ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި 3-2 ގެ ނަތީޖާއަކުން ވިކްޓަރީ ސްޕޯޓްސް ކްލަބް ބަލިކޮށް، ތާވަލުގެ އެއްވަނައަށް އޮޑި ސްޕޯޓްސް ކްލަބް ޖެހިލިފިއެވެ.
މި މެޗާއެކު ލީގުގެ ކޮންމެ ޓީމަކުން ތިން މެޗު ކުޅުނުއިރު، ތިން މެޗުވެސް ކާމިޔާބުކޮށް 9 ޕޮއިންޓާއެކު އޮޑި ސްޕޯޓްސް ކްލަބާއި، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަދި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް އޮތީ އެންމެ ކުރީގައިއެވެ. ލަނޑުގެ ތަފާތުން އޮޑި ސްޕޯޓްސް އެއްވަނައިގައި އޮތްއިރު، މާޒިޔާއަށް ދެވަނަ އަދި ނިއު ރޭޑިއަންޓަށް ލިބެނީ ތިންވަނައެވެ. ހަތަރުވަނައިގައި ބުރު ސްޕޯޓްސް ކުލަބު އޮތީ ހަތަރު ޕޮއިންޓާއެކުވެ.
މި މެޗަށް ވިކްޓަރީ ނުކުތްއިރު އެ ޓީމާ އަލަށް ގުޅުނު ބިދޭސީ ކުޅުންތެރިން ފުރަތަމަ ޓީމުގައި ހުމެނުނު ނަމަވެސް، އެންމެ ފަހުން ޓީމާ ހާވަލުވި ކޯޗު ސްލޮވާކިއާގެ ޖޯޖްލީ ގެރީ އިނީ ކުޅިބަލަންށެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗުގައި ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅެ ގިނަ ހަމަލާ އުފައްދާފައިވާނީ އޮޑި ސްޕޯޓްސް އިންނެވެ.
ފުރަތަމަ ހާފުގެ ފަހުކޮޅާ ހަމައަށް ދެ ޓީމަށް ލަނޑު ޖަހާނެ މާ ހުސް ފުރުސަތެއް ނުލިބުނު ނަމަވެސް، މެޗުގެ 42 ވަނަ މިނެޓުގައި އޮޑި ސްޕޯޓްސްގެ އިބްރާހީމް އިމްރާން އޭރިއާ ބޭރުން ހުސްކޮށް ހުރެފައި ފޮނުވާލި ބޯޅަ ދިޔައީ ގޯލާ އަމާޒުނުވެއެވެ.
އޮޑި ސްޕޯޓްސްއިން ފުރަތަމަ ލަނޑު ކާމިޔާބުކުރީ މެޗުގެ 43 ވަނަ މިނެޓުގައި އެ ޓީމުގެ މުޒްދާން ހަސަން އޭރިއާ ތެރެއަށް ވަދެ ކުރިއަށްދާން އުޅުމުގެ ތެރޭގައި ވިކްޓަރީގެ އަބްދުﷲ މިދުހަތު ފަހުމީ ކުރި ފައުލަކުން ލިބުނު ޕެނަލްޓީންނެވެ. މި ޕެނަލްޓީ ގޯލަށް ވައްދާލީ އޮޑި ސްޕޯޓްސްގެ ލިތުއޭނިއާގެ ފޯވާޑް ކަރޮލިސް ލަކުއެޒްމިސްއެވެ.
މެޗުގެ 59 ވަނަ މިނެޓުގައި އޮޑި ސްޕޯޓްސްގެ އަބްދުﷲ ލޫތު އިބްރާހީމް ފޮނުވާލި ހަމަލާއެއް ގޯލާ އަމާޒުނުވެ ދިޔައީ ބޭރަށެވެ. މި މެޗުގައި ވިކްޓަރީން ނަތީޖާ ހަމަހަމަކުރީ މެޗުގެ 72 ވަނަ މިނެޓުގައި އަލީ ޝާމިސް އޭރިއާ ތެރެއަށް ހިފައިގެން ވަން ބޯޅައެއް، ޕެނެލްޓީ އޭރިއާ މެދަށް ފޮނުވާލުމުން ބަދަލަކަށް ކުޅެން އެރި ނަޝާހު އަޙްމަދު ކާމިޔާބުކުރި ލަނޑުންނެވެ.
މެޗުގެ 79 ވަނަ މިނެޓުގައި އޭރިއާ ބޭރުން ފޮނުވާލި ބޯޅައެއް ކަރޮލިސް ވަނީ ގޯލަށް ވައްދާލައި، އޮޑި ސްޕޯޓްސްއަށް އަނެއްކާވެސް ލީޑު ނަގައިދީފައެވެ. އޮޑި ސްޕޯޓްސްއިން ނަތީޖާ އިތުރަށް ފުޅާކުރީ މެޗުގެ 87 ވަނަ މިނެޓުގައި އަޙްމަދު އައިހަމް އޭރިއާ ތެރެއަށް ވަދެ ޖައްސާލުމުން، ބަދަލަކަށް ކުޅެން އެރި އަހުޒަމް ރަޝީދު ގޯލަށް ވައްދާލި ބޯޅައަކުން ކާމިޔާބުކުރި ލަނޑުންނެވެ.
މެޗުގެ ކުޅުން ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ވިކްޓަރީން ފަރަގު ކުޑަކުރީ އޮޑި ސްޕޯޓްސްގެ ކުޅުންތެރިޔާ ދިފާއުކުރުމަށް ޖެހި ބޯޅައެއް، އޭރިއާ ތެރެއިން ހުސެން ނިޔާޒް މުޙައްމަދަށް ލިބުމުން އޯވަހެޑް ކިކަކުން ކާމިޔާބުކުރި ރީތި ލަނޑުންނެވެ. އަދު މެޗުގެ އިތުރު ވަގުތު ތެރޭގައި އަޙްމަދު ނިޒާމް ހުސްކޮށް ހުރެ ފޮނުވާލި ބޯޅަ ވިކްޓަރީގެ ގޯލްކީޕަރު އަބްދުﷲ ޔާމިން ވަނީ މަތަކޮށްފައެވެ.
މި މެޗާއެކު ގައުމީ ފުޓްބޯޅަ ޓީމުން އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ތަޖަކިސްތާން ދެކޮޅަށް ކުޅޭ ދެ މެޗަށް ލީގުގެ ކުޅުން މި ވަނީ 15 ދުވަހަށް މެދުކަނޑާލާފައެވެ. ދެން ލީގުގެ ކުޅުން ފެށޭނީ މި މަހު 19 ވަނަ ދުވަހެވެ.