ޚަބަރު

ބްރެންޓްފަޑް އަތުން މެންޗެސްޓާ ޔުނައިޓެޑް ބަލިވެއްޖެ


އިނގިރޭސި ޕްރިމިއަރ ލީގުގައި މިއަދު ބްރެންޓްފަޑާ ދެކޮޅަށް ކުޅުނު މެޗުން 3-1 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑް ބަލިވެއްޖެ އެވެ.

މި މެޗުން ޔުނައިޓެޑް ބަލިވެފައިވާއިރު، ލީގުގައި މިހާތަނަށް ކުޅުނު 6 މެޗުން ލިބިފައިވާ 7 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ 13 ވަނައިގަ އެވެ.

ބެރެންޓްފަޑުގެ ޖީޓެކް ކޮމިއުނިޓީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަތަމަ ވިހި މިނިޓުގެ ތެރޭގައި ބްރެންޓްފަޑުން ވަނީ ޔުނައިޓެޑްގެ ކޮޅަށް ދެ ލަނޑު ޖަހާފަ އެވެ. އެގޮތުން މެޗުގެ 8 ވަނަ މިނިޓުގައި އިގޯ ތިއާގޯ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ލީޑު ނަގައިދިންތާ 12 މިނިޓު ފަހުން އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 2-0 އަށް ބަދަލުކޮށްފަ އެވެ.

ނަމަވެސް އޭގެ ހަ މިނިޓު ފަހުން ޔުނައިޓެޑްގެ ބެންޖަމިން ސެސްކޯ ވަނީ ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ކުޑަކޮށްފަ އެވެ. މިއީ 74 މިލިއަން ޕައުންޑުގެ ފީއަކަށް ޔުނައިޓެޑާއި އަލަށް ގުޅުނު ސެސްކޯ އެ ޓީމަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ.

މި މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ގިނައިރުތަކެއް ނުވަނީސް ޔުނައިޓެޑަށް ވަނީ މެޗުގެ ނަތީޖާ އެއްވަރު ކުރުމަށް ރަނގަޅު ފުރުސަތެއް ލިބިފަ އެވެ. ނަމަވެސް ޔުނައިޓެޑަށް ލިބުނު ޕެނަލްޓީ ކެޕްޓަން ބްރޫނޯ ފެނާންޑޭޒް ފޮނުވާލިއިރު، ބްރެންޓްފަޑްގެ ގޯލްކީޕަރު ކޮއިމްހިން ކެލެހާ ވަނީ އެ ޕެނަލްޓީ މަތަކޮށްފަ އެވެ.

ބްރެންޓްފަޑުން މި މެޗުގައި ޖެހި ތިންވަނަ ލަނޑަކީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގައި މަތިއަސް ޖެންސަން ކާމިޔާބުކޮށްދިން ލަނޑެކެވެ.