ޚަބަރު

ޤައުމީ އޮޕަރޭޝަން: އިމިގްރޭޝަންގެ ބެލުމުގެ ދަށަށް މިހާތަނަށް 24 ބިދޭސީން


  • ގަވާއިދާ ޚިލާފަށް ވިޔަފާރިކުރާ ބިދޭސީންވެސް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެނެސްފައިވޭ

  • އޮޕަރޭޝަން ކުރިއަށްގެންދަނީ 3 ފިޔަވައްސަކަށް ބަހާލައިގެން

ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް މިހާރު ފަށާފައިވާ ޤައުމީ އޮޕަރޭޝަންގެ ތެރެއިން ގަވާއިދާ ޚިލާފަށް އުޅޭ 24 ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވެއްޖެއެވެ.

ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ ޤައުމީ އޮޕަރޭޝަނެއް ފެށީ އިއްޔެއެވެ. މި އޮޕަރޭޝަން ކުރިއަށްގެންދަނީ މޯލްޑިވްސް އިމިގްރޭޝަނާއި ދިވެހި ފުލުހުންގެ ޚިދުމަތާ ގުޅިގެންނެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ އިއްޔެ ކުރިއަށްދިޔަ އޮޕަރޭޝަންގެ ތެރެއިން ޞައްޙަ ވިސާނެތި އުޅޭ ބިދޭސީންނާއި ގަވާއިދާ ޚިލާފަށް ވިޔަފާރިކުރާ ބިދޭސީން ހޯދައި، ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. މިގޮތުން ޖުމުލަ 24 މީހަކު މިހާތަނަށް އެ ފަރާތުގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް އިމިގްރޭޝަނުން ވިދާޅުވިއެވެ.

ޤަވާއިދާ ޚިލާފަށް ރާއްޖޭގައި ވިޔަފާރިކުރާ ބިދޭސީން ހޯދައި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ ޤައުމީ ފެންވަރުގެ އޮޕަރޭޝަނެއް ފައްޓަވާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރެއްވީ މިދިޔަ ހޮނިހިރު ދުވަހުއެވެ. މި އޮޕަރޭޝަންގެ ތެރެއިން ގަވާއިދާ ޚިލާފަށް ވިޔަފާރިކުރަން ބިދޭސީންނަށް އެހީވާ ދިވެހިންވެސް ހޯދައި ތަޙުޤީޤުކޮށް ފިޔަވަޅު އެޅުމަށް ވަނީ ހަމަޖެހިފައެވެ.

އޮޕަރޭޝަން ކުރިއަށްގެންދަނީ 3 ފިޔަވައްސަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފިޔަވަހީގައި މާލެ ސަރަހައްދު އަދި ދެވަނަ ފިޔަވަހީގައި އާބާދީ ބޮޑު، އިޤުތިޞާދީ ހަރަކާތްތައް ގިނަ ރަށްރަށް ބަލައި ފާސްކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި 3 ވަނަ ފިޔަވަހީގެ ތެރެއިން އާބާދީ ކުދި ރަށްރަށް ބަލައި ފާސްކުރެވޭނެއެވެ.

ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ މަސައްކަތް ސަރުކާރުން ފެއްޓެވީ މިދިޔަ އަހަރުގެ ތެރޭގައެވެ. މި ޚާއްސަ މަސައްކަތުގެ ބޭނުމަކީ ޢާންމު ސިއްޙަތަށް ނުރައްކާވާފަދަ ކަންކަން މަދުކޮށް ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދީ، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާއި އެފަދަ ކަންކަމުގައި ޝާމިލުވާ މީހުންނަށް ފިޔަވަޅު އެޅުމެވެ.