ޚަބަރު

ވެލެންސިއާ އަތުން ބާސެލޯނާއަށް ބޮޑު މޮޅެއް


ސްޕެނިޝް ލަލީގާގައި ރޭ ވެލެންސިއާ އާއި ދެކޮޅަށް ބާސެލޯނާ ކުޅުނު މެޗު 6-0 ގެ ނަތީޖާއަކުން ބާސެލޯނާ މޮޅުވެއްޖެ އެވެ.

އެންމެ ފަހުގެ ޗެމްޕިއަން, ބާސެލޯނާގެ ނޫ ކޭމްޕްގެ މަސައްކަތް ނިމިފައިނުވާތީ މި މެޗު ކުޅެފައިވަނީ ބާސެލޯނާގެ ބީ ޓީމުގެ މެޗުތައް ކުޅޭ ޔޯހަން ކްރައިފް ސްޓޭޑިއަމްގައި ފަސްހާސް އަށް ސަތޭކަ މީހުންގެ ކުރިމަތީގަ އެވެ. މި މެޗުން މޮޅުވުމާއިއެކު އެ ޓީމަށް ވަނީ ހަތަރު މެޗުން ލިބިފައިވާ 10 ޕޮއިންޓާއެކު ތާވަލުގެ ދެވަނަ މަގާމް ލިބިފަ އެވެ.

ބާސެލޯނާ އިން މޮޅު ކުޅުމެއް ދައްކާފައިވާ މި މެޗުގެ ފުރަތަމަ ހާފުގައި ފެނިގެން ގޮސްފައިވާ ހަމައެކަނި ލަނޑު މެޗުގެ 29 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ފާރމިން ލޯޕޭޒް އެވެ.

މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ އަށްވަނަ މިނިޓުގައި ރަފީނިއާ ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކުރިތާ ތިން މިނިޓު ފަހުން ފާރމިން ލޯޕޭޒް ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 3-0 އަށް ބަދަލުކޮށްފަ އެވެ.

ބާސެލޯނާ އިން މި މެޗުގައި ޖެހި ހަތަރުވަނަ ލަނޑު 66 ވަނަ މިނިޓުގައި ރަފީނިއާ ކާމިޔާބުކުރިއިރު އޭގެ 10 މިނިޓު ފަހުން ރޮބަޓް ލެވަންޑޯސްކީ ވަނީ އިތުރު ލަނޑެއް ޖަހާފަ އެވެ.

މި މެޗުގައި ބާސެލޯނާ އިން ޖެހި ހަވަނަ ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތަރު މިނިޓަށް ވެފައިވަނިކޮށް އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ލެވަންޑޯސްކީ އެވެ.