ރާއްޖެއަށް ދިމާވެފައިވާ މާލީ ދަތިތަކުން އަރައިގަތުމުގައި ޗައިނާގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ރާއްޖެއަށް ލިބޭނެކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޒިއަންހުއާ ވިދާޅުވެއްޖެއެވެ.
ޗައިނާ ސަފީރު މިހެން ވިދާޅުވީ ޗައިނާއިން ރާއްޖޭގައި ހިންގާ މަޝްރޫޢުތަކާއި ދެ ޤައުމުގެ ގުޅުމާބެހޭގޮތުން ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުންނެވެ.
ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޒިއަންހުއާ ވިދާޅުވީ، ރާއްޖެއަށް ދިމާވެފައިވާ މާލީ ދަތިތަކުން އަރައިގަތުމަށްޓަކައި ޗައިނާއިން އެހީވުމަށް ދިވެހި ސަރުކާރާއެކު ރޭވުންތަކެއް ރާވަމުންދާ ކަމަށެވެ. އަދި މިކަމުގެ ކަރުދާސް މަސައްކަތްތައް މިމަހުގެ ނިޔަލަށް ނިންމާލެވޭނެކަމަށް ސަފީރު ވިދާޅުވިއެވެ.
ޗައިނާ ސަފީރު ވިދާޅުވީ ރާއްޖެއަށް އެހީދިނުމަށް ނިންމާފައިވަނީ އިތުރު މާލީ ބުރައެއް ރާއްޖެއަށް އުފުލަންނުޖެހޭނެ ގޮތަށް ކަމަށެވެ. އަދި މާލީ ދަތިތަކުން އަރައިގަތުމުގައި ޗައިނާގެ އެއްބާރުލުން ރާއްޖެއަށް ލިބޭނެކަމަށް ވިދާޅުވެ ސަފީރު ވަނީ މާލީ ހާލަތު މެނޭޖްކުރުމުގައި ސަރުކާރަށް އިތުބާރުކުރުމަށް އެދިވަޑައިގެންފައެވެ.
"ދުރު ރާސްތާއެއްގައި ލޯނުތައްވެސް ދެއްކޭނެ ފަދަ ލުއި އިންތިޒާމެއް ހަމަޖެއްސުމަށް މަސައްކަތްކުރަމުންދަނީ." ޗައިނާ ސަފީރު ވިދާޅުވިއެވެ.
ޗައިނާ ސަފީރު ވަނީ އެ ޤައުމުގެ ހިލޭ އެހީގައި ރާއްޖޭގައި ހިންގާ ބައެއް މަޝްރޫޢުތަކުގެ އަދާހަމަވެސް ހިއްސާކުރައްވާފައެވެ. އެ ގޮތުން ވިލިމާލޭގައި އަޅާ ހޮސްޕިޓަލުގެ ޑިޒައިން ބިޑިން މަރުޙަލާއަށް މިހާރު ހުޅުވާލާފައިވާ ކަމަށާއި ވިލިމާލެއާއި މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢު ފެށުމަށްޓަކައި ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާކަން ސަފީރު ފާހަގަކުރެއްވިއެވެ. އަދި 50 ކައުންސިލް އިދާރާ އެޅުމުގެ މަޝްރޫޢު ފެށުމަށްޓަކައި ހަދަންޖެހޭ އޮން-ސައިޓް ފީސިބިލިޓީ ސްޓަޑީ ހަދައި ނިމިފާވާކަމަށްވެސް ސަފީރު ވިދާޅުވިއެވެ.
މީގެ އިތުރުން މިފަހުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޗައިނާއަށްކުރެއްވި ދަތުރުފުޅާއެކު ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެ، ރާއްޖެއަށް ގިނަ ފައިދާތަކެއްކުރާނެކަން ސަފީރު ފާހަގަކުރެއްވިއެވެ. އެގޮތުން ދަނޑުވެރިކަމާއި ބިނާރާއި މަސްވެރިކަމާއި އިޢާދަކުރަނިވި ހަކަތައާއި ތަޢުލީމުގެ ދާއިރާއިން 11 ފަހުމުނާމާއެއްގައި ސޮއިކުރެވި، މި ދާއިރާތަކުން ކުރިއެރުން ހޯދުމުގައި މުހިންމު ދައުރެއް ޗައިނާއިން އަދާކުރާނެކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވިދާޅުވިއެވެ.