ޚަބަރު

އަތޮޅުތެރެއަށް ލީގު ފެތުރިގެން ދިޔުމުން ފުޓްބޯޅައިގެ ގެއްލިފައި އޮތް ފޯރި އަލުން ގެނެވޭނެ: ޒަރީރު


އަތޮޅުތެރެއަށް ފުޓްބޯޅަ ލީގު ފެތުރިގެން ދިޔުމުން ފުޓްބޯޅައިގެ ފޯރި ކުރިއަށްވުރެ ބޮޑުވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ޖެނެރަލް ސެކްރެޓަރީ އަޙްމަދު ޒަރީރު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށްދިން އިންޓަވިއުއެއްގައި ޒަރީރު ވިދާޅުވީ އެފްއޭއެމްގެ އައު އޮނިގަނޑުގެ ދަށުން އަތޮޅުތެރެއަަށް ލީގު ފެތުރިގެންގޮސް ކުޅުންތެރިންނާއި އެކި ގޮތްގޮތުން ފުޓްބޯޅައިގައި ޝާމިލްވާ މީހުންގެ އަދަދުވެސް ގިނަވާނެކަމަށެވެ.

އަދި ވަކިން ހާއްސަކޮށް ޓޮޕް ޑިވިޝަންގެ ލީގު އޮނިގަނޑުގެ ތެރެއަަށް އަތޮޅުތަކުގެ މުބާރާތްތައް ވަދެގެން އަންނައިރު ފުޓްބޯޅައިގެ ގެއްލިފައި އޮތް ފޯރި އަލުން ގެނެސް ރަނގަޅު ހިސާބަކަށް ގެންދިއުމަަށް ލިބޭ ވަރަށް ބޮޑު ބާރަކަށްވެގެންދާނެ ކަމަށް ޒަރީރު ވިދާޅުވިއެވެ.

ޒުވާން ގައުމީ ޓީމެއް އެކުލަވާލައިގެން އަންނައިރު އޭގެތެރޭގައި އަތޮޅުތެރެއަށް ނިސްބާ ކުޅުންތެރިންތަކެއް އެބަތިބިކަން ޒަރީރު ފާހަގަކުރެެއްވިއެވެ.

”މާލޭގައި ނުކުޅޭ އެކަމަކު އަތޮޅުތެރެއިން ކޯޗުންނަށް ފާހަގަވެގެން ގެނެސްސަތިބި ކުޅުންތެރިން އެބަތިބި. އެކަހަލަ ބައިވަރު ކުޅުންތެރިން އަޅުގަނޑުމެންނަށް ފެންނާނެ އަތޮޅު މުބާރާތް ފެށިގެން ދިޔައީމަ. އަތޮޅު މުބާރާތް ވާދަވެރި މުބާރާތަކަށްވެގެން އަތޮޅުތެރޭގައި ރީޖަނަލް ލީގުތައް ފެށިގެން އެ ވާދަވެރިކޮށް ހިނގަން ފެށީމަ ހަމަ ގައިމުވެސް ގައުމީ ޓީމަށް ނަގަންލިބޭ ކުޅުންތެރިންގެ ޕޫލު ވަރަށް ބޮޑުވެންދާނެ އަދި ފުޓްބޯޅައިގެ ފެންވަރުވެސް މަތިވެގެންދާނެ“ ޒަރީރު ވިދާޅުވިއެވެ.

ޒަރީރު ވިދާޅުވީ ކުރިޔަށް އޮތް އޭޝިއަން ކަޕް ކޮލިފައިންގެ ދެ މެޗާއި ކުރިމަތިލާއިރު އޮންނާނީ ލީގުވެސް ފެށިފައިކަމަށާ ގައުމީ ޓީމަށް އިތުރު ބަދަލުތައްވެސް އައިސްދާނެކަމަށް ގައުމީ ޓީމުގެ ކޯޗު މުޙައްމަދު ޝިޔާޒު (މޯހަން) ބުނެފައިވާކަމަށެވެ.

އަދި ލީގުގެ މެޗުތައް ކުޅެން ފެށީމަ ކުޅުންތެރިންގެ ޕާމޯމެންސަށް ބޮޑެތި ބަދަލުތަކެއް އަންނާނެކަމަށާއި އެހެންވީމަ މިހާރާށްވުރެ ރަނގަޅު ޓީމެއް އަދި ގައުމީ ޓީމުގެ ގޮތުގައި ނިކުންނާނެކަމަށް ޒަރީރު ވިދާޅުވިއެވެ.

އޭޝިއަން ކަޕް ކޮލިފައިންގައި ވާދަކުރާ މެޗުތަކަކީ ތަންކޮޅެއް ފެންވަރު މަތި މެޗުތަކެއް ކަމަށާއި މީގެތެރެއިން އެއް މެޗަކީ ގަލޮޅު ދަނޑުގައި ކުޅޭ މެޗެއްކަމަށް ފާހަގަކޮށް ޒަރީރުބުނީ ސަޕޯޓަރުންގެ ތަރުހީބާއެއްކޮށް މި މެޗު ކާމިޔާބުކުރެވޭނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަން އެބައޮތް ކަމަށެވެ.

ރާއްޖޭގެ ގައުމީ ޓީމުން އޭޝިއަންކަޕް ކޮލިފައިންގައި އެންމެ އަވަހަށް ނިކުންނާނީ އޮކްޓޫބަރުމަހުގެ 9 ވަނަ ދުވަހު ތަޖަކިސްތާނާއި ދެކޮޅަށެވެ.