ޚަބަރު

އެކުއަކަލްޗަރ ދާއިރާ ކުރިއެރުވުމަށް ޗައިނާގެ ފުޖިއަން ފިޝަރީޒް އިންސްޓިޓިއުޓާއެކު އެެއްބަސްވުމެއް


  • ޒަމާނީ ޓެކްނޮލޮޖީ ތަޢާރަފްކުރުމަށް ދިރާސާކުރުމާއި އެކުއަކަލްޗަރ ދާއިރާ ކުރިއަރުވާނެ

  • މިއެއްބަސްވުމުގެ ސަބަބުން ދެ ޤައުމުގެ މެދުގައި ޢިލްމީ އަދި ޓެކްނިކަލް ގުޅުން އިތުރަށް ބަދަހިވާނެ

އެކުއަކަލްޗަރ ދާއިރާ ކުރިއެރުވުމަށް މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓާއި ޗައިނާގެ ފުޖިއަން ފިޝަރީޒް އިންސްޓިޓިއުޓާއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މި ފަހުމުނާމާގެ މައިގަނޑު މަޤްޞަދަކީ އެކުއަކަލްޗަރ ދާއިރާ ކުރިއެރުވުމަށް ބޭނުންވާ، ދިވެހިރާއްޖޭގެ މާހައުލާ ގުޅޭ ޒަމާނީ ޓެކްނޮލޮޖީ ތަޢާރަފްކުރުމަށް ދިރާސާކުރުމާއި އެކުއަކަލްޗަރ ދާއިރާ ކުރިއެރުވުމަށާއި ކަނޑުގެ މާހައުލާ ކަނޑުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމާއި ގުޅުންހުރި ދިރާސާކުރުމެވެ.

މަސްވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވީ މި ފަހުމުނާމާ އަކީ ދެމެހެއްޓެނިވިގޮތެއްގައި ކަނޑާއި ކަނޑުގެ ވަސީލަތްތައް ބެލެހެއްޓުމަށް ދިވެހިރާއްޖެއާއި ޗައިނާއިން ދޭ ޚާއްޞަ ސަމާލުކަން ހާމަކޮށްދޭ މުހިންމު ފިޔަވަޅެއްކަަމަށެވެ. މީގެއިތުރުން، މި އެއްބަސްވުމަކީ ދެމެހެއްޓެނިވި ގޮތެއްގައި އެކުއަކަލްޗަރ ދާއިރާ ތަރައްޤީކުރުމަށް އެޅޭ އިތުރު ހަރުދަނާ ފިޔަވަޅެއް ކަމުގައިވެސް އެ ވުޒާރާއިން ފާހަގަކުރެއެވެ.

މި އެއްބަސްވުމުގެ ސަބަބުން ދެ ޤައުމުގެ މެދުގައި ޢިލްމީ އަދި ފަންނީ ގުޅުން އިތުރަށް ބަދަހިވެ، ކަނޑުގެ ދިރުންތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށް މަގުފަހިވެގެންދާނެއެވެ.

މި ފަހުމުނާމާގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓްގެ ޑިރެކްޓަރ ޖެނެރަލް މުޙައްމަދު ޝިމާލް އެވެ. މި ރަސްމިއްޔާތުގައި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ފުޅާކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން މެރިކަލްޗަރ އަކީ ވަކި ސިނާޢަތެއްގެ ގޮތުގައި ތަރައްގީ ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ މުހިންމު އަމާޒެކެވެ. މި ފަހުމުނާމާއަކީ ރައީސް މުއިއްޒުގެ އެ އަމާޒު ޙާޞިލްކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.