ޚަބަރު

"ބެސްޓް ސްޕާ ޑެސްޓިނޭޝަން" އެވޯޑް ރާއްޖެއިން 10 ވަނަ ފަހަރަށް ހޯދައިފި


  • މިއީ ފަތުރުވެރިކަމުގެ އެންމެ ޝަރަފުވެރި އެވޯޑްތަކުގައި ހިމެނޭ އެވޯޑެއް

  • ރާއްޖެއިން އެވޯޑް ހޯދީ ކުރިއަރާފައިވާ މަންޒިލްތަކާ ވާދަކޮށްގެން

ފަތުރުވެރިކަމުގެ އެންމެ ޝަރަފުވެރި އެވޯޑްތަކުގެ ތެރޭގައި ހިމެނޭ ވޯލްޑް ސްޕާ އެވޯޑްސްގައި "އިންޑިއަން އޯޝަންސް ބެސްޓް ސްޕާ ޑެސްޓިނޭޝަން 2025" ގެ ޝަރަފު ދިވެހި ހޯދައިފިއެވެ. މިއީ މި އެވޯޑް ރާއްޖެއިން ހޯދި 10 ވަނަ ފަހަރެވެ.

މިއީ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި، ދުނިޔޭގައި އެންމެ ކުރިއަރާފައިވާ ވެލްނަސް އަދި ސްޕާ މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖެ ފައިތިލަސާބިތުކޮށްފައިވާކަމުގެ ރަމްޒެއްކަމަށް ވިޒިޓް މޯލްޑިވްސްއިން ބުނެއެވެ. މިއަހަރުގެ އެވޯޑްގައި ދިވެހިރާއްޖެއަށް ލިބުނު ސަރަހައްދީ ޝަރަފުގެ އިތުރުން، ރާއްޖޭގެ ބައެއް ރިސޯޓުތަކަށްވެސް ވަނީ އެކި ކެޓަގަރީތަކުން އެވޯޑުތައް ލިބިފައެވެ.

ވޯލްޑް ޓްރެވަލް އެވޯޑްސްގެ ބާބެއްގެ ގޮތުގައި ވެލްނަސް ދާއިރާއަށް ހާއްސަކުރެވިގެން ދެވޭ މި އެވޯޑް ރާއްޖެއިން ހޯދާފައިވަނީ ސޭޝެލްސް، މޮރީޝަސް ފަދަ ކުރިއަރާފައިވާ ވެލްނަސް މަންޒިލްތަކާ ވާދަކޮށްގެންނެވެ.

ވެލްނަސް ފަތުރުވެރިކަން ދުނިޔޭގައި ކުރިއަރަމުން އަންނައިރު، ރާއްޖެއިން މި ޝަރަފު ދުނިޔޭގެ ފެންވަރުގައި އަދި ސަރަހައްދީ ފެންވަރުގައި ދިފާޢުކުރަމުން ދިއުމީ، ރާއްޖެއަކީ ވެލްނަސް ފަތުރުވެރިކަން ދުނިޔޭގެ އެންމެ މަތީ ފެންވަރުގައި ދެވޭ މަންޒިލެއްގެ ގޮތުގައި ޤާއިމްވެފައިވާކަމުގެ ހެއްކެއްކަމަށް ވިޒިޓް މޯލްޑިވްސްއިން ވަނީ ބުނެފައެވެ. މި އެވޯޑުގެ 11 އަހަރުވީ މާޒީގައި ދިވެހިރާއްޖެއިން މި އެވޯޑް 10 ފަހަރެއްގެ މަތީން ވަނީ ހޯދާފައެވެ.