ރާއްޖޭގައި އީކޮމާރސްއާއި އޮންލައިން ވިޔަފާރިކުރާ އަދި އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ޚާއްސަކޮށްގެން އޮންލައިން ވޯކްޝޮޕެއް ބޭއްވުމަށްވަނީ ހަމަޖެހިއްޖެއެވެ.
މި ވޯކްޝޮޕާ ގުޅޭގޮތުން އިޤްތިސާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވީ މިއީ އެވުޒާރާއާއި ދުނިޔޭގެ ނަންމަޝްހޫރު އީކޮމަރސް ޕްލެޓްފޯމްތަކާއެކު ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށްގެންދާ ވޯކްޝޮޕެއްކަމަށެވެ.
ރާއްޖޭގެ އީކޮމާރސް އަދި އޮންލައިން ވިޔަފާރިކުރާ އަދި އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ޚާއްސަކޮށްގެން ބާއްވާ މި ވޯކްޝޮޕް އޮންނާނީ މިމަހުގެ 16ވަނަ ދުވަހު އޮންލައިންކޮށެވެ.
މި ވޯކްޝޮޕްގައި މަޢުލޫމާތު ހިއްސާކުރައްވާނީ އަލީބާބާ ޑޮޓް ކޮމްގެ ތަޖުރިބާކާރުންކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ސައީދު ވިދާޅުވީ އެ ވުޒާރާއާއި އަލީބާބާއިން ކުރެވުނު މަސައްކަތުގެ ސަބަބުން ދިވެހީންގެ ތެރޭގައި އޮންލައިން ވިޔަފާރިކުރަން ބޭނުންވާ ފަރާތްތަކަށް އަލީބާބާ ޑޮޓް ކޮމްގެ ޕްލެޓްފޯމްގައި އެފަރާތްތަކުގެ މުދާ އޮންލައިންކޮށް ވިއްކޭނެ ގޮތަށް، ސެލާރ އެކައުންޓް ހުޅުވޭނެ ފުރުޞަތު ފަހިވެގެންދާނެކަމަށެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެއްކަމުގައިވާ ދުނިޔޭގައި އެންމެ ފުޅާ ދާއިރާއެއްގައި ބޭނުންކުރެވެމުންދާ އީކޮމާރސް ޕްލެޓްފޯމްތަކުގައި ދިވެހީންނަށް ސެލަރ އެކައުންޓްސް ހުޅުވޭނެގޮތް ހަދައިދީ، މި ޕްލެޓްފޯމްތަކުގައި އޮންލައިން ވިޔަފާރި ކުރެވޭނެގޮތް ހަމަޖައްސަވައިދެއްވުމަށް، ވެވަޑައިގެންނެވި ވަޢުދުފުޅު ފުއްދެވުމުގެ މަސައްކަތްކުރުމުގެ ތެރެއިން އެޅިގެންދާ ފުރުސަތަކެއްގެ ގޮތުގައި ވަޒީރު ސައީދު ފާހަގަކުރެއްވިއެވެ.
ރާއްޖޭގައި ހަރަކާތްތެރިވާ ކުދި ފަންތިއާއި މެދު ފަންތީގެ ވިޔަފާރިތައް ކުރިއަރުވައި އެ ވިޔަފާރިތަކަށް ރާއްޖެއާއި ރާއްޖެއިން ބޭރުން ގިނަ ފުރިސަތުތައް ހޯދައިދިނުމަކީ ސަރުކާރުގެ އަމާޒެކެވެ. އެގޮތުން ރާއްޖެއިން ބޭރުގެ އޮންލައިން ޕްލެޓްފޯމްތައް ބޭނުންކޮށްގެން ވިޔަފާރިކުރެވޭނެ ފަހި ގޮތްތައް ހަމަޖައްސަވައިދެއްވުމަށް ދަނީ މަސައްކަތް ކުރައްވަމުންނެވެ.