ޚަބަރު

އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް ލީގުގެ ޗެމްޕިއަންކަން ކޮމަންޑޫ އެސްޑީއެމްޒީ އެންޖީއަށް


ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް ލީގު 2025 ގެ ޗެމްޕިއަންކަން ށ. ކޮމަންޑޫ އެސްޑީއެމްޒީ އެންޖީން ހޯދައިފިއެވެ.

އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް ލީގު 2025 މިއީ މުޅި ރާއްޖެއަށް ހުޅުވާލައިގެން އަމިއްލަ އަތޮޅާއި ރަށް ތަމްސީލުކުރުމުގެ ފުރުސަތު ކުޅުންތެރިންނަށް ހޯދައިދިން ފުރަތަމަ އީސްޕޯޓްސް މުބާރާތެވެ.

މުޅިން އޮންލައިންކޮށް ކުރިއަށް ގެންދިޔަ މި މުބާރާތުގައ ކުޅެފައިވަނީ ޕަބްޖީ މޮބައިލް ގޭމެވެ. 16 އަތޮޅެއްގެ 35 ރަށުން 49 ޓީމް ބައިވެރިވި މި މުބާރާތުގައި 294 ކުޅުންތެރިން ވާދަކުރިއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ވަނީ މި މުބާރާތް ނިންމުމުގެ ރަސްމިއްޔާތު އުރީދޫ މޯލްޑިވްސްގެ މައި އޮފީހުގަައި ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ވަނަ ވަނައަށް ދިޔަ ޓީމްތަކާއި އެ ރަށްރަށުގެ ކައުންސިލުން ވަނީ ބައިވެރިވެފައެވެ.

އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް ލީގުގެ 1 ވަނަ ހޯދި ކޮމަންޑޫ އެސްޑީއެމްޒެޑް އެންޖީއަށް އިނާމަކަށް ދީފައިވަނީ 25،000 ރުފިޔާއެވެ. 2 ވަނަ ހޯދީ ފުވައްމުލައް ސިޓީ އޭކޭޒެޑެވެ. އެ ޓީމަށް ދީފައިވާ އިނާމަކީ 12،000 ރުފިޔާއެވެ. 3 ވަނަ ހޯދީ ލ. ފޮނަދޫ ޑީއެމްޒެޑެވެ. 3 ވަނަ އިނާމަކަށް ދީފައިވަނީ 6،000 ރުފިޔާއެވެ. 4 ވަނަ ހޯދީ ޓީމް ބީ ކުޑަރިކިލެކެވެ. 4 ވަނައަށް ދީފައިވާ އިނާމަކީ 3،000 ރުފިޔާއެވެ.

މުޅި މުބާރާތުގެ މޯސްޓް ވެލިއުބަލް ޕްލޭޔާ (އެމްވީޕީ) ގެ މަގާމު ހޯދީ ފުވައްމުލަކު ސިޓީ އޭކޭޒެޑްގެ މާނެވެ. މޯސްޓް ވެލިއުބަލް ޕްލޭޔާއަށް ދިން އިނާމަކީ 4000 ރުފިޔާއެވެ.

މި ލީގްގެ ކާމިޔާބީއާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޗީފް ކޮމާޝަލް އޮފިސަރ ހުސައިން ނިޔާޒް ވިދާޅުވީ އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް ލީގަކީ ދިވެހި ގޭމިން ކޮމިއުނިޓީއަށް ބާރުވެރިކަން ހޯދައިދިނުމަށް އުރީދޫއިން ކުރަމުންދާ މަސައްކަތުގައި ވަރަށް މުހިންމު ލަނޑުދަނޑިއެއް ކަމަށެވެ. އަދި މިއީ މުޅި ރާއްޖޭއަށް ހުޅުވާލައިގެން ފުރަތަމަ އޮންލައިން މުބާރާތުގައި 16 އަތޮޅެއްގެ ކުޅުންތެރިން އެމީހަކު ތިބިތަނަކުން ކުޅެ އަމިއްލަ ރަށް ތަމްސީލު ކުރުމުގެ ފުރުސަތު ލިބިގެންދިޔަ މުބާރާތެއް ކަމަށެވެ.

މި ލީގު ކާމިޔާބުކަމާއެކު ނިންމާލުމާއެކު، އުރީދޫ މޯލްޑިވްސްއިން ދަނީ ޑިޖިޓަލް ލައިފްސްޓައިލް ކުރިއަރުވައި، ދިވެހި ހުނަރުވެރިން ކުރިއަރުވައި، ބައިނަލްއަޤްވާމީ އީސްޕޯޓްސް ސްޓޭޖަށް ރާއްޖެ ގެނައުމަށް ކުރަމުންދާ މަސައްކަތްތައް އިތުރަށް ވަރުގަދަވަމުންކަމަށް އުރީދޫއިން ބުނެއެވެ.