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
img:http://s4.psmnews.mv/images/660x400/6356.jpg|މުއިވެޔޮދޮށު މައިޒާން / ފޮޓޯ: ހައުސިންގ މިނިސްޓަރ ޓްވިޓަރ
"މިހާރު ނިންމުމަށް މަސައްކަތް ކުރާ އެއްތަނަކީ ލިލީ މަގުން ލަނބާލާއިރު، ޗާންދަނީ މަގަށްވާގޮތަށް ދާރުލްއާޘާރު ތެރޭގައި ހަދާ ޕާކު. ޕާކް ހެދުމުގެ އިތުރަށް އެކަންމަތިން ޓްރެފިކް ދައުރުވާއިރުގައި ދިމާވާ ދަތިތައް ހައްލުކުރުމަށްޓަކައި އިތުރަށް އެތަނުން ޖާގަ މަގަށް އިތުރުކުރެވިގެންދާނެ. އޭރުން ފަސޭހަވެގެންދާނެ ޓްރެފިކް މޫމަންޓަށް. އެހެންވީމަ އެކަމަށްވެސް ވިސްނައިގެން، ބެލެނިވެރިން ކުދިން ބަލާ ސްކޫލުދަށަށް ދާއިރު މަޑުކޮށްލައިގެން ތިބެން އަދި ވެހިކަލް ޕާކްކުރެވޭނެ ޖާގައާއެކު ހެދިގެންދާނެ ޕާކެއް އެއީ" ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
img:http://s3.psmnews.mv/images/660x400/14616844889553.jpg|ހުޅަނގު ދެކުނު ބަނދަރު ސަރަޙައްދުގައި ސަރުކާރުން ތަރައްޤީކޮށްފައިވާ ރައިވެރިބޭ މައިޒާން
ހެންވޭރު ސޯސަންގޭ ކަންމައްޗަށްވާގޮތަށް މިފަދަ އިތުރު ޕާކެއް ހެއްދެވުމުގެ މަސައްކަތް ބާރު ދުވެއްޔެއްގައި ކުރިއަށްދާއިރު، އެތަނުގެ މަސައްކަތްވެސް ކައިރި މުސްތަޤުބަލެއްގައި ނިމިގެންދާނެކަމަށް ހައުސިންގ މިނިސްޓްރީން ވިދާޅުވެއެވެ. ހަމައެހެންމެ އައިލެންޑް އޭވިއޭޝަންގެ ސީ.އެސް.އާރ ޕްރޮގްރާމްގެ ތެރެއިން، ކާނިވާ ސަރަޙައްދުގައި ތަރައްޤީކުރާ ޕާކަކީވެސް ފާހަގަކޮށްލެވޭ މަސައްކަތެކެވެ. މީގެ އިތުރުން، ވެހިކަލްތަކަށް ނުވަދެވޭގޮތަށް ބަންދުކުރައްވާފައިވާ މަގުތަކަކީ ޢާއްމުންނަށް ހިތްފަސޭހަ ތަންތަނަށް ހެއްދެވުމަށާއި، އެތަންތަނަކީ ޓޫރިސްޓް އެޓްރެކްޝަނެއްގެ ގޮތުގައި ހެއްދެވުމަށް، އެފަދަ މަގުތައްވެސް ރީތިކުރުމުގެ މަސައްކަތް ގެންދަވަނީ ކުރައްވަމުންނެވެ.