ކުޅިވަރު

އެންމެ މޮޅު ކުލަބުގެ އެވޯޑް ޕީއެސްޖީ އާއި އާސެނަލް އަށް


ހުސްވި ސީޒަނުގެ ދުނިޔޭގެ އެންމެ މޮޅު ކުލަބުގެ އެވޯޑް އިނގިރޭސިވިލާތުގެ އާސެނަލްގެ އަންހެން ޓީމާއި ފްރާންސްގެ ޕީއެސްޖީ އަށް ދީފި އެވެ.

މީގެ ތެރެއިން އާސެނަލް އަކީ ހުސްވި ސީޒަނުގެ އަންހެން ޗެމްޕިއަންސް ލީގު ކާމިޔާބު ކުރި ޓީމެވެ. އެ ޓީމު ތަށި އުފުލާލީ ކުރީ ދެ އަހަރުގެ ޗެމްޕިއަން ބާސެލޯނާ ބަލިކޮށްފަ އެވެ. މިއީ އާސެނަލް ޗެމްޕިއަންސް ލީގު ކާމިޔާބު ކުރި ފުރަތަމަ ފަހަރެވެ. މީގެ އިތުރުން އާސެނަލް ވެފައިވަނީ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރި އިނގިރޭސި ފުރަތަމަ ޓީމަށެވެ.

އެންމެ މޮޅު ފިރިހެން ޓީމަކީ ފްރާންސްގެ ޕީއެސްޖީ އެވެ. އެ ޓީމުގެ ފަރާތުން މި އެވޯޑާ ހަވާލުވީ ކުލަބުގެ ޗެއާމަން ނަސީރު އަލް ހަލީފާ އެވެ.

"މިއީ ލިބުނު ޝަރަފެއް. މޮޅު އެތައް ކުޅުންތެރިންނަކާއި މޮޅު ކޯޗުންނާއި މެނޭޖަރުން ތިއްބައި ޕީއެސްޖީ އަށް މި އެވޯޑް ލިބުމުން ކުޅުންތެރިންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. އެ މީހުންނަށް މި ތަނަށް ނާދެވުނީ މެޗެއް އޮތުމުން. ކުޅުންތެރިންނާއި ކޯޗާއި ހުރިހާ ކުޅުންތެރިންނާއި ޓީމުގެ އެންމެހާ މެމްބަރުންނާއި ކުރީގެ ޗެއާމަނުންނަށް ވެސް މި ވަގުތު ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާ ކުރަން. ހާއްސަކޮށް ކުލަބުގެ ކެޕްޓަން މާކުއުނޯސް އަށް،" ނަސީރު އަލް ހަލައިފީ ވިދާޅުވި އެވެ.

އޭނާ ބުނީ ޕީއެސްޖީ އަށް ޗެމްޕިއަންސް ލީގު ކާމިޔާބު ކުރަން އެތައް އަހަރެއް ނެގީ ފުޓްބޯޅައިގެ ވާދަވެރިކަން ބޮޑުކަމުން ކަމަށެވެ.

"މި ވަގުތު އަހަރުމެން ޓީމަކީ ވަރަށް ޒުވާން ޓީމެއް. މި ކުޅުންތެރިން އެ ދަނީ ތާރީހު ބަދަލު ކުރަމުން. ކުޅުންތެރިން ކުރާ މަސައްކަތަކުން މިކަން ކާމިޔާބު ވަނީ. އޭގެ އިތުރުން މުޅި ޓީމުގެ މަސައްކަތުން،" ނަސީރު އަލް ހަލައިފީ ވިދާޅުވި އެވެ.

ޕީއެސްޖީ ވަނީ ހުސްވި ސީޒަނުގައި ތިން ތަށި ހާސިލްކޮށްފަ އެވެ. އެއީ ފްރެންޗް ލީގާއި ފްރެންޗް ކަޕް އަދި ޗެމްޕިއަންސް ލީގެވެ. މިއީ ޕީއެސްޖީ ވެސް ޗެމްޕިއަންސް ލީގު ކާމިޔާބު ކުރި ފުރަތަމަ ފަހަރެވެ. އަދި އެ ޓީމު ވަނީ ފުރަތަމަ ފަހަރަށް ބޭއްވި ކުލަބު ވޯލްޑް ކަޕުގެ ފައިނަލުގައި ވެސް ކުޅެފަ އެވެ.