ގައުމީ ފުޓްސަލް ޓީމުގެ ކުޅުންތެރިޔާ އަލީ ހާފިޒް (ހާއްޕެ) ގެ ފަޔަށް ލިބުނު އަނިޔާއަށް ފަރުވާކުރުމުގެ ޚަރަދު ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް(އެފްއޭއެމް) އާއި އެންސްޕާއިން ހަމަޖައްސައިދީފައިވާ ކަމަށް އެ އެސޯސިއޭޝަންގެ ރައީސް އަޙްމަދު ޠާރިޤު ވިދާޅުވެއްޖެއެވެ.
ހާފިޒަށް އަނިޔާވީ މިދިޔަމަހު މިޔަންމާގައި ކުރިޔަށް ދިޔަ އޭއެފްސީ އޭޝިއަން ފުޓްސަލް ކަޕް ކޮލިފައިންގައި މިޔަންމާއާ ދެކޮޅަށް ކުޅުނު މެޗުގައެވެ. ފައިގެ ކުޑަހުޅަށް ލިބުނު އަނިޔާއަކާއި ގުޅިގެން މެޗު ނިމެން ގާތްވެފައިވަނިކޮށް ހާފިޒް ބޭލީ އަށިގަނޑަށް ލައިގެންނެވެ.
ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓްސަލް ތަރި ހާފިޒު ވަނީ އެ މެޗުގައި މޮޅު ކުޅުމެއް ދައްކާ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައެވެ.
އޭނާގެ ފަރުވާއަށް ސަރުކާރުން އެހީ ނުވާކަމަށްބުނެ ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓަކަށް ރައްދު ދެއްވައި ޠާރިޤު ވިދާޅުވީ އަނިޔާވި ފުޓްސަލް ކުޅުންތެރިޔާ އިންޑިއާއިން އޮޕަރޭޝަން ކުރުމަށް އެއްބަސްވީ ބުރާސްފަތި ދުވަހުގެ މަޝްވަރާއަށްފަހުގައި ކަމަށެވެ. އަދި އޮފަރޭޝަނަށް ދާނެ ޚަރަދާއި ކުޅުންތެރިޔާ އާއި 2 އެހީތެރިންނަށް ތިބުމާއި ކެއުމުގެ ޚަރަދު ކުރާނީ އެފްއޭއެމް އާއި ސަރުކާރުގެ އެންސްޕާގެ އެހީތެރިކަމާއެކުގައި ކަމަށެވެ.
2022 ވަނަ އަހަރުން ފެށިގެން ގައުމީ ފުޓްސަލް ޓީމުގައި ހިމެނޭ ހާފިޒު ވަނީ މިހާތަނަށް ގައުމީ ޓީމަށް 11 މެޗު ކުޅެދީ 6 ލަނޑު ކާމިޔާބުކޮށްދީފައެވެ.
ހާފިޒަށް ލިބިފައިވާ އަނިޔާއާއި ގުޅިގެން މިއަހަރުގެ ކްލަބް މޯލްޑިވްސް ކަޕްގައި އޭނާއަކަށް ނުކުޅެވެއެވެ. ރޯޑް ރެކްރިއޭޝަން ކުލަބު (އާރްއާރްސީ) ގައި މުހިންމު ދައުރެއް މިދިޔަ އަހަރުވެސް އަދާކުރި ހާފިޒު މެޗުތަކުން ނުފެނުނުކަމުގައިވިޔަސް ކްލަބް މޯލްޑިވްސް ކަޕްގައި އާރްއާރްސީ ކުޅޭ މެޗުތައް ބަލަން ދަނޑުގައި އިނދެއެވެ.
ހާފިޒަށް މިއަހަރުގެ ކްލަބް މޯލްޑިވްސް ކަޕްގައި ނުކުޅެވުނު ނަމަވެސް ކުލަބު މޯލްޑިވްސްއިން ވަނީ އޭނާއަށް ޝުކުރުގެ ހަނދާނީ ފިލައެއް ހަވާލުކޮށްފައެވެ. އަދި އަނިޔާއިން ރަނގަޅުވެ އަލުން އެނބުރިއައުމަށް އޭނާއަށް ހިތްވަރުދީފައެވެ. އޭނާއަކީ މިދިޔަ އަހަރުގެ ކްލަބް މޯލްޑިވްސް ކަޕްގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެކެވެ.