ޚަބަރު

ރައީސުލްޖުމްހޫރިއްޔާ މ.މުއްޔަށް ވަޑައިގަތުމުން އެރަށުން ހޫނު މަރުޙަބާއެއް


  • ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާނެ

  • ރަށުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މުލަކަތޮޅު މުއްޔަށް ވަޑައިގަންނަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މ. މުއްޔަށް ވަޑައިގެންނެވުމުން އެރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއި ޢާންމު ރައްޔިތުން ހިމެނޭހެން ގިނަ ބަޔަކު ބަނދަރު ސަރަހައްދުން ވަނީ އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި، މުލީ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވައި، އެ ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމުގެ އިތުރުން، ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާގެ މި ދަތުތުފުޅުގައި، އެރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށްވެސް ހަމަޖެހިފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، ފެލިދެއަތޮޅާއި، މުލަކަތޮޅާއި، ނިލަންދެއަތޮޅު އުތުރުބުރި އަދި ކޮޅުމަޑުލުގެ މީހުން ދިރިއުޅޭ 31 ރަށަށް ވަޑައިގަތުމަށް ހަމަޖެހިފައިވެއެވެ. މި ދަތުރުފުޅަކީވެސް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާއި ރަށްރަށާއި ސިޓީތަކުގެ ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން، އެމަނިކުފާނު ކުރައްވާ ދަތުރުފުޅެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، އެ މަނިކުފާނުގެ އަރިހުގައި ‎ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންގެ މައްޗަށް އެކުލެވިގެންވާ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.