ޚަބަރު

އަލިބާބާ ވޯކްޝޮޕަށް ބޮޑު ތަރުހީބެއް؛ 450 އަށްވުރެ ގިނަ މީހުން ރަޖިސްޓްރީކޮށްފި


  • މިވޯކްޝޮޕް އޮންނާނީ އަންގާރަ ދުވަހުގެ މެންދުރު 1:00 ޖަހާއިރު ބާސެލޯ ނަސަންދުރާގައި

  • ދިވެހި ވިޔަފާރިތައް ފުޅާކުރުމަށް ބޭނުންވާ މައުލޫމާތާއި ވަސީލަތްތައް ދެނެގަނެވޭނެ

  • އަލިބާބާގައި ސެލަރ އެކައުންޓު ހުޅުވަން މަގުފަހިވެގެންދާނެ

އަލިބާބާއާ ގުޅިގެން ބާއްވާ ވޯކްޝޮޕުގައި 450 އަށްވުރެ ގިނަ ފަރާތުން ބައިވެރިވުމަށް މިހާތަނަށް ރަޖިސްޓްރީ ކޮށްފައިވާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ. މިވޯކްޝޮޕް އޮންނާނީ އަންނަ އަންގާރަ ދުވަހުއެވެ.

ސުވާލާއި ޖަވާބު ސެޝަންތަކެއް ހިމެނޭހެން ކުރިއަށް ގެންދާ މި ވޯކްޝޮޕް އޮންނާނީ އަންގާރަ ދުވަހުގެ މެންދުރު 1:00 ޖަހާއިރު ބާސެލޯ ނަސަންދުރާގައެވެ. އެއްދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މިވޯކްޝޮޕަކީ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާއާއި ޗައިނާގެ އަލިބާބާ ކުންފުންޏާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީ ގުޅިގެން ކުރިއަށް ގެންދާ ވޯކްޝޮޕެކެވެ.

މިކަމާ ގުޅޭ މައުލޫމާތު ހިއްސާކުރައްވަމުން އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސަޢީދު ވިދާޅުވީ، މިހާތަނަށް މިވޯކްޝޮޕްގައި ބައިވެރިވުމަށް 450 އަށްވުރެ ގިނަ ފަރާތުން ހުށަހަޅާފައިވާ ކަމަށެވެ. މީގެތެރޭގައި އަލަށް ވިޔަފާރި ފަށައިގެން އުޅޭ ފަރާތްތަކާއި، ވިޔަފާރިވެރިންނާއި އޮންލައިން ޕްލެޓްފޯމްތަކާއި ޕޯސްޓް ޚިދުމަތް ދޭ ފަރާތްތަކާއި ބޭންކުތައް އަދި ފްރެއިޓް ކުންފުނިތައް ހިމެނެއެވެ.

ވަޒީރު ވިދާޅުވީ މީގެ ސަބަބުން ދިވެހި ވިޔަފާރިތަކަށް ޚާއްސަކޮށް ވިޔަފާރިތައް ފުޅާކުރުމަށް ބޭނުންވާ މައުލޫމާތާއި ވަސީލަތްތައް ދެނެގަނެވި، އަލިބާބާގައި ސެލަރ އެކައުންޓު ހުޅުވަން މަގުފަހިވެގެންދާނެ ކަމަށެވެ. އަދި މީގެ ސަބަބުން ދުނިޔޭގެ އެންމެ ބޮޑު އެއް މާކެޓަށް ވަނުމަށް ދިވެހިންނަށް ފުރުސަތު ލިބިގެންދާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މިވޯކްޝޮޕްގައި މަޢުލޫމާތު ހިއްސާކުރާނީ އަލިބާބާ ޕްލެޓްފޯމުގެ މަތީ ފަންތީގެ ފަރާތްތަކުންނެވެ. އެގޮތުން ސެލަރ އެކައުންޓު ހުޅުވުމުގެ އިތުރަށް، ދިވެހިންގެ އުފެއްދުންތައް އަލިބާބާގައި އިސްތިހާރުކޮށް ވިއްކުމަށާއި، އެ ޕްލެޓްފޯމުގެ އޭއައި މެދުވެރިކޮށް އެންމެ ފަހުގެ ޓްރެންޑުތައް ދެނެގަންނާނެ ގޮތްތައްވެސް މީގެ ތެރެއިން ކިޔައިދެވޭނެ ކަމަށް އިޤްތިޞާދީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. މީގެސަބަބުން އަލިބާބާގެ ވެބްސައިޓުގައި އޮންލައިންކޮށް މުދާ ވިއްކާ އަދި އެކި ޚިދުމަތްތައް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެ ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ.

މީގެ އިތުރުން ވިއްކާ މުދަލަކަށް ނުވަތަ ދޭ ޚިދުމަތަކަށް އަގު ހޯދޭނެ ގޮތްތަށްވެސް މާލީ އިދާރާތައް މެދުވެރިކޮށް މި ވޯކްޝޮޕްގެ ތެރެއިން ކިޔައިދޭނެއެވެ. އަދި މުދާ ފޮނުވުމަށް ނުވަތަ ޕޯސްޓް ކުރުމަށް ހުރި ފުރުސަތުތަށް މޯލްޑިވްސް ޕޯސްޓުގެ ފަރާތުން މި ބައްދަލުވުމުގެ ތެރެއިން ހިއްސާކުރާނެ ކަމަށް އިޤްތިޞާދީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

ޤައުމީ އުފެއްދުންތެރިކަމުގެ 15 އިންސައްތަ އަކީ ކްރިއޭޓިވް އިންޑަސްޓްރީ ނުވަތަ އުފެއްދުންތެރިކަމުގެ ސިނާޢަތް ކަމަށް ހެދުމަކީ ސަރުކާރުގެ އަމާޒެކެވެ. މިކަން ހާސިލްކުރުމަށް ބޭރުގެ މާކެޓުތަކަށް ދިވެހި އުފެއްދުންތައް އެކްސްޕޯޓު ކުރުން މުހިންމު ކަމަށް ސަރުކާރުން ފާހަގަކުރައްވައެވެ.

އަލިބާބާއަކީ ދުނިޔޭގެ އެންމެ ބޮޑު އެއް އީކޮމާސް ޕްލެޓްފޯމެވެ. އެކުންފުނީގެ ޚިދުމަތް ދުނިޔޭގެ 200 އަށްވުރެ ގިނަ ޤައުމަށް ލިބޭއިރު، މި ޕްލެޓްފޯމުގައި ޚިދުމަތާއި މުދާ ވިއްކުމަށް އެކަނިވެސް 40 މިލިއަން މީހުން ރަޖިސްޓްރީ ކޮށްފައިވެއެވެ. އަދި ދުވާލެއްގެ މައްޗަށް 400،000 އަށްވުރެ ގިނަ އުފެއްދުންތަކުގެ މައުލޫމާތު މި ފްލެޓްފޯމް މެދުވެރުކޮށް އެކި ފަރާތްތަކުން ހޯދާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. ހަމައެކަނި އަލިބާބާގައި 5900 އަށްވުރެ ގިނަ ބާވަތުގެ މުދާ ވިއްކަމުންދާއިރު މިއީ ދިވެހިރާއްޖޭގެ އެކި ފަންތީގެ ވިޔަފާރިތަކަށް ވިޔަފާރި ފުޅާކުރަން ލިބޭ މުހިންމު ފުރުސަތެއް ކަމަށް ސަރުކާރުން ވިދާޅުވެއެވެ.