ޚަބަރު

ކޮމަންވެލްތު ބީޗް ހޭންޑްބޯޅަ މުބާރާތް: ރާއްޖެ، ލަންކާ އަދި ބަންގްލަދޭޝް ސެމީއަށް


ފުރަތަމަ ފަހަރަށް ބާއްވާ ކޮމަންވެލްތު ބީޗް ހޭންޑްބޯޅަ މުބާރާތުގެ ސެމީ ފައިނަލްގެ ޖާގަތައް ކަށަވަރުވެއްޖެއެވެ.

ކޮމަންވެލްތުގެ ގައުމުތަކަށް ދައުވަތުދީގެން ބާއްވާ މި މުބާރާތް ކުރިއަށްދާނީ މާދަމާގެ ނިޔަލަށް ކުޅުދުއްފުށި ސިޓީގައި ގާއިމުކޮށްފައިވާ ބައިނަލްއަގުވާމީ ފެންވަރުގެ ބީޗް ހޭންޑްބޯޅަ ކޯޓުގައެވެ.

މި މުބާރާތުގެ ސެމީގެ ޖާގައެއް ރާއްޖެއިން ކަށަވަރުކުރީ ރޭ ކުޅުނު ލީގު ބުރުގެ ފަހު މެޗުގައި ވާދަވެރި ކުޅުމަކަށްފަހު ސީދާ ދެ ސެޓުން އިންޑިއާ ބަލިކޮށްގެންނެވެ. މި މެޗުގެ ސެޓްތައް ދިވެހި ޓީމުން ކާމިޔާބުކުރީ 22-20 އަދި 20-19 ގެ ނަތީޖާއަކުންނެވެ. މީގެ ތެރެއިން ފަހު ސެޓު ކާމިޔާބުކޮށްފައިވަނީ ގޯލްޑަން ގޯލްއަށް ކުޅެގެންނެވެ.

މި މެޗުން މޮޅުވެ ރާއްޖެެއިން ސެމީގެ ޖާގައެއް ކަށަވަރުކުރިއިރު، އިއްޔެ ހަވީރު ކުޅުނު މެޗުން ރާއްޖެ ވަނީ ބަންގްލަދޭޝް އަތުން 2-1 ސެޓުން ބަލިވެފައެވެ. އެއާއެކު ބަންގްލަދޭޝްއަށްވެސް ވަނީ ސެމީގެ ޖާގައެއް ކަށަވަރުވެފައެވެ.

އެކަމަކު ރޭ ކުޅުނު މެޗުން ބަންގްލަދޭޝް ވަނީ މީގެ ކުރިންވެސް ސެމީގެ ޖާގައެއް ކަށަވަރުކޮށްފައިވާ ޕާކިސްތާން އަތުން ސީދާ ދެ ސެޓުން ބަލިވެފައެވެ. މި މެޗުގެ ސެޓުތައް ޕާކިސްތާނުން ގެންދިޔައީ 30-9 އަދި 32-13 އިންނެވެ.

ލީގު ބުރުގައި އިއްޔެ ހަވީރު ކުޅުނު މެޗުން ޕާކިސްތާން ވަނީ ފަސޭހަކަމާއެކު ސީދާ ދެ ސެޓުން ދެކުނު އެފްރިކާ ބަލިކޮށްފައެވެ. އެއާއެކު ޕާކިސްތާނުން ވަނީ ލީގު ބުރުގައި ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް، އެއްވަނަ މަގާމު ކަށަވަރުކޮށްފައެވެ.

މީގެ އިތުރުން މި މުބާރާތުގެ ސެމީގެ ޖާގައެއް ސްރީ ލަންކާއިން ހޯދާފައިވަނީ ރޭ ކުޅުނު މެޗުގައި ސީދާ ދެ ސެޓުން ދެކުނު އެފްރިކާ ބަލިކުރުމަށްފަހުއެވެ. މި މެޗުގެ ސެޓުތައް ލަންކާއިން ގެންދިޔައީ 30-12 އަދި 32-11 އިންނެވެ. މި މެޗުން ލަންކާ މޮޅުވިއިރު، އިއްޔެ ހަވީރު ކުޅުނު މެޗުން އެ ޓީމު ވަނީ ސީދާ ދެ ސެޓުން އިންޑިއާ ބަލިކޮށްފައެވެ.

މި މުބާރާތުގެ ސެމީ ފައިނަލް މެޗުތައް މިއަދު ހަވީރު ކުޅޭއިރު، ސެމީ ފައިނަލް ފުރަތަމަ މެޗުގައި ވާދަކުރާނީ ލީގު ބުރުގެ އެއްވަނަ ހޯދި ޕާކިސްތާނާއި، ހަތަރުވަނައަށް ދިޔަ ބަންގްލަދޭޝްއެވެ. އަދި ސެމީގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ ލީގު ބުރުގެ ދެވަނަ ހޯދި ލަންކާ އާއި ތިންވަނައަށް ދިޔަ ރާއްޖެއެވެ.

ކޮމަންވެލްތު ބީޗް ހޭންޑްބޯޅަ މުބާރާތުގައި ހަ ޓީމެއް ވާދަކުރާއިރު، މި މުބާރާތުގެ ބްރޯޑްކާސްޓިން ޕަޓްނަރަކީ ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްއެވެ. މި މުބާރާތުގެ މެޗުތައް ޕީއެސްއެމްގެ ޔެސް ޓީވީން އަންނަނީ ވަގުތުން ގެނެސްދެމުންނެވެ.