ކުރި އަށް އޮތް ފުޓްބޯޅަ ސީޒަނުގައި ކްލަބް ވެލެންސިއާ އަށް ކުޅުވަން މޯލްޑޯވާގެ ކީޕަރެއް ގެނެސްފި އެވެ.
ވިއަރޯލް ބޮއިއަން ނަމަކަށް ކިޔާ ކުޅުންތެރިޔާ ވަނީ ސްޕޭނުގެ ދެ ވަނަ ޑިވިޝަނާއި ފްރާންސްގައި ދެ ވަނަ ޑިވިޝަނުގައ ކުޅަފަ އެވެ.
އޭނާ އެންމެ ފަހުން ކުޅުނީ ފްރާންސް ލީގުގަ އެވެ. އުމުރުން 29 އަހަރުގެ ކީޕަރު ވަނީ ވެލެންސިއާއާ ގުޅި އެ ކުލަބާއެކު ފަރިތަކުރަމުންނެވެ.
މި ސީޒަނުގައި ވެލެންސިއާ ކުޅޭ ފުރަތަމަ މެޗު އޮންނާނީ އަންނަ ހޮނިހިރު ދުވަހު ގްރީން ސްޓްރީޓްސްއާ ދެކޮޅަށެވެ.
ވަރަށް ޒުވާން ޓީމަކާއެކު ކުރިއަށް އޮތް ސީޒަނށް ތައްޔާރުވި ވެލެންސިއާއިން ފާއިތުވެދިޔަ ދޮޅު އަހަރު ތެރޭގައި އެންމެ ބޮޑަށް މަސައްކަތް ކުރީ 2022 ވަނަ އަހަރުން ފެށިގެން އެ ކުލަބަށް ފީފާއިން ކޮށްފައިވާ ޓްރާންސްފާ ބޭން ފިލުވުމުގަ އެވެ. މި ގޮތުން ބިދޭސީ ކުޅުންތެރިންނާއި ފީފާ އޭއެފްސީގެ ދަރަނީގެ ގޮތުގައި ގާތްގަނޑަކަށް 1.3 މިލިއަން ރުފިޔާ ހަރަދުކޮށް ވެލެންސިއާއިން ވަނީ ކުޅުންތެރިން ރަޖިސްޓަރ ކުރެވޭނެ ގޮތް ހަދައިފަ އެވެ.
ވެލެންސިއާ އަށް ފީފާއިން ޓްރާންސްފާ ބޭން ކުރީ 2022 ވަނަ އަހަރު އެ ކުލަބަށް ކުޅުނު ކުޅުންތެރިންނަށް މުސާރަ ނުދީ އޮތުމުންނެވެ.
ވެލެންސިއާގެ ކުރީގެ ކެޕްޓަން އިސްމާއީލް އާސިފް (ކުޑަހީނާ)ގެ ބެލުމުގެ ދަށުން ސީޒަނަށް ތައްޔާރުވަމުން އަންނަ ވެލެންސިއާގެ މުހިންމު ކުޅުންތެރިންގެ ތެރޭގައި ޒުވާން މިޑްފީލްޑަރު އީތަން އިބްރާހީމް ޒަކީ އާއި 17 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކެޕްޓަން އައިދު މުހައްމަދު ޖަވީޒް ފަދަ ކުޅުންތެރިން ހިމެނެ އެވެ.