ޚަބަރު

މަސްވެރިންގެ ދުވަހުގެ ކުރިން އައިސް އުފައްދާ ސިސްޓަމް 200 އުޅަނދަކަށް ދޫކުރަނީ


  • 300 ސިސްޓަމް ދޫކުރައްވާނެކަމަށް ރައީސް ވިދާޅުވި

މިއަހަރުގެ މަސްވެރިންގެ ދުވަހުގެ ކުރިން، އައިސް އުފައްދާ އާރްއެސްޑަބްލިއު ސިސްޓަމް 200 އުޅަނދަށް ދޫކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ހިރިލަންދޫގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ، މަސްވެރިކަމުގެ ސިނާއީ އެކިއެކި މަސައްކަތްތަކަށް ފަހިވާގޮތަށް ހިރިލަންދޫގައި ގިނަ މަޝްރޫޢުތަކެއް ހިންގަވައިދެއްވާނެކަމަށް ވިދާޅުވެފައެވެ.

ސަރުކާރުން ވަނީ މަސް ދޯނިތަކަށް، މަސް ފިނި ކުރާ ނިޒާމު ފޯރުކޮށްދިނުމުގެ ޕްރޮގްރާމެއް ފައްޓަވާފައެވެ. ހިރިލަންދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، މި ސްކީމްގެ ދަށުން، އާރްއެސްޑަބްލިއު ސިސްޓަމް ދޫކުރުމަށް ހޮވުނު އުޅަނދުތަކުގެ ތެރެއިން ގިނަ އުޅަނދު ނިސްބަތް ވަނީ ހިރިލަންދޫއަށްކަމަށެވެ. އަދި އެ ސިސްޓަމްތައް ވަރަށް އަވަހަށް އެ ދޯނިތަކަށް ދޫކުރަން ފައްޓަވާނޭކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"ދޯނީގައި ބަހައްޓާ އައިސް އުފައްދާ ނިޒާމު ދޫކުރުމުގެ މި ބުރުގައި އެ ރަށުގެ 4 އުޅަނދަކަށް ސިސްޓަމް ދޫކުރުމަށް ވަނީ ހަމަޖެހިފަ. މިއީ އެންމެ ގިނަ ސިސްޓަމް ދޫކުރެވޭ ރަށް. މަސްވެރިންގެ ދުވަހުގެ ކުރިން 200 އުޅަނދަކަށް އެބަ ސިސްޓަމް ހަރުކުރަން ލޯނު ދޫކުރެވޭ. އެހެންވީމަ ޖުމްލަ 300 ސިސްޓަމް ޖުމްލަ ދޫކުރެވޭނެ." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރަށުގެ ސިނާޢީ މަސައްކަތްތަކަށް ފަހިކޮށްދިނުމަށް، ރަށުގެ ބިން އިތުރަށް ހިއްކަން ނިންމާފައިވާކަމަށެވެ. އޭރުން މަސްވެރިކަމާ ރަށުގައި އިތުރު ވިޔަފާރިތައް ކުރުމަށް މަގުފަހިވެގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ރަށުގެ ސްކޫލް ތަރައްޤީކުރުމުގެ މަސައްކަތް އަންނަ ދިރާސީ އަހަރުގެ ކުރިން ނިންމަވާނެކަމަށެވެ. އަދި ހެލްތު ސެންޓަރުގެ މަސައްކަތްވެސް އިސްކަމެއް ދީގެން ނިންމަވައިދެއްވާނެކަމަށް ވިދާޅުވިއެވެ.

ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ރައީސްގެ މި ދަތުރުފުޅުގައި ވަނީ، ކޮންޓްރެކްޓަރާ ހަވަލުކުރައްވާފައެވެ. އަދި ރަށުގައި ބިންގާ އެޅި މިސްކިތްވެސް ވެގެންދާނީ އެންމެ ޒަމާނީ އިމާރާތަކަށްކަމަށެެވެ. މީގެއިތުރުން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ރަނގަޅު ފެންވަރުގެ ފުޓްސަލް ދަނޑަކާ އިތުރު ކުޅިވަރު ވަސީލަތް ތަރައްޤީކޮށްދެއްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި ރަށުގައި މަސްވެރިންނަށް ބޭނުންވާ ވަސީލަތްތައް ޤާއިމުކޮށްދިނުމުގެ މަސައްކަތުގެ ދަށުން، އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ކޯލްޑް ސްޓޯރޭޖެއް ހިރިލަންދޫގައި ޤާއިމުކޮށްދެއްވާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.