އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ބާންލީއާ ދެކޮޅަށް ކުޅުނު މެޗުގެ ފަހު ވަގުތު ލިބުނު ޕެނަލްޓީން 1-0 ގެ ނަތީޖާއަކުން ލިވަޕޫލް މޮޅުވެއްޖެއެވެ.
ބާންލީގެ ދަނޑުގައި ކުޅުނު މި މެޗުން ކާމިޔާބުކުރުމާއެކު ލިވަޕޫލްއަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ލިބިފައިވާ 12 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ މަގާމު ލިބިފަ އެވެ.
ލިވަޕޫލްއިން ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅެފައިވާ މި މެޗުގައި އެ ޓީމުން ވަނީ ޖުމްލަ 24 ހަމަލައެއް އުފައްދާފަ އެވެ.
ބާންލީ އިން ޑިފެންސަށް އިސްކަން ދީގެން ކުޅެފައިވާ މި މެޗުގައި އެ ޓީމުގެ ގޯލުކީޕަރު މާޓިން ޑުބްރަވްކާ ވަނީ ނުރައްކާތެރި ހަމަލަތަކެއް މަތަކޮށްފަ އެވެ. އެގޮތުން ލިވަޕޫލްގެ ޑޮމިނިކް ސޮބޮސްލާއީ ފޮނުވާލި ހަމަލާ ފާހަގަކޮށްލެވެއެވެ.
އަދި ދެވަނަ ހާފްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރިތާ ގިނައިރުތަކެއް ނުވަނީސް ފެޑެރީކޯ ކިއޭސާ ބޮލުން ފޮނުވާލި ހަމަލާ ގޮސްފައިވަނީ ގޯލުގެ ދަނޑި ކައިރިން ބޭރަށެވެ.
މެޗުގެ ފުރަތަމަ ހާފުގައި އެލެކްސިސް މެކަލިސްޓަރ އަށް ލިބުނު އަނިޔާ އަކާއި ގުޅިގެން އޭނާ ބަދަލުކޮށްފައިވާއިރު މި މެޗުގައި އިނގިރޭސިވިލާތުގެ ރެކޯޑް ފީއެއް ކަމުގައިވާ 125 މިލިއަން ޕައުންޑަށް ނިއުކާސަލް އިން ގެނައި އެލެކްޒެންޑަރ އިސާކް ކުޅެފައެއް ނުވެއެވެ.
މި މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަ މިނިޓަށް ވެފައިވަނިކޮށް ބާންލީގެ ލެސްލީ އުގޮޗުކްވޫ އަށް ދެއްކި ދެވަނަ ރީނދޫ ކާޑާއިއެކު ރަތް ކާޑު ދައްކާ ރެފްރީ ވަނީ އޭނާ ދަނޑުން ފޮނުވާލާފަ އެވެ.
އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް އަށް މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރުވެސް ލަނޑެއް ޖެހިފައިނުވާއިރު މެޗުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ފަސް މިނިޓުގެ ތެރެއިން ފަސްވަނަ މިނިޓުގައި ޕެނަލްޓީ އޭރިޔާ ތެރެއިން ހަނިބަލްގެ އަތުގައި ބޯޅަ ޖެހުމާއި ގުޅިގެން ލިވަޕޫލް އަށް ލިބުނު ޕެނަލްޓީ އަކުން މުހައްމަދު ސަލާހު ވަނީ ލަނޑު ޖަހާ ލިވަޕޫލްއަށް ތިން ޕޮއިންޓް ހޯދަދީފައެވެ.