ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ޗައިނީސް ޔުއާން އެކައުންޓެއް ތައާރަފްކޮށްފިއެވެ. މިއީ ރާއްޖެއާއި ޗައިނާއާ ދެމެދު ވިޔަފާރިއާއި މާލީ މުޢާމަލާތްތައް ފުޅާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަމަށް ބީއެމްއެލުން ވިދާޅުވިއެވެ.
ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ޗައިނީސް ޔުއާން އެކައުންޓެއް ތައާރަފްކުރުމަށް މިއަދު ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބީއެމްއެލްގެ ހެޑް އޮފް ބްރޭންޑް އެންޑް މާކެޓިން ސްޓެރަޖީ މުޙައްމަދު ސަޢީދު ވިދާޅުވީ، ބީއެމްއެލްގެ އިންޓަރނެޓް އަދި މޮބައިލް ބޭންކިންގ އެޕް މެދުވެރިކޮށް ވިޔަފާރިތަކަށާއި ފަރުދުންނަށް ޗައިނީސް ޔުއާންއިން، ކަރަންޓް އެކައުންޓް ހުޅުވޭ ގޮތް މިހާރު ހަމަޖައްސާފައިވާކަމަށެވެ. އަދި މި ޚިދުމަތުގެ ދަށުން ވިޔަފާރިތަކަށާއި ފަރުދުންނަށް ޗައިނީސް ޔުއާންއިން އިންޓަރނޭޝަނަލް ޓްރާންސްފަރ (ޓީޓީ) ފޮނުވުމާއި، ޔުއާންއިން ރާއްޖެއަށް ފައިސާ ލިބޭ ގޮތްވެސް މިހާރު ހަމަޖައްސާފައިވާކަމަށެވެ.
At an event held today, we launched Chinese Yuan (CNY) accounts for the first time in the Maldives, marking a significant step forward in enhancing trade and financial transactions between the Maldives and China!
— Bank of Maldives (@bankofmaldives) September 22, 2025
This event was attended by Ambassador of the People’s Republic… pic.twitter.com/fojudzVtQ1
ސަޢީދު ވިދާޅުވީ، އިމްޕޯޓް ކުރާ ފަރާތްތަކާއި އެކްސްޕޯޓް ކުރާ ފަރާތްތަކަށް ޗައިނީސް ޔުއާންއިން ލެޓަރ އޮފް ކްރެޑިޓް (އެލްސީ) ހެދޭ ގޮތް ހަމަޖެއްސާފައިވާއިރު، މީގެ ސަބަބުން ޗައިނާގެ ކުންފުނިތަކާއެކު ވިޔަފާރީގެ މާލީ މުޢާމަލާތްތައް ކުރަން ފަސޭހަވެގެންދާނެކަމަށެވެ. އަދި ބީއެމްއެލުން ރުފިޔާ އެކައުންޓަށް ދޫކޮށްފައިވާ ކާޑުތައް ވީޗެޓް ޕޭއަށް އެޑްކުރެވޭނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"ބީއެމްއެލުން ރުފިޔާ އެކައުންޓަށް ދޫކޮށްފައިވާ ޑެބިޓްކާޑުތަކާއި ކްރެޑިޓް ކާޑުތައް ވީޗެޓް ޕޭއަށް އެޑްކޮށް ޗައިނާގެ މަރޗަންޓުންނަށް ފައިސާ ދެއްކޭނެގޮތަށް މިހާރު ވަނީ ހަމަޖައްސާފަ. މިއީ ދުނިޔޭގެ އެންމެ ބޮޑު އެއް ޕޭމަންޓް ޕްލެޓްފޯމްގައި ދިވެހިންނަށް ފަސޭހައިން ފައިސާގެ މުއާމަލާތް ކުރުމަށް ހުޅުވިގެންދާ ފުރުސަތެއް. މީގެ ސަބަބުން ކަސްޓަމަރުންނަށް ޔޫއެސްޑީ ޑެބިޓް، ޔޫއެސްޑީ ކްރެޑިޓް އަދި ޓްރެވަލް ކާޑުތައްވެސް ވީޗެޓް ޕޭއަށް އެޑްކުރެވޭނެ." (މަޤާމު) މުޙައްމަދު ސަޢީދު ވިދާޅުވިއެވެ.
މީގެ އިތުުރުން، ފުރަތަމަ ފަހަރަށް ބީއެމްއެެލްގެ ކަސްޓަމަރުންނަށް ވީޗެޓް ވޮލެޓަށް ޗައިނީސް ޔުއާންއިން ފައިސާ ލިބޭ ގޮތް ހަމަޖައްސައި، ވޮލެޓްގައި ހުންނަ ޗައިނީސް ޔުއާން ބޭނުންކޮށްގެން ޗައިނާގައި ފައިސާ ދެއްކޭނެކަމަށާއި، ވީޗެޓް ވޮލެޓް މެދުވެރިކޮށް އެހެން ފަރާތްތަކަށް ޓްރާންސްފަރވެސް ކުރެވޭނެކަމަށް ސަޢީދު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، މިއީ ރާއްޖޭގެ މާލީ ދާއިރާ ޒަމާނީކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަމަށެވެ. އަދި މިކަމުގެ ސަބަބުން ދުނިޔޭގެ އެންމެ ބޮޑު އެއް އިޤްތިޞާދާއި އެންމެ ގިނައިން ބޭނުންކުރާ އެއް ޕްލެޓްފޯމާ ގުޅުވާލެވިގެންދާނެކަމަށާއި، މިއީ ބީއެމްއެލްގެ ކަސްޓަމަރުންނަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެކަމެއްކަމަށްވެސް ސީއީއޯ ފާހަގަކުރެއްވިއެވެ.
"މި ޚިދުމަތްތަކުގެ ސަބަބުން އަޅުގަނޑުމެންގެ ވިޔަފާރި މުޖުތަމަޢުއަށް ހަރުދަނާކަމާއެކު ވިޔަފާރިކުރެވި، އަދިފަރުދުންނަށް މިހާތަނަށް ނުލިބޭވަރުގެ ފަސޭހަތަކެއް ލިބިގެންދާނެ. މިއީ އައު އީޖާދީ ހައްލުތައް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން ކުރާ މަސައްކަތްތަކުގެ ރަމްޒެއް." ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވިއެވެ.
މިއަންނަ އަހަރުން ފެށިގެން ޔުނިއަންފޭ ކާޑުތައް ފަރުދުންނަށާއި ވިޔަފާރިތަކަށް ދޫކުރަން ފަށާނެކަމަށްވެސް މި ރަސްމިއްޔާތުގައި ވަނީ ހާމަކޮށްފައެވެ. އަދި މި ކާޑަކީ ދުނިޔޭގެ 180އަށްވުރެ ގިނަ ގައުމުގައި ބަލައިގަންނަ، ގްލޯބަލް ޕޭމަންޓް ނެޓްވަރކްގައި ބޭނުންކުރެވޭނެ ކާޑެއްކަމަށްވެސް ބޭންކް އޮފް މޯލްޑިވްސްއިން ވިދާޅުވެއެވެ.
ޗައިނީސް ޔުއާން އެކައުންޓް ތައާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިއަންގްވާ، ބީއެމްއެލްގެ ޗެއަރޕާސަން އަޙްމަދު ޢަލީ ޙަބީބު، އަދި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފްގެ އިތުރުން ބޭންކުގެ ބޯޑު މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.