މިމަހުގެ 21 ގެ ފަހުން އިމްޕޯޓް އެކްސްޕޯޓާއި ގުޅުންހުރި ޚިދުމަތްތައް ލިބޭނީ ހަމައެކަނި "ޓްރޭޑިއަން" ޕޯޓަލްއިންކަމަށް ޓްރޭޑް ނެޓުން ވިދާޅުވެއްޖެއެވެ. އެހެންކަމުން މިކަމަށް ސަމާލުކަން ދިނުމަށް އެ ކުންފުނިން ވަނީ ކަސްޓަމަރުންނަށް އިލްތިމާސްކުރައްވާފައެވެ.
ނެޝަނަލް ސިންގަލް ވިންޑޯ "ޓްރޭޑިއަން" އަކީ ދިވެހި ވިޔަފާރިވެރިންނަށް ލުއި ގޮތްތަކެއް މަގުފަހިކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރުގެ ދަށުން، ފަރުމާކޮށްފައިވާ ޕްލެޓްފޯމެކެވެ. މިއީ އިމްޕޯޓް، އެކްސްޕޯޓް ވިޔަފާރީގެ ބޭނުންތަކަށް އެކި އިދާރާތަކުން ހޯދަމުން އަންނަ ޚިދުމަތްތައް، އޮންލައިންކޮށް އެއް ޕްލެޓްފޯމެއްގެ ތެރެއިން ހޯދޭނެގޮތަށް ފަރުމާކޮށްފައިވާ ޕްލެޓްފޯމެއްކަމަށް ސަރުކާރުން ވިދާޅުވެއެވެ.
އިމްޕޯޓް އެކްސްޕޯޓާއި ގުޅުންހުރި އިދާރާތައް އެއް ވިއުގައަކުން ގުޅާލުމަށް އުފައްދާފައިވާ ޓްރޭޑިއަން ޕްލެޓްފޯމް މިހާރުވެސް ދަނީ ބޭނުންކުރަމުންނެވެ. މި ޕްލެޓްފޯމުގެ ދަށުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލް އަދި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިންވެސް ދަނީ ޚިދުމަތް ފޯރުކޮށްދެމުންނެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޓްރޭޑް ނެޓްގެ ޖެނެރަލް މެނޭޖަރ އައިސީޓީ އަހްމަދު ސަމޫން ވިދާޅުވީ، ޓްރޭޑިއަން ޕޯޓަލްގައި 17 ވަރަކަށް އެޖެންސީ މިހާރު ހަރަކާތްތެރިވަމުންދާކަމަށެވެ. މިމަހުގެ 21 ގެ ފަހުން އިމްޕޯޓް އެކްސްޕޯޓާއި ގުޅުންހުރި ޚިދުމަތްތައް ލިބޭނީ ހަމައެކަނި ޓްރޭޑިއަންގެ ޕޯޓަލްއިންކަމަށާއި އެހެންކަމުން ޚިދުމަތް ހޯދާ ފަރާތްތަކުން ވީހާވެސް އަވަހަކަށް ރަޖިސްޓްރީކުރުމަށް އޭނާ ވަނީ އިލްތިމާސްކުރައްވާފައެވެ.
"21 ސެޕްޓެމްބަރ ގައި ކަޓްއޮފްއެއް މިއަންނަނީ. ކަޓްއޮފްގެ މާނައަކީ 21 ސެޕްޓެމްބަރގެ ފަހުން ޓްރޭޑިއަން ސިސްޓަމް ތެރެއިންނޭ އެޕްލިކޭޝަންސްތައް ބަލައިގަންނާނީ. އެހެންވީމަ އެންމެ ފަހު ވަގުތައް މަޑުކޮށްފިއްޔާ ފަހަރެއްގައި ދަތިތަކެއް ދިމާވެދާނެ އެއީ ޓްރޭޑިން ކޮމިއުނިޓީ ތެރޭގައި މި އަންނަނީ ވަރަށް ފާސްޓްކޮށް ވަރަށް ޓައިމް ސެންސިޓިވްކަމެއް މިއީ ގެންނަވާ މުދަލެއް ކިރިޔާވެސް ޑިލޭވެއްޖެއްޔާ އެބަހުރޭ ވަރަށް ބައިވަރު ފައިންތަކާއި ވަރަށް ބައިވަރު ކަންތަކާ އެބަ ދިމާވޭ. އެހެންވީމަ އެންމެ ފުރަތަމަ ކަމަކަށްވެސް ހައްދަވާށޭ ވީހާވެސް އަވަހަކަށް ރެޖިސްޓަރ ކޮށްދެއްވާށޭ." އޭނާ ވިދާޅުވިއެވެ.
ސަމޫން ވިދާޅުވީ، ރަޖިސްޓްރީ ކުރުމަށް ފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސާފައިވާކަމަށެވެ. އެގޮތުން އީފާސް މެދުވެރިކޮށް ޓްރޭޑިއަން ޑޮޓް ގަވް ޑޮޓް އެމްވީއިން ރަޖިސްޓްރޭޝަން ފޯމު ފުރުމުން ރަޖިސްޓަރ ވެވޭނެކަމަށެވެ.
ޓްރޭޑިއަން ޕޯޓަލްގައި ރަޖިސްޓްރީވާން ހުޅުވާލީ 20 އޭޕްރީލްގައެވެ. މިހާތަނަށް ޝިޕިން އެޖެންޓުންގެ 58 އެޖެންޓުންނަށްވުރެ ގިނައިން ރަޖިސްޓްރީ ކޮށްފައިވާކަމަށާއި، ފްރައިޓް ފޯވާޑްގެ ތެރެއިން 70އަށްވުރެ ގިނަ ފަރާތުން ރަޖިސްޓްރީވެފައިވާކަމަށް ޓްރޭޑްނެޓުން ވިދާޅުވިއެވެ.
ޓްރޭޑިއަން ފަރުމާކޮށްފައިވަނީ އިޤްތިޞާދީ ދާއިރާގެ ފަރާތްތަކާއި ރާއްޖޭގެ ވިޔަފާރިވެރިންގެ ޚިޔާލާއި މަޝްވަރާ ހޯދައިގެންނެވެ. މިކަމާއި ގުޅޭ ގިނަ ބައްދަލުވުންތަކެއް ޓްރޭޑް ނެޓްގެ ފަރާތުން ވަނީ ބާއްވާފައެވެ. މި ޕްލެޓްފޯމް ރަސްމީކޮށް އިފްތިތާޙްކޮށްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ.