21 ވަނަ އޭޝިއާ މީޑިއާ ސަމިޓު ތެރެއިން ބައެއް ހަރަކާތްތައް ކުޑަގިރީގައި ކުރިއަށްގެންދިޔުމަށް ވަނީ ނިންމާފައެވެ. މިއަހަރުގެ ސަމިޓު ރާއްޖޭގައި ބޭއްވުމަށް ނިންމާފައިވާއިރު، މި ސަމިޓް ހޮސްޓު ކުރަނީ ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމް އިންނެއެވެ.
މިސަމިޓް ކުރިއަށްދާނީ، މިމަހުގެ 11އިން 14އަށް ވިލާ ނޯޓިކާ ރިސޯޓުގައެވެ. މިއަހަރުގެ ސަމިޓު ބާއްވާނީ، "މޯލްޑިވްސް 2.0 ފްރޮމް ޓްރެޑިޝަން ޓު ޓެކް" މި ޝިއާރުގެ ދަށުންނެވެ.
އޭޝިއާ މީޑިއާ ސަމިޓު މިމަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު އެކަމުގެ އެންމެފަހުގެ ތައްޔާރީތައް ކަމާގުޅުން ހުރި ފަރާތްތަކާ ގުޅިގެން ޕީއެސްއެމްއިން ދަނީ ކުރަމުންނެވެ.
މި ސަމިޓުގެ ތެރެއިން ކުރިއަށްދާ ބައެއް ހަރަކާތްތައް ކުޑަގިރީގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވުމާއެކު ޕީއެސްއެމްގެ ޓީމަކާއި އެޗްޑީސީގެ ޓީމެއް ވަނީ ކުޑަގިރިއަށް ޒިޔާރަތްކޮށްފައެވެ.
ޕީއެސްއެމްގެ ޕްރޮޖެކްޓް ލޭންޑް އެންޑް ޑިވްލޮޕްމަންޓުގެ ޑިޕާޓްމަންޓުގެ ބިޒްނަސް ޑިވްލޮޕްމަންޓު އެގްޒެކެޓިވް އައިޝަތު ލިވާ ޒިޔާދު ވިދާޅުވީ މިފަހަރުގެ ސަމިޓުގައި 35 ޤައުމަކުން 200 އެއްހާ މަންދޫބުން ބައިވެރިވާކަމަށެވެ. މި ސަމިޓުގެ ތެރެއިން ކުޑަގިރީގައި ބާއްވާ ހަރަކާތް ކުރިއަށްދާމޯ އެޗްޑީސީއާ ގުޅިގެންނެވެ.
ލިވާ ވިދާޅުވީ މި ހަރަކާތުގެ ތެރެއިން މުރަކަ އިންދުމުގެ ހަރަކާތެއް ކުރިއަށް ދާނެކަމަށެވެ. އަދި މުނިފޫހިފިލުވުމުގެ ހަރަކާތްތަކާއި، ރާއްޖޭގެ ރީތިކަން ދައްކުވައިދޭނެ އެކި ކަހަލަ ކަންކަން ކުރިއަށްދާނެކަމަށް ވިދާޅުވިއެވެ.
"މި ސަމިޓު 11 އިން 14 އަށް އޮތްއިރު 14 ވަނަ ދުވަހު މިއޮތީ އެކްސްކާޝަން ޑޭ އިވެންޓު،.ދެން އެކްސްކާޝަން ޑޭ އިވެންޓު ކުރިއަށް ގެންދަނީ އެޗްޑީސީއާއި ގުޅިގެން. ކޮރަލް ޕްލާންޓިން އެކްޓިވިޓީއެއް ސަމިޓްގެ އެކްސްކާޝަން ޑޭގެ ތެރެއިން ހިމެނޭނެ. މިއަދު ޕީއެސްއެމްއާއި އެޗްޑީސީ ޓީމްއިން ކުޑަގިރިއަށް ދިޔައީ އަޕްޑޭޓްތައް ބެލުމަށް" ލިވާ ވިދާޅުވިއެވެ.
މި ޒިޔާރަތުގެ ތެރެއިން އެޗްޑީސީގެ ސީއެސްއާރް ޕްރޮޖެކްޓު މެނޭޖަރ އަހުމަދު ޝާމިލް ވިދާޅުވީ ކުޑަގިިރި ކައިރިއަށް ފައްތާފައިވާ ފްލައިޓު ހިމެނޭ ޑައިވް ރެކްގައި މުރަކަ އިންދުމުގެ މަސައްކަތް މި ސަމިޓުގެ ތެރެއިން ކުރިއަށްދާނެކަމަށެވެ.
"ފައްތާފައިވާ ދެ ފްލައިޓް ދޭތެރޭގައި އަންޑަރ ވޯޓަރ ޓަރމިނަލެއް ކްރިއޭޓްކުރުމުގެ މަސައްކަތް މިދަނީ ރޭވެމުން. އޭގެ ފުރަތަމަ ފޭސްއެއްގެ ގޮތުގައި މި ފައްތަނީ 50 ފްރޭމްސް. އެ 50 ޕްރޭމްސްއަށް ފަހުގައި އޭގެ ދެވަނަ ފޭސްއެއްވެސް ކުރިއަށްދާނެ. މީގައި ބައިވެރި އެބަވޭ ވަރަށް ގިނަ ޖަމްޢިއްޔާތަކުން. ކައިރި ރިސޯޓްތަކުން އަދި ވިޒިޓް މޯލްޑިވަސް އަދި ޓޫރިޒަމް މިނިސްޓްރީއިން ބައިވެރިވޭ" ޝާމިލް ވިދާޅުވިއެވެ.
އޭޝިއާ މީޑިއާ ސަމިޓަކ،ީ އޭއައިބީޑީން އިންތިޒާމް ކޮށްގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ އަހަރީ ބައްދަލުވުމެކެވެ. ބްރޯޑްކާސްޓަރުންނާއި، އިންޑަސްޓްރީގެ ތަޖުރިބާ ކާރުންނާއި، މިދާއިރާގެ ތަޢުލީމީ އަދި ފަންނީ ބޭފުޅުންނާއި، ސިޔާސަތު ހައްދަވާ ބޭފުޅުން އެއްތަނަކުން ބައްދަލުވެވަޑައިގެން ކޮންމެ އަހަރަކު ބާއްވާ މިސަމިޓަކީ މީޑިއާ އިންޑަސްޓްރީގެ މުސްތަޤުބަލު ބައްޓަންކޮށް، މުހިންމު ނިންމުންތަކެއް މަޝްވަރާ ކުރާ މުހިންމު ބައްދަލުވުމެކެވެ.