ޚަބަރު

ޔުކްރޭން އަތުން ފްރާންސް މޮޅުވެއްޖެ


ފީފާ ވޯލްޑްކަޕްގެ ކޮލިފައިންގައި ރޭ ޔުކްރޭން އާއި ދެކޮޅަށް ފްރާންސް ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ފްރާންސް މޮޅުވެއްޖެ އެވެ.

ޔުކްރޭން ގައި ކުޅުނު މި މެޗުގައި ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅެފައިވަނީ ފްރާންސް އެވެ. އަދި އެ ޓީމުން ވަނީ މި މެޗުގައި ޔުކްރޭންގެ ގޯލަށް ޖުމްލަ 16 ހަމަލައެއް ފޮނުވާލާފަ އެވެ.

މި މެޗުގެ ދިހަވަނަ މިނިޓުގައި ފްރާންސް އިން ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ މައިކަލް އޮލިސޭ އެވެ.

ފްރާންސް އިން މި މެޗުގައި ޖެހި ދެވަނަ ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން އަށް މިނިޓަށް ވެފައިވަނިކޮށް އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ޗޫމޭނީގެ އެސިސްޓަކުން ކިލިއަން އެމްބާޕޭ އެވެ.

ޔޫރަޕްގެ ކޮލިފައިންގެ ގްރޫޕް ޑީ ގައި ފްރާންސް ކުޅުނު ފުރަތަމަ މެޗުން އެ ޓީމު މޮޅުގެފައިވާއިރު ޔޫރަޕްގެ ކޮލިފައިންގައި ހިމެނޭ ގްރޫޕް ތަކުގެ ތެރެއިން ފަސް ޓީމު ހިމެނޭ ޓީމުތައް ވަނީ މީގެ ކުރިން ކޮލިފައިންގެ މެޗުތައް ފަށާފަ އެވެ.