އިނގިރޭސި ލީގު ކަޕް ނުވަތަ ކަރަބާއޯ ކަޕްގެ ތިންވަނަ ބުރުގައި ރޭ ސައުތެމްޓަން އާއި ދެކޮޅަށް ލިވަޕޫލް ކުޅުނު މެޗުގެ ފަހު ވަގުތު އެކިޓިކޭ ކާމިޔާބުކޮށްދިން ލަނޑާއެކު 2-1 ގެ ނަތީޖާއަކުން ލިވަޕޫލް ސަލާމަތްވެއްޖެ އެވެ.
ލިވަޕޫލްގެ އެންފީލްޑް ގައި ކުޅުނު މި މެޗުގައި ކޯޗު އާން ސްލޮޓް ވަނީ މިދިޔަ އާދީއްތަ ދުވަހު އެވަޓަން އަތުން މޮޅުވި މެޗަށް ނިކުތް ޓީމަށް 11 ބަދަލު ގެނެސްފަ އެވެ. މުހިންމު ކުޅުންތެރިންނަށް އަރާމު ކުރަން ފުރުސަތު ދިނުމަށްފަހު އޭނާ ވަނީ ޒުވާން ކުޅުންތެރިންނަށް މި މެޗުގައި ފުރުސަތު ދީފަ އެވެ.
ލިވަޕޫލް އިން ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅެފައިވާ މި މެޗުގައި އެ ޓީމުން ޖެހި ފުރަތަމަ ލަނޑު މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމެން ދެ މިނިޓަށް ވެފައިވަނިކޮށް އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ އެލެކްޒެންޑަރ އިސާކް އެވެ.
މިއީ އިނގިރޭސި ވިލާތުގެ ރެކޯޑް ފީއެއް ކަމުގައިވާ 125 މިލިއަން ޕައުންޑަށް ދާދި ފަހުން ލިވަޕޫލް އާއި ގުޅުނު އިސާކް އެ ކްލަބަށް ޖަހައިދިން ފުރަތަމަ ލަނޑެވެ.
ފުރަތަމަ ހާފުގައި ލިވަޕޫލް އިން ލަނޑު ޖަހާ ކުރި ހޯދި ނަމަވެސް މެޗުގެ 76 ވަނަ މިނިޓުގައި ސައުތެމްޓަންގެ ޝެއާ ޗާލްސް ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.
މި މެޗުން ލިވަޕޫލް މޮޅުވި ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތަރު މިނިޓަށް ވެފައިވަނިކޮށް އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ހޫގޯ އެކިޓިކޭ އެވެ.
މި ލަނޑު ޖެހުމަށްފަހު އުފާ ފާޅު ކުރުމުގެ ގޮތުން އޭނާ ޖާޒީ ބޭލުމާއިއެކު ދެވަނަ ރީނދޫ ކާޑެއް ދައްކާ ރެފްރީ ވަނީ އޭނާ ދަނޑުން ފޮނުވާލާފަ އެވެ.