ލަލީގާގައި ރޭ އެސްޕަނިއޯލް އާއި ދެކޮޅަށް ރެއާލް މެޑްރިޑް ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ލީގުގައި އެ ޓީމުން މޮޅުވަމުން އަންނަ ރެކޯޑް ދަމަހައްޓައިފި އެވެ.
ރެއާލް މެޑްރިޑް އިން ވަނީ ލަލީގާގައި މި ސީޒަނުގައި ކުޅުނު ފަސް މެޗުވެސް ކާމިޔާބުކޮށް ފަނަރަ ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ މަގާމް ހޯދާފަ އެވެ. ދެވަނައިގައި އޮތް ވާދަވެރި ބާސެލޯނާ އަށް ހަތަރު މެޗުން ލިބިފައިވަނީ 10 ޕޮއިންޓެވެ.
ސެންޓިއާގޯ ބަރނަބިއު ސްޓޭޑިއަމްގައި ހަތްދިހަ ތިން ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ 22 ވަނަ މިނިޓުގައި ރެއާލް މެޑްރިޑްގެ އެޑަރ މިލިޓާއޯ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.
މި މެޗުގައި ރެއާލް މެޑްރިޑް އިން ޖެހި ދެވަނަ ލަނޑަކީ މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ދެވަނަ މިނިޓުގައި އެސްޕަނިއޯލްގެ ޑިފެންޑަރުންނަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ ކިލިއަން އެމްބާޕޭ ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.
އެސްޕަނިއޯލް މި މެޗުން ބަލިވެފައިވާއިރު މިއީ މި ފަހަރުގެ ލީގުގައި އެ ޓީމު ބަލިވި ފުރަތަމަ ފަހަރެވެ. މީގެ ކުރިން އެ ޓީމުން ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުން މޮޅުވެފައިވާއިރު އެއް މެޗު ވަނީ އެއްވަރުވެފަ އެވެ.