ދުނިޔޭގެ ސަޕޯޓަރުން ގިނަ ބޮޑެތި ކުލަބުތަކަށް ފީފާ ކުލަބު ވޯލްޑް ކަޕުން ދާއިމީ ޖާގައެއް ލިބޭނެ ގޮތަށް މުބާރާތުގެ އުސޫލުތައް ބަދަލުކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި ޖަމުއިއްޔާ، ފީފާއިން ވިސްނަން ފަށައިފިއެވެ.
މި ގޮތުން ފީފާއިން މިހާރު މަޝްވަރާ ފަށާފައިވަނީ މުބާރާތުގައި ބައިވެރިކުރާ ޓީމުތަކުގެ އަދަދު 32އިން 48 އަށް އިތުރު ކުރުމަށެވެ. އަދި މުބާރާތް ކޮންމެ ހަތަރުން އަހަރުން އެއް ފަހަރު ބޭވުމުގެ ބަދަލުގައި ކޮންމެ ދެ އަހަރަކުން ބޭއްވުމަށެވެ. ނަމަވެސް މިއީ ޔޫރަޕުގެ ފުޓްބޯޅަ ޖަމިއްޔާއިން ކަނޑައެޅިގެން ދެކޮޅު ހަދާ ކަމެކެވެ. އެ ޖަމާއަތުން ބުނަނީ މީގެ ސަބަބުން ފުޓްބޯޅަ ކަލަންޑަރު ވަރަށް ބޮޑަށް ބާރުބޮޑުވާނެ ކަމަށާއި މީގެ ސަބަބުން ނުކުންނާނެ ނޭދެވޭ ނަތީޖާ ގިނަ ވާނެ ކަމަށެވެ.
ފީފާއިން ކުލަބު ވޯލްޑްކަޕަށް އިސްލާހު ހުށަހަޅަން ބޭނުންވީ މި އަހަރު އެމެރިކާގައި ބޭއްވި ފުރަތަމަ މުބާރާތުގައި ދުނިޔޭގެ ގަދަ ބައެއް ޓީމުތައް ބައިވެރި ނުކުރުމުން އަމާޒުވި ފާޑުކިއުންތަކާއި މުބާރާތުގެ މަގުބޫލުކަން ދަށްވުމުންނެވެ. މީގެ ތެރޭގައި ސްޕޭނުގެ ޗެމްޕިއަން ބާސެލޯނާ އާއި އިނގިރޭސި ޗެމްޕިއަން ލިވަޕޫލާއި އިޓަލީގެ ޗެމްޕިއަން ނާޕޮލީ ހިމެނެ އެވެ. މި ޓީމުތަކަށް ފުރުސަތު ނުލިބުނީ މުބާރާތުގައި ބައިވެރިކުރާނެ ޓީމުތަކުގެ އުސޫލު ހެދިއިރު ފާއިތުވެދިޔަ ހަތަރު އަހަރުގެ ޔޫރަޕުގެ މުބާރާތްތަކުގެ ކާމިޔާބީ އަށް ބެލުމާއި ގިނަ ބައުމުތަކަކަށް ފުރުސަތުދޭން ވިސްނުމުންނެވެ.
ނަމަވެސް މީގެ ސަބަބުން މުބާރާތުގެ ފޯރި ކުޑަވެ، ފީފާ އަށް ވަރަށް ބޮޑުތަކުން ލިބޭ އާމްދަނީ ދަށްވެގެން ދިޔަ އެވެ. އެމެރިކާގައި މުބާރާތް ކުރިއަށްދިޔައިރު ވަރަށް ގިނަ މެޗުތަކުގައި ދަނޑަށް ވަންނާނެ ބަޔަކު ނުވެގެން ޓިކެޓްތައް ސްކޫލް ދަރިވަރުންނަށާއި އެކި ފަރާތްތަކަށް ނު އަގުގައި ވިއްކަން ޖެހުނެވެ.
ނަމަވެސް މުބާރާތް ނިންމާފައި ފީފާއިން ބުނީ މިއީ މާލީ ގޮތުންނާއި އިދާރީ ގޮތުން ވެސް ކާމިޔާބު މުބާރާތެއް ކަމަށެވެ.