ދުނިޔޭގެ އެންމެ މޮޅު ކޯޗުންނަށް އިނގިރޭސި ގައުމީ ކޯޗު ސަރީނާ ވިއެގްމަން އާއި ފްރާންސްގެ ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ ހޮވައިފި އެވެ.
މި އެވޯޑް ދެނީ ބާސެލޯނާ އާއި އަޔެކްސްއިން ފާހަގަ ކޮށްލެވުނު ނެދަލޭންޑްސްގެ މަޝްހޫރު ކުޅުންތެރިޔާ އަދި ކޯޗު ޔޯހަން ކްރައިފަށް ނިސްބަތްކޮށެވެ.
އެންރީކޭ ރޭގެ އެވޯޑް ހަފުލާ އަށް ނުދެ އެވެ. އެއީ އޭނާގެ ޓީމު ރޭ ފްރާންސް ލީގުގައި ކުޅެން ޖެހުނު މުހިންމު މެޗެއް އޮތުމުންނެވެ. އާދިއްތަ ދުވަހުގެ ރޭ ކުޅެން އޮތް މެޗު ރެއަށް ފަސްވީ ވިދައި ގުގުރުމުގެ ސަބަބުންނެވެ. މިހެންވެ އޭނާ އަށް އެވޯޑް ލިބުމުން ހާޒިރީންނާ ވާހަކަ ދެއްކީ ވީޑިއޯ އެއް މެދުވެރިކޮށެވެ.
ބާސެލޯނާ އާއި ސްޕޭނުގެ ގައުމީ ޓީމަށް ވެސް ކޯޗުކޮށްދިން އެންރީކޭ އަކީ ހުސްވި ސީޒަނުގެ އެންމެ ކާމިޔާބު ކޯޗެވެ. އޭނާ ވަނީ ފްރާންސް ލީގާއި ފްރެންޗް ކަޕް އަދި ފުރަތަމަ ފަހަރަށް ޕީއެސްޖީ އަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދީ ތާރީހުން ޖާގަ ހޯދައިފަ އެވެ. މީގެ އިތުރުން ކުލަބު ވޯލްޑް ކަޕުގެ ފައިނަލަށް ވެސް އެ ޓީމު ދަތުރުކުރީ އޭނާގެ ކޯޗުކަމުގަ އެވެ.
ދުނިޔޭގެ އެންމެ މޮޅު އަންހެން ކޯޗަކަށް ހޮވުނީ އިނގިރޭސި ގައުމީ ކޯޗު ސަރީނާ ވިއެގްމަން އެވެ.
އޭނާ އަކީ އެންމެ ފަހުގެ ދެ ޔޫރޯ ފުޓްބޯޅަ މުބާރާތް ވެސް އިނގިރޭސިންނަށް ކާމިޔާބުކޮށްދިން ކޯޗެވެ.
"މި އެވޯޑް ލިބުމަކީ ޝަރަފެއް. ސަބަބަކީ ޔޯހަން ކްރައިފްގެ ނަން މި އެވޯޑަށް ދީފައިވާތީވެ. އަހަރެންނާ އާއި އޭނާ އާ އެކުވެރިކަން އޮތް. އޭނާގެ ފިލޯސަފީ އަކީ ކޮންމެ މީހަކު، ކޮންމެ ކުއްޖަކު ގުޅިފައިވާ ކަމެއް،" ސަރީބާ ބުންޏެވެ.
އޭނާ އަކީ ހުސްވި އަހަރު ފީފާއިން ވެސް ހޮވި ދުނިޔޭގެ އެންމެ މޮޅު ކޯޗެވެ.
ފްރާންސްގެ ޕްރިހުގައި ރޭ ބޭއްވި ބެލޮންޑީއޯ އެވޯޑް ހަފުލާގައި މި އެވޯޑް ހަވާލުކޮށްދިނީ ރެއާލް މެޑްރިޑާއި އިނގިރޭސި ކުރީގެ ގައުމީ ކޯޗުކަން ކުރި އިޓަލީގެ މަޝްހޫރު ކޯޗު ފަބިއޯ ކަޕޭއްލޯ އެވެ.