ޚަބަރު

ކޮމަންވެލްތު ބީޗް ހޭންޑްބޯޅަ މުބާރާތުގައި ވާދަކުރާ ޓީމުތައް ކުޅުދުއްފުއްޓަށް


ކޮމަންވެލްތު ބީޗް ހޭންޑްބޯޅަ މުބާރާތުގައި ވާދަކުރާ ޓީމުތައް މުބާރާތް ބާއްވާ ކުޅުދުއްފުށި ސިޓީއަށް އަތުވެއްޖެއެވެ.

މި މުބާރާތަކީ މުޅިން އަލަށް ރާއްޖޭގައި ބާއްވާ މުބާރާތެކެވެ. ކޮމަންވެލްތުގެ ގައުމުތަކަށް ދައުވަތުދީގެން ބާއްވާ މި މުބާރާތް އޮންނާނީ މި މަހުގެ 18 އިން 22 އަށް ކުޅުދުއްފުށި ސިޓީގައި ގާއިމުކޮށްފައިވާ ބައިނަލްއަގުވާމީ ފެންވަރުގެ ބީޗް ހޭންޑްބޯޅަ ކޯޓުގައެވެ.

މި ފަހަރުގެ މުބާރާތުގައި ހަ ޓީމެއް ވާދަކުރާއިރު، މުބާރާތުގައި ވާދަކުރާ ޓީމުތައް މިހާރު ވަނީ ކުޅުދުއްފުއްޓަށް އައިސްފައެވެ. މުބާރާތުގައި ވާދަކުރާ ގައުމުތަކަކިީ ރާއްޖޭގެ އިތުރުން ބަންގްލަދޭޝް، އިންޑިއާ، ޕާކިސްތާން، ސްރީ ލަންކާ އަދި ދެކުނު އެފްރިކާއެވެ. މީގެ ތެރެއިން ޕާކިސްތާން ޓީމުން ވަނީ މުބާރާތުގެ ކުރިން ކުޅުދުއްފުށީގައި ކޭމްޕުކޮށް، ފަރިތަކުރުމުގެ ގޮތުން ރާއްޖޭގެ ޓީމާއެކު އެކުވެރިކަމުގެ މެޗެއް ކުޅެފައެވެ.

ރާއްޖޭގެ ޓީމުވެސް ކުޅުދުއްފުށީގައި ފަރިތަކުރުންތައް ކުރިއަށްގެންދަމުން އަންނައިރު، ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންނަށް ޖާޒީ ހަވާލުކުރުމުގެ ރަސްމިއްޔާތު ރޭ ވަނީ ބާއްވާފައެވެ.

ކޮމަންވެލްތު ބީޗް ހޭންޑްބޯޅަ މުބާރާތުގެ ބްރޯޑްކާސްޓިން ޕަޓްނަރަކީ ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްއެވެ. މި މުބާރާތުގެ މެޗުތައް ޕީއެސްއެމްގެ ޔެސް ޓީވީން ވަގުތުން ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.