ޚަބަރު

އުރީދޫގެ އުއްމީދަކީ އީސްޕޯޓްސްގެ ބޮޑެތި މުބާރާތްތަކުން ރާއްޖެއިން ރަންވަނަތައް ހޯދުން: ނިޔާޒް


‎އުއްމީދަކީ ކޮމަންވެލްތު ގޭމްސް އާއި އެނޫންވެސް ބައިނަލްއަގުވާމީ މުބާރާތްތަކުން އީސްޕޯޓްސްއިން ރާއްޖެއަށް ރަންވަނަތައް ގެނައުން ކަމަށް އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރ ހުސެއިން ނިޔާޒް ވިދާޅުވެއްޖެއެވެ.

‎ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި އުރީދޫ ނޭޝަން އެޓޯލް އީ ސްޕޯޓްސް ލީގު 2025 ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނިޔާޒު ވިދާޅުވީ އުރީދޫ ނޭޝަން ޕްލެޓްފޯމް މެދުވެރިކޮށް ރާއްޖޭގެ ގޭމާސްއަށް އިތުރު ފުރުސަތުތައް ލިބި ބައިނަލްއަގްވާމީ މުބާރާތަކުން ފުރުސަތު ހޯދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

‎ޑިޖިޓަލް ޕްލެޓްފޯމުތަކަށް އަހުލުވެރިވެފައި ތިބި މީހުން ރާއްޖޭގެ އެކި ދިމަދިމާލުގައި ތިބިކަން ފާހަގަކުރައްވާ ނިޔާޒް ވިދާޅުވީ އުރީދޫ ނޭޝަންގެ ސަބަބުން އެމީހުން ބައިނަލްއަގްވާމީ ޕްލެޓްފޯމުތަކަށް ގެންދިއުމުގެ ފުރުސަތު ހުޅުވާލެވިގެންދާކަމަށެވެ.

‎ކުރިޔަށް އޮތްތަނުގައިވެސް ގިނަ މުބާރާތްތަކެއް ބޭއްވުމަށް ތައްޔާރުވަމުން އަންނަ ކަމަށާއި، މިއަހަރު މާލޭގައި ޔޫތް އީ ސްޕޯޓްސް އިވެންޓެއް ބޭއްވުމަށް ޔޫތު މިނިސްޓްރީއާއެކު މަޝްވަރާ ކުރެވެމުން ދާ ކަމަށްވެސް ނިޔާޒް ވިދާޅުވިއެވެ. މީގެ އިތުރުން މި އަންނަ އަހަރު މުޅި ރާއްޖޭގައި އީ ސްޕޯޓްސްގެ ބޮޑު އިވެންޓެއް ބޭއްވުމަށް މަސައްކަތް ކުރަމުންދާކަންވެސް އިއުލާންކުރެއްވިއެވެ.

‎އުރީދޫ ނޭޝަންގެ އެކި އެކި މުބާރާތައް ނިމިގެންދާއިރު ފާހަގަކުރެވޭ މޮޅަތި ކުޅުންތެރިން ފެނިގެންދާނެ ކަމަށާއި، އެ ކުޅުންތެރިންނަށް ބައިނަލްއަގްވާމީ މުބާރާތްތަކުގައި ވާދަކުރުމަށް އުރީދޫ ނޭޝަންގެ ސަބަބުން ބޮޑު ހިތްވަރެއް ލިބިގެންދާނެ ކަމަށްވެސް ނިޔާޒް ވިދާޅުވިއެވެ.

އަދި އުރީދޫ ނޭޝަންއަކީ ވަރަށް ގިނަ ބައެއްގެ ތަރުހީބު ލިބޭ ޕްލެޓްފޯމެއް ކަމަށާއި ރާއްޖޭގައި އީ ސްޕޯޓްސްއަށް ވަރަށް ބޮޑު ފޯރިއެއް އޮންނަކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

‎އުރީދޫ ނޭޝަން އެޓޯލް އީ ސްޕޯޓްސް 2025 ގައި 18 އަތޮޅަކުން 294 ބައިވެރިން ވާދަކުރިއެވެ. އެ މުބާރާތް ކުރިޔަށް ގެންދިޔައީ ވަރަށް ފޯރީގައި ކަމަށާއި މީގެންވެސް އިނގެނީ ދިވެހިރާއްޖޭގައި އީ ސްޕޯޓްސްއަށް އޮތް ފޯރި ކަމަށް ނިޔާޒް ފާހަގަ ކުރެއްވިއެވެ.