ކުޅިވަރު

ލަންކާ އަށް ނިސްބަތްވާނަމަ އެ މީހަކު ދިރިއުޅޭތަނަކަށް ނުބަލައި ގައުމީ ޓީމަށް ނަގާނަން: ކޯޗު


ސްރީލަންކާ އަށް ނިސްބަތްވާނަމަ އެ މީހަކު ދިރިއުޅުނު ތަނަކަށް ނުބަލައި ގައުމީ ޓީމުން ފުރުސަތު ދޭނެ ކަމަށް ސްރީލަންކާގެ ގައުމީ ޓީމުން ބުނެފި އެވެ.

ރާއްޖެއާއެކު ކުޅޭ ދެ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ކޯޗު އަބްދުﷲ މުތައިރީ މިހެން ބުނީ އެހެން ގައުމުތަކުގައި ދިރިއުޅޭ ލަންކާ އަށް ނިސްބަތްވާ ކުޅުންތެރިންގެ އަދަދު ގައުމީ ޓީމުގައި ގިނަވަމުންދާތީ އެކަމާ ބެހޭ ގޮތުން ނޫސްވެރިން ސުވާލު ކުރުމުންނެވެ.

"އަހަރެން ބަލާކަށް ބޭނުމެއްނޫން އޭނާ އުޅޭ ތަނެއް. އަދި އޭނާ ހުންނަ ތަނެއް ވެސް. އަހަރެންނަށް އޭނާ ނިސްބަތްވަނީ ލަންކާ އަށް ކަމަށް ވަންޏާ އެ ނިމުނީ،" ކޯޗު ބުންޏެވެ.

ރާއްޖެއާ ދެކޮޅަށް ކުޅެން އެކުލަވާލި ލަންކާ ގައުމީ ޓީމުގައި ނޯވޭ އާއި އޮސްޓްރޭލިޔާ އަދި ފްރާންސްގައި އުޅެބޮޑުވި ކުޅުންތެރިން ހިމެނެ އެވެ. މިއާއެކު ލަންކާ ލީގުގައި ކުޅޭ ބައެއް މޮޅު ކުޅުންތެރިން ގައުމީ ޓީމުގައި ހިމަނާފައި ނުވާ ކަމުގެ ޝަކުވާ ވެސް އެބައޮތެވެ. މިކަމާ ބެހޭ ގޮތުން ކޯޗު ބުނީ އޭނާ އެދެނީ ކުޅުންތެރިންނަށް ޕްރެޝަރު ނުކުރަން ކަމަށެވެ.

"މިހާރު ވާ ގޮތަކީ ލަންކާގައި ކުޅޭ ކުޅުންތެރިއަކު ކިރިޔާ ގޯހެއް ހެދި ނަމަވެސް އެ ކުޅުންތެރިއަކާ ދިމާ ކުރުން އޮވޭ. މިއީ ގޯހެއް. ހުރިހާ ކުޅުންތެރިން ވެސް ހަމަހަމަވާނެ. އަހަރެން އެދެނީ ކުޅުންތެރިންނަށް ޕްރެޝަރ ނުކުރަން. އަހަރުމެން މަސައްކަތް މި ކުރަނީ މި މެޗުން މޮޅުވާން،" ކޯޗު ބުންޏެވެ.

ރާއްޖޭގައި 2021 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ނޭޕާލަށް ކޯޗުކޮށްދިން މުތައިރީ ބުނީ ރާއްޖެ އަކީ ވަރުގަދަ ޓީމެއް ކަމަށެވެ. ނަމަވެސް ލަންކާގައި ރާއްޖެ ބަލިކޮށް ސަޕޯޓަރުން އުފާފާޅު ނުކުރާތާ އެތައް ދުވަހެއް ވެފައިވާތީވެ އެކަމަށް ނިމުން ގެންނަން ބޭނުންވާ ކަމަށެވެ.