ޚަބަރު

ކޮމަންވެލްތު ބީޗް ހޭންޑްބޯޅަ މުބާރާތް: ދެކުނު އެފްރިކާ ބަލިކޮށް ފަސްވަނަ އިންޑިއާއަށް


ފުރަތަމަ ފަހަރަށް ބާއްވާ ކޮމަންވެލްތު ބީޗް ހޭންޑްބޯޅަ މުބާރާތުގެ ފަސްވަނަ މަގާމު އިންޑިއާއިން ހޯދައިފިއެވެ.

ކޮމަންވެލްތުގެ ގައުމުތަކަށް ދައުވަތުދީގެން ބާއްވާ މި މުބާރާތް ކުރިއަށްދަނީ ކުޅުދުއްފުށި ސިޓީގައި ގާއިމުކޮށްފައިވާ ބައިނަލްއަގުވާމީ ފެންވަރުގެ ބީޗް ހޭންޑްބޯޅަ ކޯޓުގައެވެ.

މި މުބާރާތުގެ ފަސްވަނަ އިންޑިއާއިން ހޯދީ މިއަދު ހަވީރު ކުޅުނު ރޭންކިން މެޗުގައި ދެކުނު އެފްރިކާ އަތުން 2-1 ސެޓުން މޮޅުވެގެންނެވެ. މި މެޗުގެ ފުރަތަމަ ސެޓު ވާދަވެރި ކުޅުމަކަށްފަހު އިންޑިއާއިން ކާމިޔާބުކުރީ 15-14 އިންނެވެ. އެކަމަކު ދެކުނު އެފްރިކާއިން ވަނީ 14-12 އިން ދެވަނަ ސެޓު ގެންގޮސްފައެވެ. އެއާއެކު ނަތީޖާ ނެރުމަށް ކުޅުނު ޕެނަލްޓީ ޝޫޓްއައުޓް އިންޑިއާއިން ކާމިޔާބުކުރީ 5-2 އިންނެވެ.

މި މުބާރާތުގެ ތިންވަނަ ހޮވާ މެޗުގައި ރާއްޖެ އާއި ބަންގްލަދޭޝް ބައްދަލުކުރާއިރު، މިރޭ ކުޅޭ ފައިނަލް މެޗުގައި ވާދަކުރާނީ ޕާކިސްތާނާއި ސްރީ ލަންކާއެވެ.

ކޮމަންވެލްތު ބީޗް ހޭންޑްބޯޅަ މުބާރާތުގައި ހަ ޓީމެއް ވާދަކުރާއިރު، މި މުބާރާތުގެ ބްރޯޑްކާސްޓިން ޕަޓްނަރަކީ ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްއެވެ.