ރާއްޖޭގައި އީކޮމާރސްއާއި އޮންލައިން ވިޔަފާރިކުރާ އަދި އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ޚާއްސަކޮށްގެން އަލީބާބާއާ ގުޅިގެން ބާއްވާ އޮންލައިން ވޯކްޝޮޕަށް މިހާތަނަށް 150 ވުރެ ގިނަ ބައިވެރިން ރަޖިސްޓްރީވެއްޖެއެވެ.
މިއީ އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއާއި ދުނިޔޭގެ ނަން މަޝްހޫރު އީކޮމަރސް ޕްލެޓްފޯމްތަކާއެކު ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށްގެންދާ ވޯކްޝޮޕެކެވެ.
ރާއްޖޭގެ އީކޮމާރސް އަދި އޮންލައިން ވިޔަފާރިކުރާ އަދި އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ޚާއްސަކޮށްގެން ބާއްވާ މި ވޯކްޝޮޕް އޮންނާނީ މިމަހުގެ 16 ވަނަ ދުވަހު އޮންލައިންކޮށެވެ. މި ވޯކްޝޮޕުގައި ބައިވެރިވާން ރަޖިސްޓްރޭޝަނަށް ހުޅުވާލިތާ 24 ގަޑިއިރުގެ ތެރޭގައި 155 ދިވެހި ވިޔަފާރިވެެރިއަކު ރަޖިސްޓްރީވެފައިވާކަމަށް ވިޔަފާރިއާ ބެހޭ ވަޒީރު ވަނީ ހާމަކުރައްވާފައެވެ.
We’re pleased to announce that over 155 Maldivian entrepreneurs have registered for our https://t.co/deQpknEn6f E-commerce Workshop—in just 24 hours.
— Mohamed Saeed (@em_saeed) September 11, 2025
Registration closes September 13.
Reserve your spot herehttps://t.co/ksYO5bssGA@MoEDmv
މި ވޯކްޝޮޕްގައި މަޢުލޫމާތު ހިއްސާކުރާނީ އަލީބާބާ ޑޮޓް ކޮމްގެ ތަޖުރިބާކާރުނެވެ. ދިވެހީންގެ ތެރޭގައި އޮންލައިން ވިޔަފާރިކުރަން ބޭނުންވާ ފަރާތްތަކަށް އަލީބާބާ ޑޮޓް ކޮމްގެ ޕްލެޓްފޯމްގައި އެފަރާތްތަކުގެ މުދާ އޮންލައިންކޮށް ވިއްކޭނެ ގޮތަށް، ސެލާރ އެކައުންޓް ހުޅުވޭނެ ފުރުޞަތު ފަހިވެގެންދާނެއެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެއްކަމުގައިވާ ދުނިޔޭގައި އެންމެ ފުޅާ ދާއިރާއެއްގައި ބޭނުންކުރާ އީކޮމާރސް ޕްލެޓްފޯމްތަކުގައި ދިވެހީންނަށް ސެލަރ އެކައުންޓްސް ހުޅުވޭނެގޮތް ހަދައިދީ، މި ޕްލެޓްފޯމްތަކުގައި އޮންލައިން ވިޔަފާރި ކުރެވޭނެގޮތް ހަމަޖައްސަވައިދެއްވުމަށް، ވެވަޑައިގެންނެވި ވަޢުދުފުޅު ފުއްދެވުމުގެ މަސައްކަތްކުރުމުގެ ތެރެއިން އެޅިގެންދާ ފުރުސަތަކެއްގެ ގޮތުގައި ވަޒީރު ސައީދު ފާހަގަކުރެއްވިއެވެ.
ރާއްޖޭގައި ހަރަކާތްތެރިވާ ކުދި ފަންތިއާއި މެދު ފަންތީގެ ވިޔަފާރިތައް ކުރިއަރުވައި އެ ވިޔަފާރިތަކަށް ރާއްޖެއާއި ރާއްޖެއިން ބޭރުން ގިނަ ފުރިސަތުތައް ހޯދައިދިނުމަކީ ސަރުކާރުގެ އަމާޒެކެވެ. އެގޮތުން ރާއްޖެއިން ބޭރުގެ އޮންލައިން ޕްލެޓްފޯމްތައް ބޭނުންކޮށްގެން ވިޔަފާރިކުރެވޭނެ ފަހި ގޮތްތައް ހަމަޖައްސަވައިދެއްވުމަށް ދަނީ މަސައްކަތް ކުރައްވަމުންނެވެ.