ޚަބަރު

މިދިޔަ ހަފްތާގައި މިފްކޯއަށް މަސް ކިރުވި 155 ދޯންޏަކަށް 6.4 މިލިޔަން ރުފިޔާ


  • މިދިޔަ ހަފުތާގައި މަސްވެރިންނަށް ދޫކޮށްފައިވަނީ 6،480،405 ރުފިޔާ

  • މިއީ 1.6 އިންސައްތަ އިތުރު އަދަދެއް

މިދިޔަ ހަފްތާގައި މިފްކޯއަށް މަސްކިރުވި ދޯނިތަކަށް 6.4 މިލިޔަން ރުފިޔާ ދޫކޮށްފައިވާކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ، މިފްކޯގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިިދިޔަ ހަފްތާގައި މިފްކޯއަށް 155 ދޯންޏަކުން މަސްކިރުވާފައިވެއެވެ.

ސަރުކާރުގެ މަސްކުންފުނި މިފްކޯއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ހަފްތާގައި މިފްކޯއަށް 155 ދޯންޏަކުން މަސްކިރުވާފައިވާއިރު، މިއީ އޭގެ ކުރީ ހަފްތާގައި މިފްކޯއަށް މަސްކިރުވި ދޯނީގެ އަދަދާއި އަޅާބަލާއިރު 3.1 އިންސައްތަ ދަށް އަދަދެކެވެ. އޭގެ ކުރީ ހަފްތާގައި މިފްކޯއަށް މަސްކިރުވާފައިވަނީ 160 ދޯންޏަކުންނެވެ.

މިފްކޯއަށް މަސްކިރުވާފައިވާ ދޯނީގެ އަދަދު ދަށްވެފައިވީނަމަވެސް، މިދިޔަ ހަފްތާގައި މަސްވެރިންނަށް ދޫކުރި ފައިސާގެ އަދަދު ވަނީ އިތުރުވެފައެވެ. އެގޮތުން މިދިޔަ ހަފުތާގައި މަސްވެރިންނަށް ދޫކޮށްފައިވަނީ މުޅި ޖުމްލަ 6،480،405 ރުފިޔާއެވެ. މިއީ އޭގެ ކުރީ ހަފްތާގައި މަސްވެރިންނަށް ދޫކުރި 6،374،926 ރުފިޔާއާއި އަޅާބަލާއިރު 1.6 އިންސައްތަ އިތުރު އަދަދެކެވެ.

މިފްކޯގެ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ ހަފްތާގައި މަސްވެރިންނަށް އެންމެ ގިނަ އަދަދަކަށް ފައިސާ ދޫކޮށްފައިވަނީ ހޯމަ ދުވަހުއެވެ. އެގޮތުން އެދުވަހު މިފްކޯއަށް 32 ދޯންޏަކުން މަސްކިރުވާފައިވާއިރު، އެ ދޯނިތަަކަށް މުޅި ޖުމްލަ 1،407،641 ރުފިޔާ ދޫކޮށްފައިވެއެވެ.

މިފްކޯއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މިމަހުގެ މިހާތަނަށް މަސްވެރިންނަށް މުޅި ޖުމްލަ 16،467،332 ރުފިޔާ ވަނީ ދޫކޮށްފައެވެ. މިއީ މިދިޔަ މަހުގެ މި މުއްދަތުގައި މަސްވެރިންނަށް ދޫކޮށްފައިވާ 19،338،341 ރުފިޔާއާއި އަޅާބަލާއިރު 14.8 އިންސައްތަ ދަށް އަދަދެކެވެ.

ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަކީ އަދުގެ ސަރުކާރުގެ އިސްކަންދެއްވާ މުހިންމު ތަޞައްވުރެކެވެ. މި ތަޞައްވުރު ހާސިލްކުރުމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން މިހާރު ވަނީ ޒުވާނުންގެ މެދުގައި މަސްވެރިކަމަށް ޝައުގުވެރިކަން އުފައްދާ މަސްވެރިކަމުގެ ދާއިރާއަށް ޒުވާނުން ނެރުމަށް ޚާއްސަ ތަމްރީނު ޕްރޮގްރާމެއްވެސް ފަށާފައެވެ.

ރާއްޖެއިން ބޭރު ކުރާ މުދަލުގެ އެންމެ ބޮޑު ބައެއް ހިއްސާ ކުރަނީ މަހުގެ ބާވަތްތަކެވެ. ރާއްޖޭގެ މަސްވެރިކަމުން ލިބޭ އާމްދަނީ އިތުރުކޮށް ސިނާޢަތުން އިޤްތިޞާދުގައި ހިއްސާކުރާ މިންވަރު އިތުރުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. މިކަން ކުރުމަށް މަސް ޕްރޮސެސިން ކެޕޭސިޓީ އިތުރުކޮށް މަސް ރައްކާކުރުމުގެ ކެޕޭސިޓީ އިތުރުކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. ސަރުކާރުގެ އަމާޒަކީ 3 އަހަރު ތެރޭގައި މަސް ޕްރޮސެސިން ކެޕޭސިޓީ 9 ގުނަ އިތުރު ކުރުން ކަމަށް މަސްވެރިކަމާއި ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.