ޚަބަރު

ވޯލްޑް ކަޕްގައި ވާދަކުރާ ރާއްޖޭގެ ކެރަމް ޓީމު އެކުލަވާލައިފި


ރާއްޖޭގައި ބާއްވާ 7 ވަނަ ކެރަމް ވޯލްޑް ކަޕްގައި ރާއްޖެ ތަމްސީލުކުރާނެ ކުޅުންތެރިންގެ ސްކޮޑް ކަނޑައަޅައިފިއެވެ.

ގައުމީ ކެރަމް ޓީމު ހޮވުމަށް ބޭއްވި ސިލެކްޝަން މެޗުތައް ނިމިފައިވާއިރު ގައުމީ ކެރަމް ސްކޮޑަށް ވަނީ އަންހެން 5 ކުޅުންތެރިންނާއި ފިރިހެން 5 ކުޅުންތެރިން ހޮވާފައެވެ.

ކެރަމް ވޯލްޑް ކަޕްގައި ވާދަކުރާ ސްކޮޑަށް ހޮވުނު އަންހެން ކުޅުންތެރިންނަކީ އައިޝަތު ނަހުފާ، ފާތިމަތު ރަޔާނާ، އައިޝަތު ފައިނާޒް، އައިމިނަތު ވިދާދު އަދި އައިމިނަތު ވިޝާމާއެވެ.

ކެރަމް ވޯލްޑްކަޕްގައި ވާދަކުރާ ސްކޮޑަށް ހޮވުނު ފިރިހެން ކުޅުންތެރިންނަކީ އިބްރާހިމް ހުޖާން އަލީ، ހަސަން ނާޒިމް، އިސްމާއިލް އަޒްމީން، އާދަމް އަދީލް އަދި މުހައްމަދު މުންތަސިރެވެ.

7 ވަނަ ކެރަމް ވޯލްޑްކަޕް އޮންނާނީ ޑިސެމްބަރު 2-6 އަށް ރާއްޖޭގައެވެ. މުބާރާތް ކުރިޔަށްދާނީ ބާސެލޯ ނަސަންދުރައިގައެވެ.

މިދިޔަ އަހަރު ބޭއްވި ކެރަމް ވޯލްޑް ކަޕް އޮތީ އެމެރިކާގެ ކެލިފޯނިއާގައެވެ. އެ މުބާރާތުން ރާއްޖޭގެ އަންހެން އަދި ފިރިހެން ޓީމުން ވަނީ ލޯ މެޑަލް ހޯދާފައެވެ. ފިރިހެން ޓީމުން ތިން ވަނަ ހޯދީ ސިންގަޕޫރު ބަލިކޮށްގެންނެވެ. ރާއްޖެއިން ތިން ވަނަ ހޯދީ އެމެރިކާ ބަލިކޮށްގެންނެވެ.

ކެރަމް އެސޯސިއޭޝަނުން ބުނީ މި އަހަރުގެ މުބާރާތުގައި ރާއްޖޭގެ ކުޅުންތެރިން ކުރިޔަށްވުރެ ރަނގަޅު ކާމިޔާބީއެއް ހޯދުމަށް މަސައްކަތް ކުރާނެކަމަށެވެ. ރާއްޖެއިން ވަނީ 2014 ވަނަ އަހަރުވެސް ކެރަމް ވޯލްޑް ކަޕް ހޯސްޓްކޮށްފައެވެ.