ޚަބަރު

ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް އަޅަން އެމްޓީސީސީއަށް


  • މި މަސައްކަތުގެ އަގު 1.81 މިލިއަން ރުފިޔާއަށް އަރާ

  • 120 ދުވަސް ތެރޭ މަސައްކަތް ނިންމަންޖެހޭނެ

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ޤާއިމްކުރުމުގެ މަޝްރޫޢު، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.

މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކުރުމަށް ޙާއްސަ ރަސްމިއްޔާތެއް ކުޅިވަރާ ބެހޭ ވުޒާރާގައި ބާއްވާފައިވާއިރު ވުޒާރާގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރު މުޙައްމަދު ކިނާނެވެ. އަދި އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދެވެ.

އެމްޓީސީސީން މައުލޫމާތުދޭ ގޮތުގައި މި މަޝްރޫޢުގެ ދަށުން ދެއްވަދޫ ހޭންޑްބޯޅަ ކޯޓުގެ ކޮންކްރީޓް މަސައްކަތްތަކާއި، ދަގަނޑު ހަރުކުރުމުގެ މަސައްކަތުގެ އިތުރުން އިކުއިޕްމަންޓް ހަރުކުރުމުގެ މަސައްކަތްތައް އެ ކުންފުނިން ކުރާނެއެވެ. އަދި ކަރަންޓުގެ މަސައްކަތްތަކާއި ޓާފް އެޅުމުގެ މަސައްކަތް ވެސް އެ ކުންފުނިން މި މަޝްރޫޢުގެ ދަށުން ކުރާނެއެވެ.

މި މަޝްރޫއަކީ 1.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. އަދި މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ 120 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.

1400 އެއްހައި މީހުންގެ އާބާދީއެއް އޮންނަ ދެއްވަދޫގައި ޤާއިމްކުރެވޭ މި ހޭންޑްބޯޅަ ކޯޓާއެކު، އެރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ސިއްޙީ އަދި އިޖުތިމާޢީ ގޮތުން އެތައް ފައިދާތަކެއް ވާނެކަމަށް ސަރުކާރުން ގަބޫލުކުރެއެވެ.

ސަރުކާރުން އަންނަނީ މާލޭގެ އިތުރުން އަތޮޅުތެރޭގައި ވެސް ކުޅިވަރު ކުޅޭނެ ދަނޑުތަކާއި ކޯޓުތައް އަދި ވަސީލަތްތައް ގާއިމްކުރުމުގެ މަސައްކަތް ކުރަމުންނެވެ. އަދި އެތަންތަން ބަލަހައްޓައި، މެއިންޓެނެންސްގެ މަސައްކަތް ކުރުމަށްޓަކައި ރަށްރަށުގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތަކުގައި މުވައްޒަފުން ބޭތިއްބުމަށް ވެސް ސަރުކާރުން ވަނީ ނިންމާފައެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުޅިވަރުގެ ފެންވަރު ރަނގަޅު ވަސީލަތްތައް ގާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހާއްސަ އިސްކަމެއް ދެއްވާކަމެކެވެ. އަދި މި ވަސީލަތްތަކާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުން ގައުމީ ޓީމަށް ކުޅޭ ފެންވަރުގެ ކުޅުންތެރިން އުފެއްދުން އެއީ ސަރުކާރުގެ އަމާޒެކެވެ.