ޚަބަރު

ހުޅުމާލެ ފޭސް 1 އާއި ފޭސް 2 ގުޅޭ ޗެނަލްގައި އިންޖީނުލީ އުޅަނދު ދުއްވުން މަނާކުރަނީ


  • އެސަރަޙައްދަކީ މޫދަށް އެރުމަށް ގިނަ ބަޔަކު ބޭނުންކުރާ ސަރަޙައްދެއް

  • އެޗްޑީސީން ވިދާޅުވީ މުރަކަ އާލާކުރުމުގެ މަސައްކަތްތަކެއްވެސް ރާވާފައިވާކަމަށް

  • މިއީ 1.85 މީޓަރުގެ ޗެނަލެއް

ހުޅުމާލެ ފޭސް 1 އާއި ފޭސް 2 ގުޅޭ ޗެނަލްގައި އިންޖީނުލީ އުޅަނދު ދުއްވުން މަނާކުރަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން ނިންމައިފިއެވެ. އެސަރަޙައްދުގައި އިންޖީނުލީ އުޅަނދު ދުއްވުން މަނާކުރަނީ އަންނަ ހުކުރު ދުވަހުން ފެށިގެންނެވެ.

އެޗްޑީސީން ނެރެފައިވާ އެންގުމެއްގައިވަނީ ހުޅުމާލެ ފޭސް 1 އާއި ފޭސް 2 ގުޅޭ ޗެނަލް ސަރަޙައްދަކީ، ކުޑަކުދިންނާއި ބޮޑެތި މީހުން ހިމެނޭހެން ގިނަ އަދަދެއްގެ ރައްޔިތުން މޫދަށް އެރުމަށާއި މުނިފޫހިފިލުވުމަށް ބޭނުންކުރާ ސަރަޙައްދެއްކަމަށެވެ. މީގެ އިތުރުން އެ ސަރަޙައްދަކީ އެޗްޑީސީން ތިމާވެށި ޙިމާޔަތްކުރުމަށް ކުރިއަށްގެންދާ މަސައްކަތުގައި މުރަކަ އިންދާ އާލާކުރުމަށްވެސް ކަނޑައަޅާފައިވާ ސަރަޙައްދެއްކަމަށްވެސް ވިދާޅުވިއެވެ.

އެހެންކަމުން އެ ޗެނަލްގައި އިންޖީނުލީ އުޅަނދުފަހަރު ދުއްވުމަކީ މޫދަށް އެރި އުޅޭ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރަސްއެޅޭ ކަމަކަށްވާތީއާއި އެ ސަރަޙައްދުގައި މުރަކަ އާލާކުރުމުގެ މަސައްކަތް ކުރުމަށް ރާވާފަވާތީ، އަންނަ ހުކުރު ދުވަހުން ފެށިގެން އެ ޗެނަލްގައި އިންޖީނުލީ އުޅަނދު ދުއްވުމަކީ މަނާކަމެއްކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަންއިން ވިދާޅުވިއެވެ.

2023ވަނަ އަހަރުވެސް އެޗްޑީސީން މިފަދަ އެންގުމެއް އެންގެވިއެވެ. އޭރު އަންގަވާފައިވަނީ އެ ޗެނަލްގައި ޖެޓްސްކީ ފިޔަވާ އިންޖީނުލީ އެއްވެސް އުޅަނދެއް ދުއްވުމަކީ މަނާކަމެއްކަމަށެވެ.

ހުޅުމާލެ ފޭސް 1 އާއި ފޭސް 2 ގުޅައިދޭ ޗެނަލަކީ އޮއިދެމޭ ގޮތަށް ހަދާފައިވާ ތަނެކެވެ. މިތަނުގެ ފުން މިނުގައި 1.85 މީޓަރު އަދި ފުޅާމިނުގައި 50 މީޓަރު ހުރެއެވެ. މި ސަރަޙައްދަކީ މޫދަށްއެރުމާއި މަސްބޭނުމާއި އެކިކަހަލަ އެކްސްކަރޝަން ހަރަކާތްތަކަށް ބޭނުންކުރަމުންދާ ސަރަޙައްދެކެވެ.