"ބެއިޖިން ކެޕިޓަލް އެއާލައިންސް"އިން ވެލާނާ އެއަރޕޯޓުގެ ޓާމިނަލް 1 ބޭނުންކުރަން ފަށައިފިއެވެ.
މިއީ އައު ޓަރމިނަލް ބޭނުންކުރަން ފެށި 5 ވަނަ އެއަރލައިނެވެ.
"ބެއިޖިން ކެޕިޓަލް އެއާލައިންސް"އަކީ ޓާރމިނަލް 1 ބޭނުންކުރަން ފެށި 5 ވަނަ އެއަރލައިންގެ އިތުރުން ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށި ޗައިނާގެ ފުރަތަމަ އެއާލައިންވެސްމެއެވެ.
ބެއިޖިން ކެޕިޓަލް އެއާލައިންސްއަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޓާމިނަލް 1 އިން ޚިދުމަތް ދޭން ފެށުން ފާހަގަކުރުމަށް އެޓާމިނަލުގައި ޚާއްސަ ރަސްމިއްޔާތެއް ބޭއްވިއެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެއަރޕޯޓްސް ކޮމްޕެނީގެ ކުރީގެ ސީއީއޯ އަދި ޓްރީ ޓޮޕް ހޮސްޕިޓަލްގެ މިހާރުގެ ސީއީއޯ އާދިލް މޫސާއެވެ.
މި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފު އާއި ވޮޔޭޖަސް މޯލްޑިވްސްގެ ޑެޕިއުޓީ ޖެނެރަލް މެނޭޖަރު އިގްނާޒު މަންސޫރާއި އެމްއޭސީއެލްގެ ސީނިއާ މެނޭޖުމަންޓާއި އެމްއޭސީއެލްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި ބެއިޖިން ކެޕިޓަލް އެއާލައިންސްގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި، އެ އެއާލައިނުން ފުރި 248 ފަސިންޖަރުންނަށް ވަނީ ހަދިޔާ ދެއްވާފައެވެ. އަދި ޓާމިނަލް 1 އިން ޙިދުމަތް ހޯދި ބެއިޖިން ކެޕިޓަލް އެއާލައިންސްގެ ފުރަތަމަ މަތިންދާބޯޓު، ޖޭޑީ455-6 އަށް ހާއްސަ ވޯޓާ ސެލިއުޓެއް އަރުވައި، އެ ފްލައިޓުން ރާއްޖެ އައި 276 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔާފައެވެ.
ބެއިޖިން ކެޕިޓަލް އެއާލައިންސްއަކީ ބެއިޖިން ޑެޒިންގް އިންޓަނޭޝަނަލް އެއާޕޯޓުގައި ގާއިމުވެފައި އޮންނަ ލޯ-ކޯސްޓް އެއާލައިންއެކެވެ.
ޓާމިނަލް 1 އިން މިހާރު ދަނީ ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން, ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)ގެ ލޯ-ކޯސްޓް އެއާލައިން, އެއާ އަރަބިއާ, ލަގްޒަރީ އެއާލައިން, ބިއޯންޑް, ސްރީލަންކާގެ ލޯ-ކޯސްޓް އެއާލައިން, ފިޓްސް އެއާއަށް ހިދުމަތް ދެމުންނެވެ. އަދި މި ހަފުތާގެ ތެރޭގައި އިތުރު ދެ އެއާލައިނެއް ބަދަލުކުރަން ވަނީ ނިންމައިފައެވެ.
އެމްއޭސީއެލްގެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށްވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ހިދުމަތެއް ފޯރުކޮށްދިނުމެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޓަރމިނަލް 1އަކީ ޒަމާނީ ގިނަ ޚިދުމަތްތަކާއެކު ތަރައްޤީކުރެވިފައިވާ ޓަރމިނަލެކެވެ. އެގޮތުން މި ޓަރމިލަނުގައި ޑިޕާޗަރ ހޯލުގައި 47 ޗެކިން ކައުންޓަރު ހުންނައިރު، އަމިއްލައަށް ޗެކިން ކުރެވޭ 6 ސެލްފް ސާވިސް ޗެކިން ކިއޮސްކްވެސް ވަނީ ބަހައްޓާފައެވެ. މީގެ އިތުރުން، މި ޓަރމިނަލުގައި 12 އެއިރޯ ބްރިޖްވެސް ވަނީ ޤާއިމްކޮށްފައެވެ.