ދިވެހިރާއްޖެ ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާއިރު، މިދާއިރާއިން ރާއްޖޭގައި އިންވެސްޓުކުރުމުގެ ފުރުޞަތު ހުޅުވިފައިވާކަމަށް ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ އދ. އާންމު މަޖިލީހުގެ 80ވަނަ ސެޝަންގެ ހަވާސާގައި ދިވެހިރާއްޖެއާއި އެސްޓޯނިއާ ގުޅިގެން ކުރިއަށް ގެންދިޔަ "ޑިޖިޓަލް ޓްރާންސްފޯމޭޝަން ފޮރ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް" ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
މި ހަރަކާތުގެ މައިގަނޑު މަޤްޞަދަކީ، ޑިޖިޓަލް ޓެކްނޮލޮޖީގެ އެހީގައި އިޤްތިޞާދު ކުރިއެރުވުމަށާއި، އުފެއްދުންތެރިކަން އިތުރުކުރުމަށް، 2030ވަނަ އަހަރާ ހަމައަށް ދިވެހިރާއްޖޭގެ ޑިޖިޓަލް އިޤްތިޞާދު ޖީޑީޕީގެ 15 އިންސައްތަ ޙިއްޞާ ކުރުމަށް މަގުފަހިކުރުމެވެ.
މި ހަރަކާތުގައި ތަޤުރީރު ކުރައްވަމުން ޚާރިޖީ ވަޒީރު އަބްދުﷲ ޚަލީލް ވަނީ ޑިޖިޓަލް ޓްރާންސްފޯމޭޝަންގެ ސަބަބުން ދެމެހެއްޓެނިވި ތަރައްޤީ ކުރިއެރުވުމަށް ކުރެވިދާނެ ކަންތައްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި ދިވެހިރާއްޖޭގައި އިންވެސްޓް ކުރުމަށް އެހެން ޤައުމުތަކަށާއި، ބައިނަލްއަޤްވާމީ ޖަމްޢިއްޔާ ޖަމާޢަތްތަކަށާއި، ޕްރައިވެޓް ސެކްޓަރއަށް ހުޅުވާލެވިފައިވާކަމަށް ޚަރިޖީ ވަޒީރު ޚަލީލް ވަނީ ދަޢުވަތު ދެއްވާފައެވެ. މީގެ އިތުރުން، މޯލްޑިވްސް 2.0 މަގުޗާޓުގެ މަޤްޞަދަކީ ދުނިޔޭގައި މިދާއިރާގައި ޢަމަލުކުރަމުންދާ އެންމެ ރަނގަޅު ހަމަތައް ދިވެހިރާއްޖޭގައި ތަންފީޒުކުރުމަށް މަގުފަހިކޮށްދިނުންކަމަށް ވަޒީރު ވިދާޅުވިއެވެ.
މި ހަރަކާތުގެ މަޢުޟޫއާ ގުޅޭގުތުން ޕެނަލްޑިސްކަޝަނެއް ވަނީ ކުރިއަށް ގޮސްފައެވެ. މި ޕެނަލް ޑިސްކަޝަން މޮޑަރޭޓު ކޮށްދެއްވީ ޚަރިޖީ ވުޒާރާގެ ޖޮއިންޓް ސެކްރެޓަރީ މަރިޔަމް މިދްފާ ނައީމުއެވެ. މި ޕެނަލުގައި ބައިނަލްއަޤްވާމީ ޖަމިއްޔާ ޖަމާޢަތްތަކުގެ މަންދޫބުން ވަނީ ބައިވެރިވެވަޑައިގެންފައެވެ. ޕެނަލް ޑިސްކަޝަންގައި ޑިޖިޓަލް މުސްތަޤްބަލެއް ޤާއިމުކުރުމަށް މަލްޓިލޭޓަރަލް ކޮލަބްރޭޝަންތަކުގެ މުހިންމު ކަމާއި ބެސްޓް ޕްރެކްޓިސްތަކާއި ދެމެހެއްޓެނިވި ގޮތެއްގައި ޑިޖިޓަލް މުސްތަގުބަލެއް ގާއިމުކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ.
މިއީ އ.ދގެ 79ވަނަ ޢާންމު މަޖިލީހުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނު ކުރެއްވި ދިވެހިރާއްޖޭގެ ޤައުމީ ތަރައްޤީގެ ތަޞައްވުރާއި އެއްގޮތްވާ ގޮތުގެމަތިން ވަކިން ޙާއްސަކޮށް 2040 ވަނަ އަހަރު ދިވެހިރާއްޖެއަކީ ފުރިހަމައަށް ތަރައްޤީވެފައިވާ ޤައުމަކަށް ވުމަށް ކުރަމުންދާ މަސައްކަތަށް ބާރުދިނުމުގެ ގޮތުން ބޭއްވުނު ހަރަކާތެއް ކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވެއެވެ.