ވަޒީފާގެ ބާޒާރުގައި ދިވެހިން އިތުރުކޮށް، ވަޒީފާ އަދާ ކުރަމުންދާ މީހުން އިތުރަށް ކުރިއެރުވުމަށް ބޭނުންވާ ހުނަރާއި ޤާބިލްކަން ހޯދައިދިނުމަށް "ވަރަ" އެކްސްޕޯގެ ނަމުގައި ނެޝަނަލް ސްކިލްސް އެންޑް ކެރިއަރ އެކްސްޕޯއެއް ބާއްވަން ނިންމައިފިއެވެ.
މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން "ވަރަ"އިގެ ނަމުގައި ބާއްވާ މިއެކްސްޕޯއަކީ ސަރުކާރުގެ ސިޔާސަތުތަކާއި އެއްގޮތަށް ވަޒީފާގެ ބާޒާރުގައި ދިވެހިން އިތުރުކޮށް، ވަޒީފާ އަދާ ކުރަމުންދާ މީހުން އިތުރަށް ކުރިއެރުވުމަށް ބޭނުންވާ ހުނަރާއި ޤާބިލްކަން ހޯދައިދިނުމަށާއި، ޑިޖިޓަލް އައު ގޮތްތައް މެދުވެރިކޮށް ޒުވާނުން ބާރުވެރިކުރުވުމަށް ކުރިއަށްގެންދާ އެކްސްޕޯއެކެވެ.
"ވަރަ" އެކްސްޕޯ އިފްތިތާޙްކުރުމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އެކްސްޕޯ އިފްތިތާޙްކޮށްދެއްވީ މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. ޢަލީ ހައިދަރު އަޙްމަދެވެ.
"ވަރަ" އެކްސްޕޯއަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ބާއްވާ މިފަދަ ފުރަތަމަ އެކްސްޕޯގެ ގޮތުގައި މަތީ ތަޢުލީމާބެހޭ ވުޒާރާއިން ފާހަގަކުރައްވައެވެ. އަދި މިއަހަރުގެ މި އެކްސްޕޯގައި ވަޒީފާ ހޯދާ ފަރާތްތަކާއި، ދަރިވަރުންނާއި، ޕްރޮފެޝަނަލުން ހިމެނޭގޮތަށް 15،000އަށްވުރެ ގިނަ ފަރާތުން ބައިވެރިވާނެ ކަމަށް ލަފާކުރެވޭކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.
"ވަރަ" އެކްސްޕޯގައި ތިން ޒޯނެއް ހިމެނޭނެކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އޭގެތެރެއިން ކެރިއަރ ޒޯންގައި ވަޒީފާދޭ ފަރާތްތަކުގެ ބޫތުތަކާއި އިންޓަވިއު ކުރުމަށް ޚާއްޞަކުރެވިފައިވާ ސަރަޙައްދުތައް ހުންނާނެކަމަށެވެ. އަދި އެޑިޔުކޭޝަން ޕްރޮވައިޑަރ ޒޯންގައި ދަރިވަރުންނަށް ހުރި ފުރުސަތުތަކުގެ މަޢުލޫމާތުގެ އިތުރުން، އެވުޒާރާއިން ފޯރުކޮށްދޭ ފަސްޓް ޑިގްރީ ޕްރޮގްރާމަށް އެޕްލައިކުރެވޭނެ ގޮތަށް ހުންނަ ސްޓޭޝަންތަކާއެކު ޢިލްމީ އަދި ފަންނީ މަރުކަޒުތައް އެކްސްޕޯގައި ބައިވެރިވާނެކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ. މީގެއިތުރުން، ސްކިލްސް އެކްސްޕީރިއަންސް ޒޯނުގައި ކާޕެންޓްރީ، އިލެކްޓްރިކަލް އަދި އައި.ޓީ ފަދަ ދާއިރާތަކުގެ ޢަމަލީ ހުނަރުތައް ތަޖުރިބާކުރުމުމުގެ ފުރުސަތުވެސް މި އެކްސްޕޯގެތެރެއިން ލިބިގެންދާނެކަމަށް މަތީ ތަޢުލީމާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
މިއަހަރުގެ ނޮވެންބަރުމަހުގެ 6 އިން 8އަށް ބާއްވަން ހަމަޖެހިފައިވާ "ވަރަ" އެކްސްޕޯގެ ތެރެއިން 1،000އަށްވުރެ ގިނަ ވަޒީފާއާއި، 500 އަށްވުރެ ގިނަ ތަޢުލީމީ ކޯސްތަކަށް ރަޖިސްޓްރީ ކުރުމަށް ހަމަޖެހިފައިވާކަމަށް މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އަދި އަލަށް ތައްޔާރުކޮށްފައިވާ ހަޔަރ އެޑިއުކޭޝަން މެނޭޖްމަންޓް ސިސްޓަމްގެ ޕޯޓަލް، މެދުވެރިކޮށް ތަޢުލީމީ ކޯސްތަކަށް ވަގުތުން ރަޖިސްޓްރީކޮށް ކޯސްތަކަށް ކުރިމަތިލެވޭނެ އިންތިޒާމް ހަމަޖެހިފައިވާކަމަށްވެސް އެވުޒާރާއިން ވިދާޅުވިއެވެ. މި އެކްސްޕޯގައި ހުނަރާއި އެންމެ އެކަށީގެންވާ ވަޒީފާގެ ފުރުޞަތުތައް ދެނެގަތުމަށްޓަކައި ޑިޖިޓަލް އިންޓަގްރޭޝަން ބޭނުންކުރެވޭނެކަމަށް މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
"ވަރަ" އެކްސްޕޯގައި ބައިވެރިވުމަށް ޝައުޤުވެރިވާ ވަޒީފާ ހޯދާ ފަރާތްތަކާއި، ދަރިވަރުންނާއި، ވަޒީފާދޭ ފަރާތްތަކާއި، އަދި ތަޢުލީމީ މުއައްސަސާތަކުން އަވަހަށް ރަޖިސްޓްރީ ކުރެއްވުމަށް މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ވަނީ އެދިވަޑައިގެންފައެވެ.
"ވަރަ އެކްސްޕޯ"ގެ މިޑިއާ ޕާޓްނަރެއްގެ ގޮތުގައި ޕަބްލިކް ސަރވިސް މީޑިއާ، ހަމަޖައްސަވައި އެކަމުގެ އެއްބަސްވުމުގައި ޕީއެސްއެމްއާއެކުވަނީ ސޮއިކުރައްވާފައެވެ.
މި އެއްބަސްވުމުގައި މަތީ ތަޢުލީމާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. ޢަލީ ހައިދަރު އަހުމަދެވެ. ޕީއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ، އިބްރާހީމް ނަސްރީންއެވެ.