ޚަބަރު

ކިންގްސް ކަޕް: އާރްއާރްސީ އާއި އޭދަފުށީ ސީސީ ފައިނަލަށް


ކްލަބް މޯލްޑިވްސް 2025 ގެ ކިންގްސް ކަޕުގެ ފައިނަލްގެ ޖާގައެއް ރޯޑް ރެކްރިއޭޝަން ކުލަބު (އާރްއާރްސީ) އާއި ބ. އޭދަފުށީގެ ކުލަބު ކޮންބިނޭޝަން ސްޕޯޓްސް ކުލަބު (ސީސީ) އިން ހޯދައިފިއެވެ.

ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުގައި ރޭ ކުޅުނު ސެމީ ފައިނަލް ފުރަތަމަ މެޗު އާރްއާރްސީން ކާމިޔާބުކުރީ ހދ. ނައިވާދޫ އަތުން 4-2 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި އަޙްމަދު އަފްލާޒް ޖެހި ލަނޑުން އާރްއާރްސީން ލީޑުނެގިއިރު، ދެވަނަ ހާފުގައި އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް) ވަނީ އެ ޓީމުގެ ލީޑު ފުޅާކޮށްދީފައެވެ. އޭގެ ފަހުން ޝަނާން ރަޝާދު ކާމިޔާބުކޮށްދިން ދެ ލަނޑާއެކު އާރްއާރްސީން ވަނީ މި މެޗުގައި ހަމަޖެހިލާފައެވެ. އެކަމަކު އޭގެ ފަހުން ކުޅުން ރަނގަޅުކޮށް ނައިވާދުން ވަނީ ދެ ލަނޑެއް ޖަހާފައެވެ. މި ލަނޑުތައް ކާމިޔާބުކޮށްދިނީ އަޙްމަދު ހަމީދު (އައްމަޑޭ) އާއި އަބްދުﷲ ޝާފިއު (ޝާއްޕެ) އެވެ.

މީގެ އިތުރުން މި މުބާރާތުގެ ފައިނަލަށް ސީސީ ދަތުރުކުރީ ޖޯލި މޯލްޑިވްސްއާ ދެކޮޅަށް ކުޅުނު ސެމީ ފައިނަލް ދެވަނަ މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ. މި މެޗުގައި ސީސީން ދެ ލަނޑުވެސް ޖަހާފައިވަނީ މެޗުގެ ދެވަނަ ހާފުގައެވެ. މި ލަނޑުތައް ކާމިޔާބުކޮށްދިނީ މުޙައްމަދު ފާސިރު (ފާއްޓޭ) އާއި، ހިލޭ ޖެހުމަކުން އަޔާޒް އަޙްމަދު (އަޔާ) އެވެ.

އާރްއާރްސީ އާއި ސީސީ ބައްދަލުކުރާ ފައިނަލް މެޗު އޮންނާނީ އަންނަ އަންގާރަ ދުވަހުގެރެއެވެ.