ޚަބަރު

ޤައުމީ ޓީމަށް މަރުހަބާ ކިޔުން ހަވީރު، ސަޕޯޓަރުން ރަތް ހެދުމުގައި ގަލޮޅު ދަނޑަށް!


ސައުތު އޭޝިއަން ސުޕަ ކަޕް 2025 ގައި ރާއްޖޭގެ ގައުމީ ޓީމު ހޯދި ފަޚުރުވެރި ކާމިޔާބީއާ ގުޅިގެން ޓީމަށް މަރުހަބާ ކިޔުމަށް މިއަދު ހަވީރު ގަލޮޅު ދަނޑުގައި ބޮޑު ހަފުލާއެއް ބާއްވަން ނިންމައިފިއެވެ.

ގަލޮޅު ދަނޑުން ރާއްޖޭގެ ޤައުމީ ޓީމަށް މަރުހަބާ ކިއުމުގެ އިންތިޒާމުތައް ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވުޒާރާ އާއި ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގުޅިގެން ބާއްވާ ހާއްސަ ހަފްލާ އޮންނާނީ މިއަދު ހަވީރު 15:45 ގައެވެ.

މި ހަފްލާއަށް ވީހާވެސް ގިނަ ސަޕޯޓަރުން ރަތް ކުލައިގެ ހެދުމުގައި ގަލޮޅު ދަނޑަށް އައުމަށް ކުޅިވަރު ވުޒާރާއިން ވަނީ ހުރިހާ ރައްޔިތުންނަށް ދައުވަތުދީފައެވެ.

ސްރީލަންކާ އަތުން ހޯދި ބޮޑު މޮޅާއެކު ރާއްޖެއިން އުފުލާލި ސުޕަ ކަޕް ޓްރޮޕީއާއި އެކު ފޮޓޯ ނެގުމާއި، ޤައުމީ ޓީމު ކުޅުންތެރިންނާއެކު ފޮޓޯ ނެގުން އަދި އުފާވެރި ވަގުތުކޮޅެއް ޓީމާއެކު ހޭދަކޮށްލުމުގެ ފުރުސަތު ހުރިހާ ރައްޔިތުންނަށް ވަނީ ހުޅުވާލާފައެވެ.

މިއަދު މެންދުރު ޤައުމީ ޓީމުގެ ކުޅުންތެރިން ރާއްޖެ އައުމަށް ހަމަޖެހިފައިވާއިރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ވީއައިޕީ ލައުންޗުން ކުޅުންތެރިންނަށް ހޫނު މަރުހަބާއެއް ކިޔުމަށްވެސް ކުޅިވަރު ވުޒާރާއިން ވަނީ އިންތިޒާމުތައް ހަމަޖައްސާފައެވެ. އެއާޕޯޓުން ރާއްޖޭގެ ކުޅިވަރު އާއިލާގެ އިސްވެރިން ގައުމީ ޓީމަށް މަރްހަބާ ކިއުމަށް ހަމަޖެހިފައިވާއިރު ގައުމީ ޓީމު ބަހުގައި މާލެ އައިސް ގަލޮޅު ދަނޑަށް އަންނާނީ ބޮޑުތަކުރުފާނުމަގުން ގޮސް ދަރުމަވަންތަ ހޮސްޕިޓަލް ކައިރިން ވަށާލައިގެން އައިސް މަޖީދީމަގުންނެވެ.

ވީހާވެސް ގިނަ ދިވެހިން، ދިވެހިންގެ ފަހުރުކަމުގައިވާ ޤައުމީ ފުޓްބޯޅަ ޓީމަށް މަރްހަބާ ކިއުމަށް ގަލޮޅޫ ދަނޑަށް ދިއުމަކީ ކުޅިވަރު ވުޒާރާއާއި އެފްއޭއެމްގެ ވަރަށް ބޮޑު އެދުމެކެވެ.