ކޮންމެ ޤައުމެއްގައިވެސް ނޫސްވެރިންނަކީ ބޮޑު މިނިވަންކަމެއް ލިބިދީފައިވާ ބައެކެވެ. އެ މީހުންގެ ލިޔުންތަކުގެ ބާރުން ސަރުކާރުތައް ޒިންމާދާރުކުރެވި އިޖުތިމާޢީ ސުލޫކު ހިފެހެއްޓުމަށް ބާރަކަށްވެއެވެ. މި ސަބަބާހުރެ ރާއްޖޭގައިވެސް މިނިވަންކަމާއެކު މަސައްކަތްކުރުމުގެ ފުރުޞަތު ނޫސްވެރިންނަށް އޮތީ ވަރަށް ބޮޑަށް ހުޅުވާލާފައެވެ.
ޚާއްސަކޮށް އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ނޫސްވެރިންނަށް ފަހި ފުރުޞަތުތަކެއް ފަހިވެގެންގޮސްފައިވާކަން ފާހަގަކޮށްލެވެއެވެ. ރައީސް ޑރ. މުޢިއްޒު 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރައްވައި، އިންތިޚާބީ ރައީސެއްގެ ގޮތުގައި ހުންނަވައިގެން އެންމެ ފުރަތަމަ ބައްދަލުކުރެއްވި ފަރާތްތަކުގެ ތެރޭގައި މީޑިއާގެ ދާއިރާގައި މަސައްކަތްކުރައްވާ ނޫސްވެރިން ހިމެނެއެވެ. މި ގުންޒަރުގެ ތެރެއިން ނޫސްވެރިންގެ ކަންބޮޑުވުންތައް އަޑު އެެއްސެވިއެވެ. އަދި ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ދާއިރާ ހަރުދަނާކުރެއްވުމުގެ މަސައްކަތް ފެށްޓެވިއެވެ. މިގޮތުން އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ މަޢުލޫމާތު ހާމަކުރެއްވުމަށް މި ސަރުކާރުންދެއްވާ ޚާއްސަ އަހަންމިއްޔަތެވެ.
އެގޮތުން މީޑިއާތަކުގެ ކަންބޮޑުވުންތައް އަޑު އެއްސެވުމަށްފަހު ފަސޭހައިން މީޑިއާތަކަށް މަޢުލޫމާތު ހޯދުމުގެ މަގުފަހިކޮށްދެއްވުމުގެ ގޮތުން ސަރުކާރުގެ ކޮންމެ ވުޒާރާއެއްގައި މަޢުލޫމާތު ފަތުރަން ޚާއްޞަ މީޑިއާ ޔުނިޓެއް އެކަމަށް ޚާއްސަ މުވައްޒަފުންނާއި ފުރިހަމަ ވަޞީލަތްތަކާއެކު ފުރަތަމަ ފަހަރަށް ޤާއިމުކުރީ މި ސަރުކާރުންނެވެ.
ތަފާސްހިސާބުތަކަށް ބެލިޔަސް، މީޑިއާތަކަށް މަޢުލޫމާތު ފޯރުކޮށްދިނުމަށް ރައީސް މުޢިއްޒުގެ ސަރުކާރުން ކުރައްވާފައިވާ މަސައްކަތްތައް ގިނަގުނައެވެ. އެގޮތުން ސީދާ ރައީސުލްޖުމްހޫރިއްޔާ ރާއްޖެއާއި ރާއްޖެއިން ބޭރުގެ މީޑިއާތަކަށް 30 އަށްވުރެ ގިނަ ބަސްދީގަތުން ދެއްވާފައިވާއިރު، 1200 އަށްވުރެ ގިނަ ބަސްދީގަތުން ކެބިނެޓު ވަޒީރުން ވަނީ ދެއްވާފައެވެ. މަޢުލޫމާތު ހާމަކުރުމަށާއި ދެފުށް ފެންނަ ސިޔާސަތެއް ގެންގުޅުއްވާކަން ހާމަވެގެންދާ އަނެއް ކަމަކީ އެއްވެސް ހިފެހެއްޓުމެއް ނެތި ސުވާލުކުރެއްވުމަށް ނޫސްވެރިންނަށް ދެއްވި ފުރުޞަތެވެ. މިއަހަރުގެ ނޫސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ނޫސްވެރިން ބޭނުން ސުވާލެއް ކުރެއްވުމަށް ދެއްވި ފުރުޞަތަކީ މީގެ ކުރިން އެއްވެސް ރައީސުލްޖުމްހޫރިއްޔާއަކު ނޫސްވެރިންނަށް ދެއްވާފައިނުވާފަދަ ތަނަވަސް ފުރުޞަތެކެވެ.
