ކުޅިވަރު

ޕްރިމިއަރ ލީގު ޓިކެޓު ކަޅު ބާޒާރުގައި ވަގަށް ވިއްކާ މައްސަލަ ބޮޑުވެއްޖެ


އިނގިރޭސި ޕްރިމިއަރ ލީގުގެ ޓިކެޓުތައް ކަޅު ބާޒާރުގައި ބޮޑު އަގުގައި ވިއްކާ މައްސަލަ ބޮޑުވެ، ފިޔަވަޅުއަޅަން ގޮވާލަން ފަށައިފިއެވެ.

ބީބީސީން ބުނީ ޓިކެޓްތަކުގެ މޫނުމަތީ އަގަށްވުރެ ބްލެކް މާކެޓުގައި ވިއްކަމުންދަނީ އޭގެ ތިން ގުނަ ހަތަރު ގުނަ ބޮޑު އަގެއްގައި ކަމަށެވެ. މި ގޮތުން ބީބީސީގެ ނޫސްވެރިން ބައެއް މެޗުތަކަށް ވަދެފައިވަނީ ވެސް ބްލެކް މާކެޓުން ޓިކެޓް ގަނެގެން ކަމަށެވެ.

ޕްރެމިއާ ލީގުގެ ބައެއް މެޗުތަކުގެ ޓިކެޓް މާކުރިން ވިކި ހުސްވެފައިވާކަން ވަނީ އާއްމުކޮށްފަ އެވެ. ނަމަވެސް ސްވިޒަލޭންޑްގެ ކުދިކުދި އަވަށްތަކުން ވެސް މި މެޗުތަކުގެ ޓިކެޓް އޮންލައިންކޮށް ބޮޑު އަގުގައި ލިބެން ހުރިކަން ވަނީ އިއުލާނުކޮށްފަ އެވެ. ޓިކެޓް ވިއްކާ ބައެއް ވެބްސައިޓް ތަކަކީ ވަގު ވެބްސައިޓްތައް ކަމަށް ވެސް ބީބީސީން ބުނެ އެވެ. އިނގިރޭސި ވިލާތުގައި ޓިކެޓް ގަނެ، އަލުން ވިއްކުމަކީ މަނާކަމެކެވެ.

ނަމަވެސް ސީޒަން ޓިކެޓް ގަނެފައިވާ ބައެއް ސަޕޯޓަރުންނަށް ވެސް މިހާރު ޓިކެޓް ލިބެނީ ބޮޑު އަގުގައި ވަގުތު ކުޑަތަންވާ ފަހުންނެވެ. އަދި ކުރިން އޮންލައިންކޮށް ފޮނުވާފައިވާ ޓިކެޓާއި ފަހުން ފޮނުވާ ޓިކެޓްގެ ސީޓް ނަންބަރުތަކާއި އަގުތައް ދިމާނުވުން ފަދަ މައްސަލަތައް ވެސް ހިމެނެ އެވެ.

"އަހަރެން އެދުނީ ސްޓޭޑިއަމުގެ އެންމެ މަތިން އަހަރެންގެ އާއިލާ އަށް ޓިކެޓް ގަތުމަށް. އެކަމަކު ޓިކެޓް ލިބުނުއިރު ފޯނަށް ފޮނުވާއި އޮތް ޓިކެޓް ބަލާއިރު ޖާގަ ލިބުނީ ދަނޑުގެ މެދުތެރެއިން. މިކަމާ ސުވާލު ކުރުމުން ވަރަށް މަދު ކުލަބަކުން ޖަވާބު ދެނީ،" އާސެނަލްގެ ސަޕޯޓަރަކު ކަންބޮޑުވުން ފާޅު ކުރި އެވެ.

ވަގަށް ބޮޑު އަގުގައި ޓިކެޓް ވިއްކާ ބައެއް ވެބްސައިޓުތައް މިހާރު ވަނީ ކޮންމެވެސް ވަރަކަށް ފާހަގަކޮށްފަ އެވެ. މި ވެބްސައިޓްތަކުން ބައެއް ފަހަރު ފޮނުވާ އޮންލައިން ޓިކެޓްތަކުގެ އަގު ދިމާނުވާއިރު މުބާރާތުގެ ނަމާއި ސަޕޯޓަރުން ބޭނުންނުވާ މެޗުތަކަށް ވަނުމަށް ޓިކެޓް ފޮނުވުން ވެސް ވަނީ އާއްމުވެފަ އެވެ.

މި މައްސަލަ ބޮޑުވުމުން ޕްރެމިއާ ލީގުން ވެސް ވަނީ މިކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަން ފަށާފައި ކަމަށް ބީބީސީން ބުނެ އެވެ.

މެންޗެސްޓާ ސިޓީގެ ސަޕޯޓަރަކު ބުނީ އޭނާގެ ފޯނަށް ޓިކެޓް ލިބުނީ މެޗު ކުޅެން ގާތްވި ފަހުން ކަމަށާއި އެއާއެކު ދަނޑަށް ވަދެ އަމަލުކުރަނވީ ގޮތުގެ ހަރުކަށި އިރުޝާދުތަކެއް ލިބުނު ކަމަށެވެ. މި ގޮތުން އެއް ކަމެއްގެ ގޮތުގައި އެދިފައިވަނީ ދަނޑަށް ވަނުމަށްފަހު ދަނޑު ބަލަހައްޓާ އެއްވެސް މީހަކާ ވާހަކަ ނުދެއްކުމަށެވެ. އަދި ޓިކެޓް ވެސް ކޮންމެހެން ދައްކަން ޖެހިގެން ނޫނީ ނުދެއްކުމަށް އެދިފައިވާ ކަމަށެވެ.