ޚަބަރު

ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ ޤައުމީ އޮޕަރޭޝަން ފަށައިފި


  • އޮޕަރޭޝަން ކުރިއަށްގެންދަނީ ފުލުހުންނާއި އިމިގްރޭޝަނުން ގުޅިގެން

  • ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ މަސައްކަތް ފެއްޓެވީ މިދިޔަ އަހަރު

ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ ޤައުމީ އޮޕަރޭޝަން ފަށައިފިއެވެ.

ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ ޤައުމީ އޮޕަރޭޝަން ކުރިއަށްގެންދަނީ މޯލްޑިވްސް އިމިގްރޭޝަނާއި ދިވެހި ފުލުހުންގެ ޚިދުމަތާ ގުޅިގެންނެވެ. މި އޮޕަރޭޝަން ފެށުމުގެ ގޮތުން އިމިގްރޭޝަނާއި ފުލުހުންގެ އިސްވެރިން ވަނީ ބްރީފިންއެއް ދީފައެވެ. މި އޮޕަރޭޝަނުގައި ފުލުހުންނާއި އިމިގްރޭޝަނުގެ ގިނަ އަދަދެއްގެ އޮފިސަރުން ބައިވެރިވެއެވެ.

ނިލަންދެ އަތޮޅުގެ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ނިލަންދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ގަވާއިދާ ޚިލާފަށް ރާއްޖޭގައި ވިޔަފާރިކުރާ ބިދޭސީން ހޯދައި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ ޤައުމީ ފެންވަރުގެ އޮޕަރޭޝަނެއް ފައްޓަވާނެ ކަމަށެވެ.

"މިކަންވެސް އެތައް ހަރުފަތެއް މައްޗަށް ޖައްސައި، މާދަމާއިން ފެށިގެން ނޭޝަންވައިޑްކޮށް، ރާއްޖޭގެ ހުރިހާ ރަށެއްގައި ޚާއްޞަކޮށް، އާބާދީ ބޮޑެތި ރަށްތަކުގައި، މި ދެންނެވި ގޮތަށް ނުގަވާއިދުން ހިންގާ ވިޔަފާރިތައް ހޯދައި، އެ ތަންތަން ވަގުތުން ބަންދުކޮށް، އެ ފަރާތްތައް ޑީޕޯޓްކުރުމުގެ ޚާއްޞަ އޮޕަރޭޝަނެއް އެބަ ފަށަން." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ގަވާއިދާ ޚިލާފަށް ވިޔަފާރި ހިންގާ ބިދޭސީން ހޯދައި، އެފަދަ މީހުން ހިންގާ ވިޔަފާރިތައް ބަންދުކޮށް، އެ މީހުން ޑީޕޯޓުކުރުމުގެ މަސައްކަތް ކުރިއަށްގެންދަވާނީ ބޮޑެތި ރަށްރަށަށް ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން ކަމަށެވެ.

ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަކީ ގިނަދުވަސްވެފައިވާ މައްސަލައެއް ކަމުގައިވީނަމަވެސް، އެކަމަށް ޙައްލެއް ހޯދުމަށް މީގެ ކުރިން މާ ބޮޑެތި މަސައްކަތްތަކެއް ކުރެވިފައިނުވާކަން ރައީސް ފާހަގަކުރެއްވިއެވެ. ނަމަވެސް މި ސަރުކާރު ވެރިކަމާ ހަވާލުވުމަށްފަހު ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދައި، އެ މީހުން ޤާނޫނީ އިމުގެ ތެރެއަށް ގެންދިއުމަށް ގިނަ މަސައްކަތްތަކެއްކޮށްފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

"މި ސަރުކާރުން މިހާތަނަށް، ބިދޭސީންގެ ތެރެއިން 178،982 މީހެއްގެ މަޢުލޫމާތު ހޯދައި، ގަވާއިދާ ޚިލާފަށް އުޅޭ މީހުންގެ ތެރެއިން ގިނަބަޔަކު ދެނެގަނެ، އެފަދަ 8000 އަށް ވުރެ ގިނަ މީހުން ވަނީ ޑީޕޯޓުކޮށްފައި" ރައީސް ވިދާޅުވިއެވެ.

އޮޕަރޭޝަން މިހާރު ފަށާފައިވާއިރު، ފުރަތަމަ ފިޔަވަހި ކުރިއަށްގެންދަނީ މާލެ ސަރަހައްދުގައި ހަރަކާތްތެރިވާ ބިދޭސީންނަށް އަމާޒުކޮށްގެންނެވެ. އަދި އެކި ފިޔަވަހިތަކަށް ބަހާލައިގެން ކުރިއަށްގެންދާއިރު އާބާދީ ބޮޑެތި ސިޓީތަކަށް އިސްކަންދީގެން، އަތޮޅުތަކުގައިވެސް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ މަސައްކަތް ސަރުކާރުން ފެއްޓެވީ މިދިޔަ އަހަރުގެ ތެރޭގައެވެ. މި ޚާއްސަ މަސައްކަތުގެ ބޭނުމަކީ ޢާންމު ސިއްޙަތަށް ނުރައްކާވާފަދަ ކަންކަން މަދުކޮށް ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދީ، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާއި އެފަދަ ކަންކަމުގައި ޝާމިލުވާ މީހުންނަށް ފިޔަވަޅު އެޅުމެވެ.

އިމިގްރޭޝަނުން ދަނީ ސައްޙަ ވިސާނެތި، ވިޔަފާރިތައް ހިންގުމުގައި އުޅޭ ބިދޭސީން ދެނެގަތުމަށް ވެސް ޚާއްސަ އޮޕަރޭޝަންތަކެއް ކުރިއަށްގެންދަމުންނެވެ.