ނޫސްވެރިންނަށް މިހާ ބޮޑު މިނިވަންކަމާއި މަޢުލޫމާތު ހާމަކުރުމަށް ސަރުކާރުން ޚާއްސަ އިސްކަމެއްދޭއިރު، ބައެއް ނޫސްވެރިންގެ ކިބައިން ނޫސްވެރިކަމުގެ މިންގަނޑާ ޚިލާފު ބައެއް ޢަމަލު ފެންނަކަމީ ހިތާމަކުރަންޖެހޭ ކަމެވެ. މިފަހުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅުއްވާފައިވާ މީޑިއާ ރެގިއުލޭޝަންގެ ބިލާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރުމުގައި ބައެއް ނޫސްވެރިންގެ ކިބައިން ފެނިގެންދަނީ ސުލޫކީ މިންގަނޑު ނެއްޓި ނޫސްވެރިކަމުގެ ހަމަތަކުންވެސް އެއްކިބާވާ މަންޒަރެވެ. މިއީ ކަންކަން ރަނގަޅު ކުރަން ތިބޭ ބައެއްގެ ކިބައިން ފެނިގެން ނުވާފަދަ މަންޒަރުތަކެވެ. ވަކި ޚިޔާލަކަށް ބުރަވެ ތިބި އެކްޓިވިސްޓުންގެ ލޭބަލް ނޫސްވެރިންގެ ބޮލުގައި އެޅުވުމުގެ ފުރުޞަތު އެއްގޮތަކަށްވެސް ދީގެން ނުވާނެވެ. މިއީ ނޫސްވެރިކަމުގެ އަޚުލާޤީ މިންގަނޑުތަކާ މުޅިން ޚިލާފު ކަމެކެވެ.
ޚަބަރާއި މަޢުލޫމާތު ފަސޭހައިން ފޯރުކޮށްދިނުމަށް ރައީސް އޮފީހުގެ ކައިރީގައި ޤާއިމުކުރި މީޑިއާ ފެންޑާ ހުޅުވިތާ 3 މަހަށްވުރެ ގިނަ ދުވަސްވެގެންދިޔައިރު، އެ ފެންޑާ މިއަދު ބައެއް ނޫސްވެރިން ބޭނުންކުރަމުންދަނީ އެއްވެ އުޅުމާއި އިހުތިޖާޖުކުރުން މަނާ ސަރަހައްދެއްގައި އިހުތިޖާޖުކުރުމުގެ ބޭނުމުގައެވެ. އެ ފެންޑާ ޤާއިމުކުރި މަޤުޞަދު، މިއަދު ވަނީ ގެއްލުވާލައިފައެވެ. ވަކި އުޞޫލަކާއި ހަމަތަކެއްގެ ތެރެއިން އެ ފެންޑާ ބޭނުންކުރަން އޮންނައިރު، އެ ހަމަތަކުން ބޭރުން އެ ތަން ބޭނުންކުރުމަކީ ނޫސްވެރިންގެ ކިބައިން ފެނިގެންވާނެ މަންޒަރެއް ނޫނެވެ.
މީގެ އިތުރުން ޤައުމުގެ ރައީސުލްޖުމްހޫރިއްޔާއަށް އަދާކުރަންވާ ޙައްޤު އިޙުތިރާމާއި ޤަދަރު ނަގާލައި، އެމަނިކުފާނުގެ ފަހަތްޕުޅުން އަޑުގަދަކުރަމުން ދިއުމަކީވެސް ނޫސްވެރިންގެ ކިބައިން މިފަހުން ފެނުނު ނާތަހުޒީބު ޢަމަލެވެ. މިނިވަންކަން ކިތަންމެ ވަރަކަށް އޮތަސް، ނޫސްވެރިން "ގޮތުގައި" ތިބުމަކީ މުހިންމު ކަމެވެ. މުޖުތަމަޢުގައި ޤަދަރުވެރި، މީހުންގެ އިޙުތިރާމު ލިބޭ ބަޔަކަށް ނޫސްވެރިންވާނީ އޭރުންނެވެ.
ހަމައެއާއެކު ޤައުމެއްގެ ޤާނޫނު ހަދައި މަޖިލީހުގައި ޚާއްސަ އުޞޫލުތަކާއި ޢަމަލުކުރަންވީ ރިވެތި ގޮތްތަކެއް އޮންނައިރު، އެ ކަންކަމަށްވެސް ބެލުމެއް ނެތި ޢަމަލުތައް ބެހެއްޓުމަކީވެސް ކޮށްގެންވާނެ ކަމެއް ނޫނެވެ. ނަމަވެސް މިފަދަ މަންޒަރުތައް ބައެއް ނޫސްވެރިންގެ ކިބައިން ވަނީ މިފަހުން ފެނިފައެވެ.
ކޮންމެ ނޫސްވެރިއަކުވެސް ވަކި ކޮޅަކަށް ނުޖެހި މަސައްކަތްކުރާއިރު، ޤާނޫނާއި ގަވާއިދުތަކާއި ޢާންމު އިޖުތިމާޢީ ރިވެތި އަދަބުތަކުގެ މަތީގައި ހުންނަން މަސައްކަތްކުރަންޖެހެއެވެ. ނޫސްވެރިންނަށް ލިބިދީފައިވާ މިނިވަންކަމުގެ ބޭނުން ނަހަމަ ގޮތުގައި ހިފުމަކީ އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއް ނޫންކަން ދަންނަންޖެހެއެވެ. މިނިވަންކަން އޮތަސް، ޢަމަލުތައް ބަހައްޓަންވަނީ ވަކި ޚުދޫދެއްގެ ތެރޭގައެވެ. އިސްލާމީ ރިވެތި ސުލޫކުގެ ތެރޭގައެވެ.