ޚަބަރު

ނިއޮނޭޓަލް ނަރސަސް ކޮންފަރެންސް: ބައިވެރިންނަށް މުހިންމު ގިނަ ކަންތައްތަކެއް ދަސްވި


  • މިއީ އުފަންވާއިރު ނާޒުކު ޙާލަތުގައި ތިބޭ ކުދިންނަށް ދޭ ފަރުވާ ހަރުދަނާކުރުމަށް ގެންދިޔަ ކޮންފަރެންސްއެއް

  • މިއީ މިފަދަ ފުރަތަމަ ކޮންފަރެންސް

  • ކޮންފަރެންސް ކުރިއަށްގެންދިޔައީ ދެ ދުވަހަށް

އުފަންވުމުގައި ނާޒުކު ކުޑަކުދިންނަށް ދޭ ފަރުވާގެ ނިޒާމު ހަރުދަނާކުރުމަށް ކުރިއަށްގެންދިޔަ ރާއްޖޭގެ ފުރަތަމަ "ނިއޮނޭޓަލް ނަރސަސް ކޮންފަރެންސް" ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މި ކޮންފަރެންސަކީ މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން އިސްނަގައިގެން ކުރިއަށްގެންދިޔަ ކޮންފަރެންސެކެވެ.

މި ކޮންފަރެންސްގައި މާލެއާއި އަތޮޅުތަކުގެ ހޮސްޕިޓަލްތަކަށް ބައިވެރިވުމުގެ ފުރުޞަތު ވަނީ ފަހިކޮށްދީފައެވެ. އެގޮތުން މާލެ ސަރަޙައްދުގެ ހޮސްޕިޓަލްތަކުގެ އިތުރުން ރީޖަނަލް ހޮސްޕިޓަލްތަކުން، ކޮންމެ ހޮސްޕިޓަލަކުން ދެ ނަރުހުން ވަނީ ބައިވެރިވެފައެވެ. މި ކޮންފަރެންސްގައި ބައިވެރިވި 40 ނަރުހުންގެ އިތުރުން، އޮންލައިންކޮށް 30 އަށްވުރެ ގިނަ ފަރާތުން ބައިވެރިވެފަވެއެވެ.

މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން ވިދާޅުވީ، މި ކޮންފަރެންސަކީ ވަރަށް ކާމިޔާބު ކޮންފަރެންސެއްކަމަށާއި، ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ހޮސްޕިޓަލްތަކުގައި އެއް ހަމައެއްގައި ހިފެހެއްޓުމަށް ދެވިގެންދިޔަ ވަރަށް މުހިންމު ފުރުޞަތެއްކަމަށެވެ. މި ކޮންފަރެންސްގައި މަޝްވަރާތަކާ ތަމްރީންތައް ދިނުން ކުރިއަށްގެންގޮސްފަވެއެވެ. އަދި އައު ޓެކްނޮލޮޖީއާއި ވަސީލަތްތަކަށް އަހުލުވެރިކުރުމާއި، ޚިދުމަތް ދިނުމުގައި ޕޭޝަންޓުންނަށް ބޭނުންވާ ރައްކާތެރިކަމާއި އަޅާލުމާއި އޯގަތެރިކަން ދިނުމުގެ މުހިންމުކަމުގެ މައްޗަށްވެސް ވަނީ އަލިއަޅުވާލާފައެވެ.

މި ކޮންފަރެންސްގެ ބައިވެރިން ވަނީ މުހިންމު ގިނަ ކަންތައްތަކެއް ދަސްވިކަން ފާހަގަކޮށްފައެވެ.

"ޚިދުމަތް ދިނުން ހަރުދަނާކޮށް އަދި ހެލްތްކެއަރގެ އާ ވަސީލަތްތަކަށްވެސް އަހުލުވެރިވެއްޖެ. ރަށަށް ގޮސްފަ، އެހެން ނަރުހުންނަށްވެސް މި މަޢުލޫމާތުދީ ދަސްވި ކަންކަން ޙިއްސާކުރާނަން. މި މުހިންމު ކޮންފަރެންސް، ކުރިއަށް އޮތް އަހަރުތަކުގައިވެސް ކުރިއަށްދާނެކަމަށް އުއްމީދުކުރަން." ބައިވެރިން ފާހަގަކުރިއެވެ.

ނިއޮނޭޓަލް ނުވަތަ އުފަންވާ ތުއްތު ކުދިންނަށް ދެވޭ ޚާއްސަ ފަރުވާ ރާއްޖޭގައި ފުރަތަމަ ފެށީ 1995 ވަނަ އަހަރުގެ ތެރޭގައެވެ. މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން ޚިދުމަތްދެމުންދާ އައިޖީއެމްއެޗްގެ އެންއައިސީޔޫގައި 18 އެނދު، ހުޅުމާލޭ ހޮސްޕިޓަލުގައި 14 އެނދު އަދި ދަރުމަވަންތަ ހޮސްޕިޓަލުގެ އެންއައިސީޔޫގައި 10 އެނދާއެކު ޖުމްލަ 40 އެނދު މާލެ ސަރަޙައްދުގައި ފަރުވާގެ ނިޒާމުގައި ޤައިމުކޮށްފައެބަހުއްޓެވެ. އަހަރަކު ގާތްގަނޑަކަށް 1000އެއްހާ ކުދިންނަށް، ނާޒުކު ޙާލަތުގެ ފަރުވާ ދޭންޖެހެއެވެ.

2 ދުވަހުގެ މި ކޮންފަރެންސް ނިންމާލާފަވާއިރު، ކުރިމަގުގައި މި ކޮންފަރެންސް މިއަށްވުރެ ފުޅާކޮށް، ގިނަ ބައިވެރިންނަށް ބައިވެރިވެވޭގޮތަށް ކުރިއަށްގެންދިއުމަކީ އަމާޒުކަމަށް މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން ފާހަގަކުރެއެވެ.