ޚަބަރު

ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތް: އިއްޔެގެ ނިޔަލަށް 87 ބައިވެރިން ކިޔަވައިފި


  • ބަލައިގެން ކިޔެވުމުގެ ގޮފިން 44 ބައިވެރިން ކިޔަވާފައިވޭ

  • ނުބަލައި ކިޔެވުމުން ގޮފިން 43 ބައިވެރިން ކިޔަވާފައިވޭ

ކީރިތި ޤުރުއާން ކިޔެވުމުގެ 37ވަނަ ޤައުމީ މުބާރާތުގެ ތެރެއިން އިއްޔެގެ ނިޔަލަށް 80 އަށްވުރެ ގިނަ ބައިވެރިން މުބާރާތުގައި ކިޔަވާފައިވާކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

މިއަހަރުގެ ޤައުމީ މުބާރާތް ފެށީ މިމަހުގެ 18ވަނަ ދުވަހުއެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވިދާޅުވީ، ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ ތެރެއިން މިމަހުގެ 19ވަނަ ދުވަހުގެ ނިޔަަލަށް ޖުމްލަ 87 ބައިވެރިން މުބާރާތުގައި ކިޔަވާފައިވާކަމަށެވެ. އޭގެތެރޭގައި ހިމެނެނީ، ބަލައިގެން ކިޔެވި، 44 ބައިވެރިންނާއި، ނުބަލާ ކިޔެވި 43 ބައިވެރިން ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

އެހެން އަހަރުތަކެކޭވެސް މިއަހަރުގެ ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތް ކުރިއަށްދާނީ 3 ބަޔަކަށް ބަހާލައިގެންނެވެ. އެއީ ހާފިޘުންގެ ބަޔާއި ސްކޫލް ކުދިންގެ ބަޔާއި މުއައްސަސާތަކުގެ ބައެވެ.

މިފަހަރުގެ މުބާރާތުގައި ޖުމުލަ 1036 ކުދިން ކިޔަވާނެއެވެ. މި މުބާރާތުގައި ބަލައިގެން ކިޔެވުމުގެ ގޮފީގައި 582 ބައިވެރިންނާއި ނުބަލާ ކިޔެވުމުގެ ގޮފީގައި 423 ބައިވެރިން، އަދި ޙާފިޒުންގެ ގޮފީގައި 31 ޙާފިޒަކު ކިޔެވުމަށް ހަމަޖެހިފައިވެއެވެ.

މުބާރާތް ކުރިއަށްދާނީ މިމަހުގެ 18 ވަނަ ދުވަހުން ފެށިގެން 26 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި މުބާރާތުގައި ކޮންމެ ބަޔަކުން 1 ވަނަ، 2 ވަނަ އަދި 3 ވަނަ ހޮވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މުޅި މުބާރާތުންވެސް އެ ވަނަތައް ހޮވާނެއެވެ. މީގެ އިތުރުން މުބާރާތުގެ ކޮންމެ ބަޔަކުންވެސް އެއްވަނަ ބައިވެރިޔަކަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ އިނާމް ދެއްވާނެއެވެ. މިފަހަރުގެ މުބާރާތް ބާއްވަނީ ސީދާ ދައުލަތުގެ ބަޖެޓުން ޚަރަދުކުރައްވައިގެނެވެ.

މިއަހަރުގެ ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ ކިޔެވުން ކުރިއަށްދާނީ ކިންގް ސަލްމާން މިސްކިތުގައެވެ. އެގޮތުން ބަލައިގެން ކިޔެވުމުގެ ގޮފީގެ ކިޔެވުންތައް ކުރިއަށްދާނީ މިސްކިތުގެ 4 ވަނަ ފަންގިފިލާގެ އޮޑިޓޯރިމްގައެވެ. އަދި ނުބަލާ ކިޔެވުމުގެ ގޮފީގެ ކިޔެވުން ކުރިއަށްދާނީ 5 ވަނަ ފަންގިފިލާގެ މަލްޓިޕާޕަސް ހޯލުގައެވެ.

ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ ފެންވަރު ރަނގަޅުކޮށް ފާހަގަކޮށްލެވޭ މުބާރާތަކަށް ހެދުމަކީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދާ ކަމެއްކަން ފާހަގަކޮށްލެވެއެވެ.

އެގޮތުން މިއަހަރުގެ މުބާރާތަކީ ވެސް ފާހަގަކޮށްލެވޭ މުބާރާތަކަށް ހެދުމަށް ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.