ޚަބަރު

މ.ވޭވަށު އަލަށް އިމާރާތްކުރި ކައުންސިލް އިދާރާ ހުޅުވައިފި


  • ކައުންސިލް އިދާރާ ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

މުލަކަތޮޅު ވޭވަށުގައި އަލަށް އިމާރާތްކުރި ކައުންސިލް އިދާރާ ހުޅުވައިފިއެވެ.

މުލަކަތޮޅު ވޭވަށުގައި އަލަށް އިމާރާތްކުރި ކައުންސިލް އިދާރާ ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މުލަކަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

ވޭވަށުގައި އިމާރާތްކުރި ކައުންސިލް އިދާރާ ހުޅުވުމަށް މިއަދު އެރަށުގައި ވަނީ ރަސްމިއްޔާތެއް ބާއްވާފައެވެ.

މިރަސްމިއްޔާތުގައި ވޭވަށުގެ އަލަށް އިމާރާތްކުރި ކައުންސިލް އިދާރާ ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. އަރިހުގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރާއި، ދާއިރާގެ މެންބަރާއި، އެރަށުގެ ކައުންސިލްގެ ރައީސް، ބައިވެރިވެވަޑައިގެންނެވިއެވެ.

ވޭވަށު އަލަށް އިމާރާތްކުރި ކައުންސިލް އިދާރާގެ މަސައްކަތަކީ، ބާވެ ވީރާނާވެފައިވާ ކައުންސިލް އިދާރާތަކުގެ ޢިމާރާތްތައް ތަރައްގީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން އިމާރަތް ކުރެވުނު ތަނެކެވެ. ސަރުކާރުގެ އަމާޒަކީ މި ފަސް އަހަރުގެ ތެރޭގައި 100 އަށްވުރެ ގިނަ ރަށުގެ ކައުންސިލް އިދާރާގެ އައު ޢިމާރާތްތައް ތަރައްޤީކުރެއްވުމެވެ.

އަތޮޅުތެރޭގެ 55 ކައުންސިލްގެ އައު އިމާރާތް އެޅުމުގެ މަސައްކަތް ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ކުރިއަށް ގެންދިއުމަށް އާރުސީސީއާ ވަނީ ޙަވާލުކޮށްފައެވެ. 631 މިލިޔަން ރުފިޔާގެ މި މަޝްރޫޢު ނިމޭއެރު، ކައުންސިލް އިދާރާގެ ގޯތީގެ ވަށާފާރު ރާނައި، އޮފީހަށް ބޭނުންވާ ފަރުނީޗަރުވެސް ހުންނާނެކަމަށް ސިޓީތަކާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.