ފުރަތަމަ ފަހަރަށް ބާއްވާ ކޮމަންވެލްތު ބީޗް ހޭންޑްބޯޅަ މުބާރާތުގައި މިރޭ ކުޅުނު މެޗުތައް ކާމިޔާބުކޮށް، ސްރީ ލަންކާ އާއި އިންޑިއާއިން ފުރަތަމަ މޮޅު ހޯދައިފިއެވެ.
ކޮމަންވެލްތުގެ ގައުމުތަކަށް ދައުވަތުދީގެން ބާއްވާ މި މުބާރާތް ކުރިއަށްދާނީ އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ކުޅުދުއްފުށި ސިޓީގައި ގާއިމުކޮށްފައިވާ ބައިނަލްއަގުވާމީ ފެންވަރުގެ ބީޗް ހޭންޑްބޯޅަ ކޯޓުގައެވެ.
މި މުބާރާތުގައި މިރޭ ކުޅުނު މެޗުން ލަންކާ މޮޅުވީ ބަންގްލަދޭޝް އަތުން ފަސޭހަކަމާއެކު ސީދާ ދެ ސެޓުންނެވެ. މި މެޗުގެ ސެޓުތައް ލަންކާއިން ގެންދިޔައީ 26-10 އަދި 24-14 އިންނެވެ.
މީގެ އިތުރުން މި މުބާރާތުގައި މިރޭ ކުޅުނު މެޗުން އިންޑިއާ މޮޅުވީ ދެކުނު އެފްރިކާ އަތުން 2-1 ސެޓުންނެވެ.
މި މެޗުގެ ފުރަތަމަ ސެޓު ފަސޭހަކަމާއެކު 21-9 އިން އިންޑިއާއިން ގެންދިޔަ ނަމަވެސް، ދެކުނު އެފްރިކާއިން ވަނީ ދެވަނަ ސެޓު ވާދަވެރި ކުޅުމަކަށްފަހު 14-15 އިން ގެންގޮސްފައެވެ. އެއާއެކު މެޗުގެ ނަތީޖާ ނެރުމަށް ކުޅުނު ޕެނަލްޓީ ޝޫޓްއައުޓް އިންޑިއާއިން ކާމިޔާބުކުރީ 5-1 ގެ ނަތީޖާއަކުންނެވެ.
ކޮމަންވެލްތު ބީޗް ހޭންޑްބޯޅަ މުބާރާތުގައި ހަ ޓީމެއް ވާދަކުރާއިރު، މި މުބާރާތުގެ ބްރޯޑްކާސްޓިން ޕަޓްނަރަކީ ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްއެވެ. މި މުބާރާތުގެ މެޗުތައް ޕީއެސްއެމްގެ ޔެސް ޓީވީން އަންނަނީ ވަގުތުން ގެނެސްދެމުންނެވެ.