ތ. މަޑިފުށީގައި އިމާރާތްކުރާ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް އެމްޓީސީސީން ފަށައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތ އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މަޑިފުށީ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އެޅުމަށްވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާއާއި އެރަށުގެ ކައުންސިލްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި މި ރަސްމިޔާތުގައި މަޑިފުށީ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅައިދެއްވީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕްލޭނިންގ މޫސާ ޒަމީރާއި، އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ ޑީސީޕީ (ރޓ) އަޙުމަދު ސަޢުދީއެވެ.
މި މަޝްރޫއުގެ ތެރެއިން 1005 އަކަފޫޓުގެ ސަރަހައްދެއްގެ ބިންގަނޑު ކޮނުމާއި، މޭޝަނަރީއާއި ކޮންކްރީޓް މަސައްކަތް ކުރުމާއި ފުރާޅު ހަރުކުރުމާއި ދަވާދުލުމުގެ އިތުރުން ބޭރު ފަރުމާ ކުރުމުގެ މަސައްކަތް ހިމެނެއެވެ.
މި މަޝްރޫއަކީ 5.34 މިލިއަން ރުފިޔާއަށް 240 ދުވަހުގެތެރޭގައި ނިންމާގޮތަށް އެމްޓީސީސީ އާއި ހަވާލުކޮށްފައިވާ މަޝްރޫއެކެވެ. މި ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރަކީ އިންޑޯ ޖިމަކާއި، އެރޮބިކްސް ކުލާސްތަކާއި، އެކި ކަހަލަ ބޯޑު ގޭމުތަކާއި، އިންޑޯ ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމުތަކާއި އަދި މީޓިންރޫމަކާއި އޮފީސް ބައެއް ހިމެނޭ ގޮތަށް އިމާރާތް ކުރާ ސެންޓަރެކެވެ.