ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި އޮތް ކުލަބު ވިކްޓަރީ ސްޕޯޓްސް ކުލަބުން އައު ބޯޑެއް އެކުލަވާލައި، ބޯޑުގެ ރައީސްކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ ޝަރީފް އިންތިޚާބުކުރައްވައިފިއެވެ.
ވިކްޓަރީން އައު ބޯޑެއް އިންތިޚާބުކޮށްފައިވަނީ އެ ކުލަބުގެ ރައީސް ހުސެއިން އާދަމް ފިޔަވައި ދެން ތިބި ހުރިހާ މެންބަރުން އިސްތިއުފާދެއްވުމުންނެވެ. އަލުން ވަރުގަދަކޮށް އެނބުރި އައުމަށް ވިކްޓަރީގެ ބޯޑަށް ބޮޑު ބަދަލެއް އައިސްފައިވާއިރު، ބޯޑުގައި ސަރުކާރުގެ އިސްވެރިން ހިމެނެއެވެ. އޭގެ ތެރޭގައި ވިކްޓަރީގެ ނައިބު ރައީސްކަމަށް އިންތިޚާބުކުރައްވާފައިވަނީ ކުރިން އެ ކުލަބުގެ ޗެއާޕާސަންކަމާއި ވައިސް ޗެއާޕާސަންގެ މަގާމު އަދާކުރި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ނަޒީމެވެ. ވިކްޓަރީގެ ނައިބު ރައީސްކަމަށް ދެން އިންތިޚާބުކުރައްވާފައިވަނީ ސިއްޙަތާ ބެހޭ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހީމާއި ޢަބްދުﷲ ވަހީދެވެ.
ބޯޑު މެންބަރުންނަކީ އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފް، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބުރާހީމް ޝިއުރީ، ސްޓެލްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީއެވެ.
ވިކްޓަރީގެ ޖެނެރަލް ސެކްރެޓަރީ ކަމަށް ހަމަޖައްސާފައިވަނީ އާރްޑީސީގައި މަސައްކަތްކުރާ ހުޒާމް ހުސެއިންއެވެ. ހަޒާންދާރަކީ މުޙައްމަދުު މުޖާހު މުނީރެވެ. މީގެ އިތުރުން ބޯޑު މެންބަރުންގެ ތެރޭގައި ވިކްޓަރީގައި ކުރިންފެށިގެންވެސް ޚިދުމަތްކުރަމުން އަންނަ އަޙްްމަދު ރިޔާޒު އަދި އަޙްމަދު އަރީޝްގެ އިތުރުން އައިޝަތު ރައިހާނާއެވެ.
ވިކްޓަރީން ވަނީ ކުލަބު ވަރުގަދަކުރުމަށް ސްލޮވާކިއާގެ ތަޖުރިބާކާރު ކޯޗެއްވެސް ހޯދާފައެވެ. ރޭ އައު ހިންގާ ކޮމިޓީ އިއުލާންކޮށް، އައު ކޯޗުގެ މަގާމަށް ޖޯޖްލީ ގެރީ ހަމަޖެއްސިކަން އިއުލާންކުރުމަށް ވިކްޓަރީ ސްޕޯޓްސް ކުލަބުން ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.